ރައީސް ޑރ. މުއިއްޒު، ސިއްހީ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރެއްވި މޫސާ އަންވަރަށް (ވ) އެވޯޑު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2025 - 10:23
ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު، ދައުލަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި މޫސާ އަންވަރަށް މިއަދު އަރުވައިފި އެވެ.
އައްޑޫ މީދުއަށް އުފަން މޫސާ އަންވަރަށް، ސިއްހީ ދާއިރާއިން ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ އިނާމު އެރުވީ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މޫސާ އަންވަރު މަސައްކަތްކުރައްވަން ފެއްޓެވީ އައްޑޫ ގަމުގައި އިނގިރޭސީން އުޅުނު ދުވަސްވަރު، ރޯޔަލް އެއާ ފޯސްގެ ރީޖަނަލް ސެންޓަރުގަ އެވެ. އުމުރުން 16 އަހަރުގައި މަސައްކަތްކުރައްވަން ފުރުސަތު ލިބިވަޑައިގަތީ އިނގިރޭސި ބަސް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ.
President Dr @MMuizzu confers the Most Distinguished Service Medal to Moosa Anwar, for his remarkable services in the Health Sector. pic.twitter.com/BBQvkjS3eX
— The President's Office (@presidencymv) November 11, 2025
އެއަށްފަހު، ދައުލަތަށް ރަސްމީކޮށް ހިދުމަތްކުރައްވަން ފެއްޓެވީ މާލެއަށް ދިރިއުޅުން ބަދަލުކުރެއްވުމަށް ފަހު، 1977 ވަނަ އަހަރެވެ.
އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެލައިޑް ހެލްތު ސާވިސަސްގައި ޕްރެކްޓިކަލް ނަރުހަކަށެވެ. އެ ތަނުގައި މޫސާ އަންވަރު ވަނީ ނަރުހުންނާއި ހެލްތު ވޯކަރުންނާއި ފާމަސިސްޓުން ތަމްރީނުކުރައްވައިފަ އެވެ. އަދި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި ވެސް އޭނާ ވަނީ އިސްދައުރެއް އަދާކުރައްވައިފަ އެވެ.
ހެލްތު މިނިސްޓްރީގައި މޫސާ އަންވަރު ވަނީ ހެލްތުގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އެ ޒިންމާތަކުގައި، ރަށްރަށުގައި ރީޖަނަލް ހޮސްޕިޓަލްތައް އެޅުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމާއި ހިދުމަތްތައް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަރުހަލާގައި ވެސް އުޅުއްވި އެވެ.
އޭގެ އިތުރުން ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓުކުރުމުގައި މަސައްކަތްކުރެއްވި އެވެ.
ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހިދުމަތްކުރެއްވުމަށްފަހު އެންމެ ފަހުން ވަކިވެވަޑައިގެންނެވިއިރު މޫސާ އަންވަރު މަސައްކަތްކުރެއްވީ އެމްއެފްޑީއޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައިން
14 November 2025
މޫސާ އަންވަރަށް މަރުހަބާ.
ޑިިން
11 November 2025
މޫސާ އަންވަރަށް މަރުހަބާ. މޫސާ އަންވަރުގެ ނަން އައިމާ ހަމަ އަހާލާހިތްވޭ އަނެއް މުސާ އަންވަރުގެ ވާހަކަ. ޔޫކޭއަށްދިޔަ މޫސާ އަންވަރު.