ދުނިޔެ / ޕާކިސްތާން

އިސްލާމްއާބާދުގައި ވެސް ބޮން ގޮއްވައި 12 މީހަކު މަރާލައިފި، ޕާކިސްތާނުން ކުށްވެރިކުރީ އިންޑިއާ

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓު އިމާރާތެއްގެ ބޭރުގައި މިއަދު ދިން ހަމަލާގައި ރޯވެފައިވާ ކާރެއް ނިއްވަން މަސައްކަތްކުރާއިރު ފޮރެންސިކް ޓީމުތަކުން ސީންގައި ހަރަކާތްތެރިވަނީ: މި ހަމަލާގެ ޒިންމާ ޕާކިސްތާާނުގެ ތާލިބާނުން ވަނީ އުފުލާފައި. -- ފޮޓޯ: އޭއެފްޕީ

11 ނޮވެމްބަރ 2025 - 18:15

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ކޯޓު އިމާރާތެއްގެ ބޭރުގައި އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި މިއަދު 12 މީހަކު މަރާލައިފި އެވެ.

އިސްލާމްއާބާދުގައި މިފަދަ ހަމަލާއެއް ނުދޭތާ އެތައް އަހަރެއް ފަހުން ދިން މި ހަމަލާގައި 12 މީހަކު މަރުވުމުގެ އިތުރުން 27 މީހަކު ޒަހަމްވެފައިވާ ކަމަށް އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ އިންޑިއާގެ އެހީތެރިކަމާ އެކު ޓެރަރިސްޓުން ދިން ހަމަލާއެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އިސްލާމްއާބާދުގައި އެންމެ ފަހުން މިފަދަ ބޮމުގެ ހަމަލާތައް ދީފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

"އަޅުގަނޑުމެން މި އަންނަނީ ހަމަލާ ދިން މީހާ ދެނެގަތުމާއި އެ މީހާ އައީ ކޮން ތާކުންތޯ ދެނެގަތުމުގެ މަސައްކަތްކުރަމުން،" ސަރުކާރުގެ އެތައް އިމާރާތެއް ހުންނަ ސަރަހައްދެއްގައި ދިން ހަމަލާއާ ބެހޭ ގޮތުން ނަގްވީ ވިދާޅުވި އެވެ.

އޭނާ މި ވާހަކަ ދެއްކެވިތާ މާ ގިނަ އިރުތަކެއް ނުވެ ޕާކިސްތާނުގެ ތާލިބާނުން ވަނީ މި ހަމަލާގެ ޒިންމާ އުފުލައިފަ އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ހަމަލާ ދިން ސަރަހައްދު ބަންދުކޮށް ތަހުގީގު ޓީމު ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެމެންގެ ހަނގުރާމަވެރިން ވަނީ އިސްލާމްއާބާދުގައި ހުންނަ ޖުޑީޝަލް ކޮމިޝަނަށް ހަމަލާދީފައި. ހަމަލާ އަމާޒުކުރީ ޕާކިސްތާނުގެ 'ލާދީނީ' ގާނޫނުތަކުގެ ދަށުން ހުކުމްތައް އިއްވާ ފަނޑިޔާރުންނާއި ވަކީލުންނާއި އޮފިޝަލުންނަށް،" ތާލިބާނުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ޕާކިސްތާނުގައި "އިސްލާމީ ޝަރީއާ" ތަންފީޒު ނުކުރާ ނަމަ އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމަށް ބުނެފަ އެވެ.

އިސްލާމާއާބާދުގައި މި ހަމަލާ ދީފައި މި ވަނީ އިއްޔެ އިރު އޮއްސުނު ވަގުތު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ސަރަހައްދުގައި ވެސް ކާރެއް ގޮވައި އަށް މީހަކު މަރުވެފައި ވަނިކޮށެވެ.

މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ރަސްމީކޮށް އަދި ނުބުނި ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާވައިގެން ހިންގި އަމަލެއް ކަމަށް ވިދާޅުވެ މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި އަބަދު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިއީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ކަޝްމީރުގެ ޕަހަލްގަމް ޓޫރިސްޓް ސައިޓުގައި ދިން ބަޑީގެ ހަމަލާތަކެއްގައި 26 ހިންދޫން މަރާލި ހާދިސާގެ ފަހުން އިންޑިއާގައި ހިނގި އެންމެ ބޮޑު ހާދިސާ އެވެ. އެ ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްތާނަށް ތުހުމަތުކޮށް ފެށި ހަމަލާތަކާ އެކު ދެ ގައުމުގެ މެދުގައި ކުރު ހަނގުރާމައެއް ވެސް ވަނީ ހިނގައިފަ އެވެ.

ނަމަވެސް ކާރު ގޮވި ހާދިސާ އަކީ ހަމަލާއެއް ކަމަކަށް އިންޑިއާގެ އޮފިޝަލުން އަދިވެސް ސީދާ ނުބުނެ އެވެ. އޮފިޝަލުން ބުނެފައިވަނީ އެކަމާ ބެހޭ ގޮތުން ސާފުކޮށް އެއްޗެއް ބުނަން އެނގޭނީ ފޮރެންސިކް ތަހުލީލުތަކަށް ފަހުގައި ކަމަށެވެ. -- އޭއެފްޕީ

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454