އައިޕީޔޫގެ ސްޕީކާސް ކޮންފަރެންސްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: ޓެރަރިޒަމް ފަދަ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭނީ ގައުމުތައް ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ރައްޔިތުންގެ މަޖިލީހުގެ އިދާރާ
12 ނޮވެމްބަރ 2025 - 14:03
ޓެރަރިޒަމާއި ސައިބާ ކްރައިމް ފަދަ ގޮންޖެހުންތަކަށް އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ގުޅިގެން މަސައްކަތް ކޮށްގެން ހައްލުތައް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ކުރިއަށްދާ އިންޓަ ޕާލަމެންޓްރީ ސްޕީކާސް ކޮންފަރެންސްގައި އިއްޔެ ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އަމާން ކަމާއި ތަަރައްގީއަކީ މިޒަމާނުގައި ވަކި ނުކުރެވޭނެ ދެކަންތައް ކަމަށެވެ. އޭގެ ތެރެއިން ކަމެއް ގެއްލިއްޖެ ނަަމަ އަނެއް ކަންތައް ދެމެހެއްޓިގެން ނުދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޓެރަރިޒަމް، ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން އަދި ސައިބާ ކްރައިމް ފަަދަ ގޮންޖެހުންތަަކަށް ޕާލަމެންޓްތަކުން ރައްދު ދޭން ޖެހޭނީ ކޯޑިނޭޓްކޮށްގެން، ދުރާލާ އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ގެންނަ ގާނޫނީ ހައްލުތަކަކުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ އަމާޒަށް މަސައްކަތް ކުރުމަށްޓަކައި އެ ކޮންފަރެންސްގައި ފާސްކުރި "އިސްލާމްއާބާދު ޑެކްލަރޭޝަން" އަށް މަގުޗާޓް އެކުވާލުމުގައި ހަރަކާތްތެރި ގޮތެއްގައި ބައިވެރިވާން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮތީ ތައްޔާރަަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަނީ އިންސާނީ ކާރިސާތައް ކަމަށާއި އެެ ކާރިސާތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބެނީ އަންހެނުންނާއި ކުޑަކުދިންނަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ހާލަތްތަކުން އަޅުގަނޑުމެންނަށް މި ހަނދާންކޮށްދެނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފާއި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ގެއްލުން ބޮޑުކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނަށް އެއީ މާ ދުރުގައިވާ ކަންތައްތައް ނޫން ކަމަށާއި އެއީ ވަރަށް އަވަހަށް އެޑްރެސްކުރަން ޖެހޭ "މޯރަލް ރެސްޕޮންސިބިލިޓީ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަންތައްތަކުން [ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އިންސާނީ ކާރިސާތަކުން] އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އަޅުގަނޑުމެންގެ ޒިންމާއަކީ ހަމަ އެކަނި ގާނޫނު ހެދުމެއް ނޫންކަން. މީހުންގެ ފުރާނަ އާއި އިންސާނީ ކަރާމާތް ދިފާއު ކުރުމަކީ ވެސް އަޅުގަނޑުމެންގެ ވާޖިބެއްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އިންސާފާއި ހަމަޖެހުމާއި ފާގަތި މުސްތަގުބަލެއް ހޯދަން ޕާކިސްތާނާއި އެ ކޮންފަރެންސްގައި ބައިވެރިވި އެހެން ގައުމުތަކާ އެކު ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
12 November 2025
ރަހީމްބެ ތިކަމާ އުޅޭނެ ކަމެއް ނެތް، ރަހީމްބެ ހުރޭ ރަސްމީ ފާލަން ދޮށުގަ އިންޑިއާއައުޓް ޖެހި ރަތް ޓީޝާޓެއް ލައިގެން، އެއީ ރަހީމްބެގެ މިންގަނޑަކީ.
ކައްޒާބުދޮންތުއްތު
12 November 2025
އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ އިނގިރޭސިބަހުންތަ ނޫނީ އުރުދޫއިންތަ؟
ޑެބީ
12 November 2025
ހައްލު ހޯދުމުގެ ފިޔަވަޅެއްގެ ގޮތުން އަދުރޭ އެހުރީ ސައިޑްލައިން ކޮށްފައި
ޢަނީސް
12 November 2025
ޢަޅުގަނޑަށް ހީވަނީ ފަހަކަށްއައިސް ރާއްޖޭގެ ސަރުކާރުތަކަށް އަންނަވެރިންނަކީ މިރާއްޖޭގެ އެތެރޭގައި ކަންހިނގާގޮތާއި އަދި މަގާމުތަކުގައިތިބެ ޒިންމާދާރުކަމާއިއެކު ވަޒީފާއަދާނުކޮށްތިބެމެ، އެހެންމީހުންއޮޅުވާލަން ދުރުހިސާބުގެ ޕޯޑިއަމްތަކަށްއަރާ މާބޮޑެތިވާހަކަދެއްކުމުން ތިމާގެ ވަޒީފާގައި އިހުމާލުވިކަން ރައްޔިތުން ހަނދާންނެތިދާނެކަމަށް ހީކުރާބަޔަކު ޢާއްމުވެއްޖެހެން.
އަފްރާސިޔާބު
12 November 2025
ތިޔަ ހީކުރި ގޮތަށް ކަންތައް ހިނގަނީ. ރާއްޖޭގެ ރައްޔިތުންނަށް ތަނެއްދޮރެއް ދޮރާއްޓެއް ވަކިނުވާތީތާ ވެރިކަން ހިންގުމުގެ ބާރަށް އަނެއް ދެބާރު ކަމަށް ބުނާ (ރައްޔިތުންގެ މަޖިލިސް/ އަދުލު އިންސާފުގެ) ބާރު އެއްކޮށްލުމަށް ވޯޓު ދިނީ. އެގޮތަށް ވޯޓު ދީފައި މިބުނަނީ ހާދަ ދެރައޭ ރައީސް ކަންތައް ކުރާގޮތުން. ޖަވާބުދާރީވެސް ނުވެޔޭ. ތިމަންމެން ރައްޔިތުން އަތުން މަކަރުން ބާރު އަތުލައިފިޔޭ. މެންބަރުންތީ އެކަމާ ގަންނާކުރައްވާ ބިރުން ޗުޕްވެސް ކިޔަންނުކެރިފައޭ.
ޑަކު
12 November 2025
އަދުރޭގެ ހިސާބު ގޯހެއްނުވާނެ.