ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް އެ ބޭންކުގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް
19 ނޮވެމްބަރ 2025 - 10:12
މި އަހަރު ނިންމާލާނީ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހުރިހާ ގޮތަކުން ވެސް އެންމެ ކާމިޔާބު އެއް އަހަރުގެ ގޮތުގައި ކަމަށް އެ ބޭންކުގެ ސިީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ އިއްޔެ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މާލީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި މި އަހަރު ނިންމާލާނީ އެ ބޭންކުގެ ފައިދާ އާއި ފައިނޭންޝަލް ރޭޝިއޯތަކަށް ބެލިޔަސް "އެންމެ ވަރުގަދަ" އެއް އަހަރުގެ ގޮތުގައި ކަމަށެވެ.
"އެއީ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ނަމްބަރުތަކުން އަޅުގަނޑުމެންނަށް އެކަން އެބަ ހާމަވޭ،" ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ސްޓްރެޓެޖިކް ޕްލޭނުގައިވާ ގޮތުން ވެސް އެ ބޭންކުގެ ވިޔަފާރިތައް އިތުރަށް ދާނީ ފުޅާކުރަމުންނެވެ. އެހެންވެ، މި އަހަރަށް ވުރެ އަންނަ އަހަރު އަދި މާ ބޮޑަށް ވެސް ކާމިޔާބު ވާނެ ކަމަށް ޝަރީފް ގަބޫލު ކުރައްވަ އެވެ.
އޭނާ ވިދާޅުވީ، 10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ފެށި ބީއެމްއެލް މިއަދު 15 ބިލިއަން ރުފިޔާގެ ކެޕިޓަލަކަށް ބަދަލުވެފައިވާއިރު އާންމުންނަށް ވެސް ބޮޑެތި އެހީތަކެއް ވަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ބޭންކުން ބޮޑެތި ލޯނުތަކެއް ދޫކޮށް، ބޮޑެތި ފައިދާތަކެއް ހޯދުމުގެ ބޭނުމަކީ "ބޮޑު ބޭންކަކަށް" ހެދުމަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން އިންތިޒާމު ކޮށްގެން އައްޑޫގައި މިދިޔަ މަހު އައްޑޫ ހިތަދޫގައި ބޭއްވި "ބީއެމްއެލް ކާނިވާ: ސީއެސްއާރަށް އެންމެ ބޮޑެތި ހޭދައެއް ކުރާ ބޭންކަކީ ވެސް ބީއެމްއެލް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން ބޭނުންވޭ މި އަށް ވުރެ ބޮޑަށް ކެޕިޓަލް އިތުރުކޮށް އަޅުގަނޑުމެންގެ ވިޔަފާރި އިތުރަށް ފުޅާކޮށް އަދި ރާއްޖެ އިން ބޭރަށް ވެސް ފުޅާވެގެންދާން. އެ ގޮތަށް ބަލާއިރު ބޭންކު މި އޮތީ ހަމަ އެ ލެވެލް އަށް އިރާދަކުރެއްވިއްޔާ އާދެވިފައި. ބޭންކުގެ ވިޔަފާރިތައް ރަނގަޅު، ބޭންކުގެ ރިސްކު މެނޭޖުމަންޓު ވަރަށް ވަރުގަދަ،" ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ "ސްޓްރެންތު" ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ވެސް ގަބޫލު ކުރެ އެވެ.
ބީއެމްއެލް އަށް އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވީ، އެ ބޭންކު ހިންގަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކުން ބޭރު ނުވާ ކަމުގެ ކަށަވަރުކަން ދެއްވި އެވެ.
"މިކަން އެންމެ ބޮޑަށް ޔަގީން ކުރެވޭނީ އަޅުގަނޑުމެންގެ އޮޑިޓުން. އަޅުގަނޑުމެންނަކީ އަހަރަކު އެއްފަހަރު އޮޑިޓްކުރާ ކުންފުންޏެއް. މިހާރު ވެސް އޮޑިޓް އެބަދޭ އަހަރު ނިމޭތީވެ. އެނުއަލް ޖެނެރަލް މީޓިން އޮވޭ. އަޅުގަނޑުމެން ހިއްސާދާރުންނަށް ޒިންމާވަން. އެ ހުރިހާ މައުލޫމާތެއް އޭޖީއެމްގައި ވެސް ހުށަހަަޅަން،" ޝަރީފް ވިދާޅުވި އެވެ.
"ބޭންކު ދާނީ މިހާރު މި ހުރި ވަރަށް ވުރެ އެތައް ގުނައެއް ކުރިއަރައިގެން. ފައިދާ ވެސް އިތުރުވެގެން އަދި ކުރެވޭ ކަންކަން ވެސް އިތުރުވެގެން ކަން އަޅުގަނޑު ހިއްސާދާރުންނަށް ޔަގީންކޮށް އަރުވަން،" ސީއީއޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސާ ހަމީދު
19 November 2025
ދިވެހިންގެ ބޭންކް ދިވެހިންނަށް މިސަރުކާރުން ހޯދަދީފި
ތިބިޔާން
19 November 2025
ބޭންކުގެ ބޭނުން ހަގީގީ މާނާގައި މިހާރު އެބަ ވޭ. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެބަ އިންވެސްޓް ކުރެވޭ
އަދުގަމް
19 November 2025
އަސްލުވެސް. ދިވެހިންގެ ބޭންކް ގޮތުގައި މިހާރު އެބަ ހިގާ މިހާރު
އޭކުސަވާލް
19 November 2025
10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ފެށި ބީއެމްއެލް މިއަދު 15 ބިލިއަން ރުފިޔާގެ ކެޕިޓަލަކަށް ބަދަލުވީ ކަސްޓަމަރުން އަތުން ނެގި އިންޓެރެސްޓުން ދެއްތޯ؟
ހަމްދާނު
19 November 2025
މިހާރު ދިވެހިންގެ ބޭންކުން އާއއްމު ރައްޔިތުނަށް ފައިދާވާނެ އެތައްކަމެއް ދަނީ ކުރަމުން، މީގެ ކުރިން ފެނިގެން ދިޔައީ ވިޔަފާރި ވެރިންނަށް ފަހި ތަނެއްގެ ގޮތުގައި އެހެންނަމަވެސް މިހާރު އެންމެހާ ރައްޔިތުންނަށް ފައިދާ ވާ ކަންކަން ބޭންކުން ކުރާ ތަން ފެންނަނީ
ހަމްދާ
19 November 2025
ރައީސް މުއިއްޒު ވެރިކަމަށް އައި ފަހުން ދިވެހީންގެ ބޭންކަކީ ދިވެހިންނަށް ފަހި ތަނަކަށް ވެއްޖެ ކަމުގެ އިހުސާސް ކުރެވޭ
މަޖިލިސް2222
19 November 2025
އަދިވެސް ޑޮލަރު 21 ގައި. ފޮނިބައިސާ ކެނޑުން ފިޔަވައި އިތުރު ކަމެއް ނުވޭ. ލޯނުވެސް އެމްޕީންނަށް. ރައްޔިތަކަށްވީ ފައިދާއެއް އަޅެ ސަރީފު ބުނެބަލަ…
ޢަލީ ބަލީ
19 November 2025
ބޭންކް އަކުން ނުވިއްކާނެ ޑޮލަރ 21 އަކަށް
ބޭންކްހިއްސާދާރެއް
19 November 2025
ބޭންކްގެ ފައިނޭންޝަލްސް ރަގަޅުވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ބޭންކުން ހިފަހައްޓަމުންއައި ރަގަޅު ނިޒާމްތަކާ ސިޔާސަތުތަކުގެ ސަބަބުން، ބޭންކުންވަނީ ސަރަހައްދުގައިވެސް އެންމެ ރަގަޅު ގަވަނަންސް އަދި ސިސްޓަމެޓިކް ބޭންކިން އެޕްރޯޗެ ގެންގުޅެފަ. ޕްލޭނެއްގެ ދަށުން ކަސްޓަމަރުންނަށް ޕްރޮޑަކްޓް ފޯރުކޮށްދެވި އޭގެ ފައިދާ އެއްކަމެއް ނުކުރިޔަސް ބޭންކަށް ލިބޭނޭގޮތަށް ފަރުމާކުރެވިގެން. މިހާރު ކަންކަން ވާ ގޮތުން އޭގެ ނޭދެވޭ އަސަރު ފެންނަން ދުވަސްކޮޅެއް ނަގާނެ،
ރަޝީދު 11
19 November 2025
އަސްލު ބޭންކުގައި ދިވެހިން ތިބީމަ ވަރަށް ރަނގަޅު ބަދަލު އެބަ ފެނޭ. ކުރިން ނުވާނެކަމަށް ބުނާ!
ވިނަ
19 November 2025
މިހާރު ތިބީ ވިޔަފާރިވެރިން. ނޮޓް ބޭންކާސް....