އުރީދޫ އާއި އީޒްއެޕާއެކު ގާއިމްކުރި އެއްބަސްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އުރީދޫގެ އެމްފައިސާ މެދުވެރިކޮށް އަންނަ މަހުން ފެށިގެން އީޒްއެޕްގައި ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
23 ނޮވެމްބަރ 2025 - 15:25
އޮންލައިން ވިޔަފާރިތަކާއި ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކާ ގުޅުވައިދޭ "އީޒްއެޕް" އެޕްލިކޭޝަންގައި ފައިސާ ދެއްކުމަށް އެމްފައިސާ ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްއިން އީޒްއެޕާއެކު މިއަދު ސޮއިކުރި ޕާޓްނާޝިޕްގެ ދަށުން އެ އެޕަށް އެމްފައިސާ މެދުވެރިކޮށް އަންނަ މަހުން ފެށިގެން ފައިސާ ދެއްކޭނެ އެވެ. އީޒްއެޕަކީ ކާބޯތަކެއްޗާއި ޓެކްސީ އާއި އެކި ހިދުމަތްތައް ދޭ ސާވިސް ޕްރޮވައިޑަރުން ގުޅުވައިދޭ މޮބައިލް އެޕެކެވެ.
އެ ޕާޓްނާޝިޕާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުނީގެ މަގްސަދަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އީޒްއެޕާއެކު ޕާޓްނާޝިޕް ހެދީ އެމްފައިސާ މެދުވެރިކޮށް އަވަސް އަދި ރައްކާތެރިކަމާއެކު އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށާއި އަދި އެ އެއްބަސްވުމަކީ އީޖާދީ އުފެއްދުންތައް މެދުވެރިކޮށް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރަން ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޕާޓްނާޝިޕާ ގުޅޭގޮތުން އީޒްއެޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުالله މިއުވާން ޝަރީފް ވިދާޅުވީ އީޒްއެޕްގައި އަބަދުވެސް ވިސްނުން ހުރީ ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށް ދިނުމަށް ކަމަށާއި އަދި އެމްފައިސާ އިންޓަގްރޭޓް ކުރުމާއެކު ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް އޮޕްޝަނެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އެޕަކީ ޒަރޫރީ ބޭނުންތަކަށް ފަސޭހައިން ކާބޯތަކެއްޗާއި އެ ނޫން ވެސް ހިދުމަތްތައް ލިބޭނެ އެޕެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫ ފިންޓެކްއިން ބުނީ އެ ޕާޓްނާޝިޕަކީ އެ ކުންފުނިން ކޭޝްލެސް މުސްތަގްބަލެއް ބިނާކުރަން އެކި ފަރާތްތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި އުރީދޫގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމްފައިސާ މެދުވެރިކޮށް ރައްކާތެރިކަމާއެކު މުއާމަލާތް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާނުވާ.
23 November 2025
ޢީޒް އެޕް ބާއްވާފަ...މިހާރު ތި ޔުއާނުން ޓީޓީ ފޮނުވޭގޮތް ހެދި ފަހުން ޗައިނާޔައް ޓީޓީ އެއް ފޮނުވަން ހަދަން ވީ ގޮތް ބމލ ގެ ކޯލް ސެންޓަރުގަ ތިބޭ ކުދިން ވެސް ކިޔައިދެނީ ނުބައިކޮން!
ސާންޑު
23 November 2025
އީޒީއެޕު ބާއްވާފާ ޕޭޕޭލުގެ ކަންތައް އަވަސްކުރޭ.
ޔެސް
23 November 2025
އާނއެކޭ