ކޮމިޓީގެ ބައްދަލުވުން ހޫނުވެ ތިން މެންބަރުން މައިކަށް ގެއްލުން ދެނީ: އެ މެންބަރުންނަށް ފިޔަވަޅު އަޅަން މިއަދު ވަނީ ނިންމާފައި --
25 ނޮވެމްބަރ 2025 - 13:09
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި މައިކަށް ގެއްލުންދިން މައްސަލާގައި ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާގެ ބިލާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި، މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފަ އެވެ. އެ މައްސަލާގައި ފިޔަވަޅު އަޅަން މިއަދު ކޮމިޓީން ނިންމީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން އަދި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރަށެވެ.
އެ މައިކް ސިސްޓަމްގެ އަގަކީ 34،800 ރުފިޔާ އެވެ. ކޮމިޓީން ނިންމާފައިވަނީ ތިން މެންބަރުންނަށް ބަހާލައިގެން އެ އަގު މަޖިލީހަށް ދެއްކުމަށް ތިން މެންބަރުންނަށް އެންގުމަށެވެ.
އެ ތިން މެންބަރުންގެ އިތުރުން ދެން ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށެވެ. އޭނާއަށް ފިޔަވަޅު އަޅަން ނިންމީ މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުންދިން މައްސަލައެއްގަ އެވެ. އެ މައިކްގެ އަގަށްވާ 3،000 ރުފިޔާ ދައްކަން އަންގަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މައިކަށް ގެއްލުންދިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ހޫނުވީ، މިޑިއާ ރެގިއުލޭޓްކުރާ ބިލާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރު މައުރޫފް ޒާކިރު މައިކް އޮންކުރުމަށްފަހު ވާހަކަދައްކަވަން ފެއްޓެވުމުންނެވެ. އެއާއެކު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ވަނީ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެކަން ހުއްޓުވައިފަ އެވެ. އަދި އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކުގެ ވާގަނޑުގައި ހިފަހައްޓައި އިމްރާނަށް ދަމައިނުގަނެވޭ ގޮތަށް ހިފަހައްޓަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަނާހާ
26 November 2025
މަޖިލިހުގައި ކުރާ ބޭ އަދަބީ އަމަލުތައް ތަޖުރީމް ކުރަން ގޮވާލަން
ފރއ4އ4
25 November 2025
މިއީ އަޅޭފަހެ ކުޑަކުދިންތަ އެއްވެސް ކަހަލަ ސެލްފް ކޮންޓްރޯލެއް ނެތިގެން މިއުޅެނީ
މަ ބުނީ
25 November 2025
މަ ބުނީ ރައްޔިތުންނާއި ސަރުކާރާއި " ދަޢުލަތަށް " މަންފާބޮޑީ އެމް އެމް ޕީ އާރު ސީ ހިޔާނާތުން މިހާރުގެ މެމްބަރުންނާއި އަދި ކުރީގެ މެމްބަރުން ނެގި ފައިސާ ތިމާމެން މަރުވުމުގެކުރިން ދަޢުލަތަސްދެންކުމެވެ. ކޮންމެހެން މައިކުގެ އަގުއަދާކޮށް ހިތުގަނުވާ އިހުލާސްތެރިކަން ދަންކަށް ނޫޅޭށެވެ !
ބޮކިއަލިބެ
25 November 2025
ފިޔަވަޅު އަޅާނެކަމެއްނެތް. ފިޔަވަޅަކީ ކޯޗެއްކަމެއް މިހާރަކު ސާފެއްނޫން. ގައުމާއި ރައްޔިތުންގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލު އަދި ކުށްކުރުމުގެ އަދަބު މަޖިލިސްގެ ހުރުމަތްކެޑުމުގެ އަދަބު ދޭންޖެހޭ. އެކަން ކުރޭ
2737373
25 November 2025
ފޮޓޯއިން ފެންނަނީ އިމްރާން މައިކް އުފުރާލާތަން. މައުރޫފް މައިކްގައި އަތްލާފައެއް ނެތް. ސަމީރު ހުރީ ވާގަނޑުގައި ފިފަހައްޓައިގެން.
ޢޭއެމް
25 November 2025
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާންގެ ޕާޓީ ގެ ނަން ބުނަން ނުކެރުނީ ތޯ
ޝޯމޭން
25 November 2025
ކޮމިޓީގެ ކަރާމާތް ގެއްލުވާލީމަ ކޮންމެ މެމްބަރަކު މިލިއަނެއް ވަރުން ޖޫރިމަނާ ކޮށްލާފަދޯ މައިކުގެ ލާރިދޭން ބުނަންވާނީ. ތީކީ ދެން އަދަބެއް ނޫނެއްނު.
އަލީ ފ
25 November 2025
ދައުލަތުގެ މުދަލަކަށް އާއްމު ރައްޔިތަކު ގެއްލުމެއް ދީފިނަމަ ހަމަ އަދުދިނުމުން ނިމޭތޯ. ގާނޫން އަސާސީ ގަ އެންމެން ހަމަހަމަ އޭ ބުނާތަންކޮޅު މަޖްލީސް މެންބަރަކާ ޖެހުނީމަ އޮޅާލީ ދޯ
ރާއްޖެތެރެ ސޮރު
25 November 2025
34800 ރުފިޔާ 3 މެންބަރުންނަށް ބަހާލުމުން މެންބަރަކަށް 11600 ރުފިޔާ އެވެ. އެއީ އާދައިގެ ސިވިލް ސަރވެންޓެއްގެ މަހު މުސާރައެވެ. އަދި މެންބަރެއްގެ މުސާރައިގެ ޒައްރެއްގެ މިންވަރެކެވެ. ޝުކުރިއްޔާ.