ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
08 ޑިސެމްބަރ 2025 - 15:28
ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ބިލުގައި އޮތީ ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާ އިސްލާހުކޮށް، "ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ހަމަޖެއްސުމަށެވެ.
އެހެންވެ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް އެ ބިލްގައިވެ އެވެ.
މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލްގައި ހުށަހަޅާފައިވެ އެވެ.
އެ ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭންޖެހޭނެ އެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ވޯޓަސްޕޯޓްސްގެ ހިދުމަތްދޭ ތަންތަނާއި ޑައިވް ސެންޓަރުތައް އަދި ސުވެނިއާ ޝޮޕްތައް ހިންގަން އެހެން ބަޔަކަށް ދިނުމަކީ އާއްމު ކަމެކެވެ. އެހެންވެ، ރިސޯޓް މުވައްޒަފުންނަށް ދޭ ސާވިސް ޗާޖް އެފަދަ ތަންތަނުގެ މުވައްޒަފުންނަށް ނުލިބެ އެވެ. އަދި އެ މީހުންނަށް މުސާރަ ދޭނީ ވެސް ރިސޯޓްތަކުން ނޫނެވެ.
ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި މައުރޫފް ވިދާޅުވެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ނަމަވެސް އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ އެވެ.
އެހެންވެ، އެ ބިލް ހުށަހެޅީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ކަމަށް އެ ބިލްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
08 December 2025
އެންމެ ފުރަތަމް ދިވެހިފައިސާ އުވާލާފަ ތާ އެހެން ފައިސާ އެއް ގެން ގުޅެންވާނީ. ގަމާރުކަން ވެސް ތަންކޮޅެއްބޯޑު
112233
08 December 2025
ހެޔޮނިޔަތެއް ނެއް ކުރަނީ ޖެއްސުން.
ޖާބިރު ދަ އެޑްވައިޒަރ
08 December 2025
ބޭރުފައިސާ އަކީ ކޯޗެއް؟؟ ދިވެހި ރާއްޖޭގެ ލީގަލް ޓެންޑާއަކީ ދިވެހި ރުފިޔާއެއްނޫންތަ؟؟ ބޭރުފައިސާ ވެދާނެ ދޯ ލަންކާ ރުޕީސް އަށްވެސް.
މުލޭ
08 December 2025
ތިބިލު ފާސްވީމަ ސާވިސް ޗާޖު ލިބޭނީ ޑޮލަރުން އެއްބައި، ޔޫރޯއިން އެއް ބައި، ޔުއާން އިން އެއް ބައި، އިންޑިއާ ރުޕީސް އިން އެއް ބައި، ދިވެހި ރުފިޔާއިން އެއް ބައި. ވަރަށް ސަޅިވާނެ އޭރުން. ކޮން ބޭރުފައިސާއަކުން ދޭކަށްތަ. ހުރިހާ އެއްޗެއް ވެސް ދޭންވީ ދިވެހި ރުފިޔާއިން. ތިކަމަކާހުރެ ކަޅުބާޒާރު ނައްތާ ނުލެވިގެން މިއުޅެނީ.
ޖައިޝަމް ސލޑ
08 December 2025
ގެނުވި އަސްލާހަކީ ހަމަ ވަރަށް ރަނގަޅު އިސްލާހެއް.. ރަނގަޅު އެއްގޮތެއް ބަޔަކު މީހުން އައް ނެތަސް މީ ހަމަ ފުރިހަމަ ނިންމުމެއް ވީމާ މިކަމާ ތާާޢީދު.
ލޮލްސް
08 December 2025
މުސާރަ ވިޔަސް ސަރވިސް ޗާޖް ވިޔަސް އެލަވަންސްއެއް ވިޔަސް ދޭންވާނީ ދިވެހި ރުފުޔާއިން. މީ ދިވެހިރާއްޖެ. ކޮން ހާ ސަކަރާތެއް.
މިއައު
08 December 2025
މިހާ ކުޑަ އިކޮނަމީއެއްގަ ލީގަލް ޓެންޑާއެއް އޮވެމެ، އޭތި ބައިޕާސް ކޮށްގެން ވާނެ ހައެތި މިހާރުމިވަނީ އަދި މި ބިލުން އިތުރަށް މިކަން ގޯސްވާނީ. ހުރިހާ މުސާރައެއް ދޭންޖެހޭނީ ދިވެހި ފައިސާއިން ހުރިހާ އެންމެނަށްވެސް މިރާއްޖޭގަ ނަމަ
މިލިސްކާން
08 December 2025
ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ އެވެ. މިއީ ގަސްތުގައި ޑޮލަރުގެ ކަޅު ބާޒާރު އުފެއްދުމަށް މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލެއްތޯ، ބޭރުފައިސާއިން ސާވިސް ޗާޖްނުދޭތީ އޭގެ މަންފާ ލިބުމަށް ހުރަސްއެޅޭ ކަމަށް މެމްބަރަށް ފެންނަނީ ބޭރުފައިސާ ރާއްޖޭގެ ގާނޫނު ހުއްދަނުކުރާ އަގެއްގައި ވިއްކުމަށް މުވައްޒަފުންނަށް މަގުފަހި ކުރުވަންތޯ،
ޑރ ވާންޗޯ
08 December 2025
ތިޔައުޅެނީ ކޮތަޅަކުން 2 ރުފިޔާ ރައިއްޔަތުން ބޮލުގަ އެޅުވިގޮތަށް ޑޮލަރުޓެކްސްވެސް އަނެއްކާ ރައިއްޔަތުމީހާގެ ބޮލުގައަޅުވަން. ޑޮލަރ 20 ގަވެސް ކަމުނުދިޔައީތޯ؟.
އަނެއްހެން ބިލް ރަނގަޅު
08 December 2025
އަނެއްކާ ވާނުވާނޭނގޭ ގޮތަކަށްނޫން ގާނޫން ފާސްކުރާނީ. ތާރޑް ޕާރޓީ މުއައްޒަފުންނަށް މިހާރުވެސް އެ އައުޓްލެޓެއްގެ ރެވެނިއުއިން ނަގާ ސާވިސްޗާޖް އެބަދޭ. އެހެންކަމަށްވަންޏާ ރިސޯޓުގެ މުއައްޒަފުންނާ އެއްވަރަކަށްތޯ ދޭންވީ ނޫނީ މިސާލަކަށް ވޯޓާސްޕޯޓްސް ރެވެނިއުއިން ނަގާ ސާވިސްޗާޖް އެތާނގެ މުއައްޒަފުންނަށް ދޭންވީތޯ މިއީ ގޮތެއް ސާފުކޮށް ނިމިފަ އޮންނަންޖެހޭ ކަމެއް.