ސިވިލް ސާވިސްގެ ވަޒީފާ ނުވަތަ ސަރުކާރުން ވަޒީފާ ދިނުމުގައި އަސްކަރީ ތަމްރީނު ފުރިހަމަ ކުރާ މީހުންނަށް ނޫނީ ވަޒީފާ ނުދޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޕީއެންސީގެ މެމްބަރު ޝަރީފް ވިދާޅުވީ، ފެންނަން އޮތް ހަގީގަތަކީ ކުރިން މައުހަދުން ކިޔެވި ދަރިވަރުންނަކީ އަހުލާގު ރަނގަޅު ކިޔަމަންތެރި އަދި ވެރިންނަށް ކަމޭހިތާ ބައެއް ކަމެވެ. މައުހަދުން ނުކުތް ދަރިވަރުންނަކީ ވަޒީފާގެ މާހައުލުގައި ވެސް ވަފާތެރިކަމާއި އަމާންނާތްތެރިކަމާ އެކު، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރަމުން އަންނަ ބައެއް ކަމަށް އޭނާ ވިދާޅުި އެވެ. 

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުން ވެސް މިހާރު ދަސްކުރަންވީ ފިޔަވަޅަކީ އެއީ ކަަމަށް ޝަރީފް ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ މިހާރު ވަޒީފާ އަށް ނުކުންނަ ޒުވާނުންގެ ސެޓްފިކެޓް ވަރަށް ފުރިހަމަ ކަމަށާއި ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. އެކަމަކު، ވަޒީފާ އަށް ނުކުންނައިރު، އެ ހިދުމަތް ފޯރުކޮށްދެވޭތޯ އެއީ މިއަދު އުފައްދަން ޖެހޭ ސުވާލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނީ މުވައްޒަފުންގެ ކަންކަމާ އެކު، ހުރިހާ ކަމެއް އިސްލާހު ވެގެން ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، ރާއްޖޭގައި އޯލެވެލް އަދި އޭލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް އަސްކަރީ ތަމްރީނެއް ސަރުކާރުން ހިންގުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސަރުކާރުން ވަޒީފާއެއް ދޭ ކަމަށް ވަންޏާ ފުރަތަމަ ތަރުބަވީ ތަމްރީނުގައި ހަމަ މިލިޓަރީ ޓްރެއިނިން އަށް ފޮނުވަންވީ. ރަނގަޅަށް މިލިޓަރީ ޓްރައިނިން އަށް ފޮނުވާފައި އެ ނަހަދާ ކުއްޖަކަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުދޭންވީ،" ޝަރީފް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބު ކުރުމަކީ މިހާރަށް ވަރަށް މުހިންމު ވެފައިވާ ކަމެކެވެ. 

ސަރުކާރުން ވަޒީފާ ދޭ މީހުންނަށް އަސްކަރީ ތަމްރީނެއް ދޭން ގޮވާލިއިރު، ސަރުކާރުން ވަނީ ވަތަނީ ހިދުމަތުގެ ގޮތުގައި ޒުވާނުންނަށް ޕްރޮގްރާމެއް ހުޅުވާލައިފަ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުންނަށް ސަރުކާރުން ވަޒީފާ ވެސް ހަމަޖައްސައިދިނެވެ. 

މިހާރު ސަރުކާރުގެ ފަރާތުން ވަނީ އެ ޕްރޮގްރާމްއާ ގުޅޭ ވަކި ގާނޫނެެއް ހަދަން މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފަ އެވެ.