25 ނޮވެމްބަރ 2025 - 23:50
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭ ހިއްކުން އަވަސްކުރުމަށް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ބޮޑު ޑްރެޖަރު ގެންނާނެ ކަމަށާއި އެއާ އެކު އަންނަ އޭޕްރީލްގައި އެތަނުގެ މަަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަން ނުލިބި ދިގުލައިގެން ދިއުމުން އެ މީހުންގެ ދިރިއުޅުމުގައި ހުރި ދަތިތައް ރައީސާ ހިއްސާކޮށްފަ އެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ އިތުރުން ފްލެޓާއި ގޯއްޗަށް ހުޅުވާލުމަށް އިތުރަށް ބިން ހިއްކަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ގުޅީފަޅުގެ ފުން ބައި ހިއްކުމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމަށާއި އުތުރުތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި ގޯއްޗާއި ފްލެޓު ދޭން ނިންމާފައިވާ ކަމަށެވެ.
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި މިވަގުތު ވެސް ތިން ސަރަހައްދަކުން ހިއްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އިތުރު ޑްރެޖަރެއް ގެންނައިރު އެއީ ހުޅުމާލޭ 3 ގެ ބިން ހިއްކުމަށް މިއަދު ގެނައި ޑްރެޖަރުގެ ދެގުނަ ބޮޑު ޑްރެޖަރެކެވެ. އެއާ އެކު ޑިސެމްބަރު 7 ހިސާބުގައި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޖުމްލަކޮށް ދަންނަވަންޏާ އަޅުގަނޑު ރައްޔިތުންނަށްވީ ހައުސިން ވައުދަކީ ފުއްދާނެ، ފުއްދޭނެ ވައުދެއް، މިހާރު ވެސް މިއޮތީ ވަރަށް ގިނަ މަސައްކަތްކުރެވިފައޭ. ބިން ކްރިއޭޓްކުރުމުގެ ކަންކަން ހަމަޖެހިފައި،"
ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބަޔަކު ބައިވެރިވަނީ.
ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެއިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނުކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.
އޭގެ އިތުރުން ހުޅުމާލޭގައި 3000 ފްލެޓު އެޅުމަށް ވަނީ ބީއެމްއެލްއާ ހަވާލުކޮށްފަ އެވެ.
"އެހެންވީމަ ގޯތީގެ ފްލެޓުގެ މައްސަލަ ހައްލުވެގެންދާނެ މި ދައުރު ނިމެންދާއިރުގައި، މާލޭގައި ދިރިއުޅޭ ހަމަ އެއްވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ނެތް، 18 އަހަރުން މަތީގެ އެންމެނަށް އިރާދަކުރެއްވިއްޔާ އެކަން ހައްލުވެގެންދާނެ." ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުތަކާ އެކު ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ.
މިދިޔަ ސަރުކާރުގައި ހިންގި ބިންވެރިޔާ މަޝްރޫއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއުގައި ގޯތި ދީފައި ވަނީ ބިންތައް ނުހިއްކާ ކަމަށާއި އެކަމަކު ބިން ހިއްކާ އެ ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.
އޭގެ ތެރެއިން ހުޅުމާލޭ 3 ގެ ބިން ހިއްކުން އަވަސްކުރުމަށް މިއަދު ޑްރެޖަރެެއް ގެނެސްފައިވާއިރު އެ މަސައްކަތުގެ ސަބަބުން މަސައްކަތް ހަލުވި ވާނެ ކަމަށާއި އަންނަ މަހުގެ ނިޔަލަށް ބިން ހިއްކާ ނިމެނޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގިރާވަރު ފަރުން ހިއްކޭނެ ބިމުގެ އިން ވަކިކުރުމަށް އީއައިއޭ ހެދުމުގެ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ އެހެން ވަސީލަތްތައް ހަމަޖެހުމުން ފެށޭނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ މަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ވެސް ފެށޭނެ އެވެ. އެއާ އެކު 2-3 މަހުގެ ތެރޭގައި އެ މަސައްކަތް ވެސް އެއްކޮށް ނިންމާލެވި، ބިންތައް ހަވާލުކުރަން ފެށޭނެ ކަމަށް ރައިސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މައްޗަންގޮޅީގެ ރައްޔިތުން އެދިވަޑައިގަތް އެހެން ކަންކަން ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 November 2025
ނަމުގެ ތެރޭގެ ކޮންމެވެސް ހިސާބަކަށް "މާލެ" ލައިގެން ކ.އަތޮޅު ކަނޑު ފަޅު ހިއްކަން ދައުލަތް ދަރަނިކޮށް އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގައި އަދި ވޭތުވެދިޔަ 60 އަހަރުގެ ދައުލަތުގެ ބަޖޭޓް ހުރިގޮތަށް މާތްވެގެންވާ ތިޔަ މުޤައްދަސް ރަށް ކޮޅަށް ހޭދަ ކުރަމުންދިޔަ އިރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ކ.އަތޮޅު މާލެ ނޫން ރަށެއްގައި އިންސާނުން ދިރިއުޅެން ބޭނުންވާ އެންމެ އަސާސީ މިންވަރަށްވެސް މާލޭސަރުކާރުން ޙިދުމަތް ޤާއިމް ކޮށްދީފައިނެތް.
އޮނަރަބްލް އަފީފު ދީދީ
26 November 2025
ރާއްޖޭގެ ރައްޔިތުން އެއްފަސްކޮށް "ކުލީއަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކާ" ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ އަދި ފުމައްމުލަކާއި އައްޑޫ ތަރައްޤީކޮށް ބިންހިއްކެންއޮތް އެންމެބޮޑަށް އެރަށްރަށުގެ ބިންހިއްކާ މާލޭމީހާއަށްވެސް މިރަށްތަކުން ބިންދޫކުރޭ.
ބާރަށްއަތްޖަހާ
26 November 2025
އިތުރު 24 ބިލިޔަން ރުފިޔާގެ ދަރަނި އަންނަ އަހަރަށް އެކަނި ބޭނުންވޭ. ބޭރުގެ ލޯނުތަކަށް ދައަކަން އެކަނި 1.1 ބިިލިޔަން ޑޮލަރު ބޭނުންވޭ. ރައީސް އަށް ހަމަ މިކަންކަމުގެ ބޮޑުކަމާ ބިރުވެރިކަން ނުވިސްނެނީބާ؟ ދަރާވިކިގޮސް ހަފުސްވާއިރުވެސް އަދިވެސް ރައްޔިތުންގާތު މި ވިދާޅުވަނީ ބިލިޔަނުން ލޯނުނަގައިގެން ބިން. ހިއްކާފަ ހިލޭ ބަހާވާހަކަ. ރައްޔިތުން ބާރަށް އަތް ޖަހަނީ.
ބާރައް ބާރައް
26 November 2025
މިއީ ވެރިކަމުގަ ތިބޭ ބަޔަކައް ވަރައް ފައިދާވާކަމެކޭ ނޭނގޭތަ އެކަމެއް. އެހެންވެ ކޮންމެ ބަޔަކުވެސް ވެރިކަމައް އަރާ މިބަލަނީ ރައްޔިތުންގެ ނަމުގަ ބޮޑެތި ދަރަނިތައް ނަގައިގެން ބިންތައް ހިއްކަން ދެން އެނިމުނީ އެތަންތަނުގަ މީހުންނައް އުޅެވޭނެ ގޮތަކައް ތަރައްގީކުރުމެއްނެތް. ދަރަނި ދައްކަން ތިބޭނީ ހަމަ ރައްޔިތުންތާ. އެތަންތަން ލިބޭ މީހުންނައްވެސް މިއީންޒަމާނަކު އެތަންތާ ދިރިއެއްނޫޅެވޭނެ ހުޅުމާލޭން ބިންލިބުނު މީހުންފިޔަވާ.
އެބަކުލަވޭ
26 November 2025
ކުރީގެ ސަރުކާރުތަކުން ވެރިކަން ނިމި 2 ވަނަ ދައުރަށް ކަޑަޖެހި އުސޫލުން މިސަރުކާރުން ކަމެއް ނުކުރާނެ، މިހާރުވެސް 1800 ޕްރޮޖެކްޓު މުޅިރާއްޖޭގައި ކުރިއަށް ދޭ.
ދޮގެއްނަހަދާނަން
26 November 2025
18 މިލިއަން ޕްރޮޖެކްޓް އިނގޭތޯ
މައްކުބޭ
26 November 2025
ބައެއް ވައިބަރ ގްރޫޕްގައި ތިއްބަވާ ބޭފުޅުންގެ ޑިމާންޑަށް މާލޭ ސަރަހައްދުގެ ބިންހިއްކާ ވަކި ދަރިފަސްކޮޅެއް ފާހަގަކޮށް، ރޭސިސްޓް އުސޫލެއްހަދާ ޤައުުމުގެ ދިވެހި ދަރިފަސްކޮޅުގެ ހިލޭ ބިންލިބޭ އާއިލާތަކާ އަދި ހިލޭ ނުލިބޭ ފަރާތްތަކުގެ ބޮޑު ބައެއް މީގެ 20 ވަރަކަށް އަހަރު ފަހުން ކުއްޔަށް އުޅެންޖެހޭނެ ހާލަތެއް މެދުވެރިކުރަން ބިން ހިއްކާ ހިލޭ ބެހުމަކީ ވަރަށް އަންސަސްޓެއިނަބްލް ކަަމެއް، އިބްރާހީމްގެ 9000 އަށް ނޫނެކޭ ބުނިފަދައިން މުއިޒުގެ 25000 އަށްވެސް ނޯ
ޑިމާންޑް
26 November 2025
ރައީސްގެ ތަސައްވުރެއް ކަމަށްވާ ރަސްމާލެ އަކީ މިގައުމުގެ މުސްތަގުބަލުގެ ޒުވާނުންގެ އުންމީދު، މާލެއަށް ޖެހުނު ހާލުން ސަލާމަތް ވެވޭނީ، ރަސްމާލެ އާބާދު ކޮށްގެން.
ދެ އަހަރު
26 November 2025
ފާއިތުވެދިޔަ 10 އަހަރުވެސް ބިން ނުހިއްކޭ ވަރަށް މިސަރުކާރުން ބިން ހިއްކައިފި.
އާދެއާދެ
26 November 2025
ހިއްކި ބިންތަކުގަ ދުބާއީ އާއި އަބޫދާބީ ހަދައިގެން އެތަންތަނުގަ މިއުޅެނީ
ޖޯން.އެފް.ކެނެޑީ
26 November 2025
ކަނޑުއަޑިން ރަސްމާލެ އަށް ދާން ހަދާ އެތި ހަދާ ނިމޭނެ ކަމަށް ލަފާ ކުރާ ތާރިޚަކީ ކޮބާތޯ؟
ކާސިން
26 November 2025
އެކަން ނުކުރެވިގެން މިއުޅެނީ 2050 ވަނަ އަހަރުގެ ބަޖެޓް ފާސް ނުކުރެވިގެން.
ކްއިކް ގަން މުރުގަން
26 November 2025
އަޅެ ، ކުރިން ހިއްކަަން ފަށާފަހުރި ތަންތަން ނިންމަބަލަ.
ގާލް
26 November 2025
2 އަހަރުވީއިރު ނިދާފާ. ކުއްލިއަކަށް ހޭލެވުމާއެކު ތެޅިފޮޅެނީ.