ބަޔަކު، މަގުމަތީގައި ސިނގިރޭޓު ބޮނީ. މިއީ މިހާރު ވެސް ކަމެއް.
27 ނޮވެމްބަރ 2025 - 10:56
ރާއްޖޭގައި ގާނޫނެއް ނުވަތަ ގަވައިދެއް އެކަމަކާ ގުޅޭ ގޮތުން ނެތް ކަމެއް އޮތް ހެނެއް ހިއެއް ނުވެ އެވެ. އެހާ ވެސް ގިނަ އެވެ. އެހެންވެ، ގާނޫނާއި ގަވައިދުތައް ތަންފީޒު ނުވާ ހާލުގައި ވެސް، ކަންކަން އިސްލާހުކުރުމުގެ ނަމުގައި މަތިމައްޗަށް ހަދާ ގާނޫނުތަކާއި ގަވައިދުތަކަށް އާންމުންގެ ސަމާލުކަމެއް ޝައުގުވެރިކަމެއް ވެސް ނޯވެ އެވެ.
ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތައާރަފްކޮށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތް ގަތުމާއި ބޭނުންކުރުމަކީ ވެސް މިހާރު ގާނޫނުން މަނާ ކަމެކެވެ. މިއީ ކުރަންވެފައި އޮތް އަދި މިހާރު ވެސް މާ ބޮޑަށް ލަސްވެފައި ވެސް އޮތް ކަމެކެވެ. އެކަމަކު އެހެން ގާނޫނުތަކާއި ގަވައިދުތަކެކޭ އެއްގޮތަށް މި ގާނޫނު ވެސް ތަންފީޒު ވެގެން ނޫނީ ވާނީ ދެލިގަނޑަކަށެވެ.
މި ބަދަލުގެ ކުރިއަށް ޖެހިލަން ހިނގާށެވެ؛
އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރު ވެސް ގާނޫނުން މަނާ ކަމެކެވެ. އެކަމަކު، ސިނގިރޭޓުގެ ދުންގަނޑު ބޮމުން ނޫން ގޮތަކަށް މި މާލޭގައި ތަނަކަށް ނުދެވޭނެ އެވެ. ވަކިން ސިނގިރޭޓު ވިއްކުން މަނާކުރިތާ ވެސް ފަސް ވަރަކަށް އަހަރުވެއްޖެ އެވެ. އެކަމަކު، ކަންމަތީ ފިހާރަތަކާއި ހޮޓާތަކާއި ޓޭކްއަވޭ ކޮފީ ވިއްކާ ތަންތަނުން ވެސް ފާޅުގައި އެކަން ކުރަނީ އެވެ.
އެޗްޕީއޭގެ އިސް އޮފިޝަލަކު ވިދާޅުވީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމާ އެކު، ދުންފަތުގެ އެހެން ހުރިހާ ކަމެއް ވެސް ހިނގަން ޖެހޭނެ އެވެ.
މީހަކު، މަގުމަތީގައި ސިނގިރޭޓު ބޮނީ.
އެ ގާނޫނުގެ ދަށުން ސަރުކާރުން އަމާޒު ހިފާފައިވާ އުމުރަކީ، ދުންފަތުގެ ވިޔަފާރިކުރާ މީހުން ވެސް ޓާގެޓުކުރާނެ އުމުރު ކަމަށާއި އެކަމަކު، އެ ކަސްޓަމަރުން ލިބޭ އުމުރު ބްލޮކް ކުރުމުން ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ކުރާ މަސައްކަތް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓާގެޓް ގްރޫޕަށް ނަމޫނާ ދައްކަންޖެހޭ. އިޝްތިހާރު ދެއްކިގެން ނުވާނެ، ފަސޭހައިން ލިބިގެން ނުވާނެ، ވަކިން ވިއްކައިގެން ނުވާނެ...މިހެން ދަމުން ހުރިހާ ކަމެއް ގެންގޮސް، ޖެނެރޭޝަން ބޭންގައި ނުހިމެނޭ މީހުންނަށް ވެސް އިހުމާލުވެގެން ނުވާނެ."
އޭނާ ވިދާޅުވީ އިންސްޕެކްޝަން ހިންގާ ދުވަސްކޮޅު ގާނޫނަށް ވަރަށް ބޮޑަށް އަމަލުކުރާ ކަމަށެވެ. އަދި އެ އިންސްޕެކްޝަންގައި ގާނޫނާއި ގަވާއިދާ ހިލާފުވިކަން ފާހަގަވާ ނަމަ ޖޫރިމަނާކުރާ ކަމަށާއި ނަމަވެސް ޖޫރިމަނާ ނުދައްކާތީ އެކަމުގެ ބޮޑުކަމުގެ އިހުސާސެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިއެއްނުވޭ ވިޔަފާރިތަކަށް އެ ފިޔަވަޅު އަޅަންޏާ އެގޮތަށް ކަންތައް ކުރެވިގެން ތިބެވިދާނެހެން،" އޮފިޝަލް ވިދާޅުވި އެވެ.
ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނައި އިސްލާހުގައިވާ ގޮތުން އެ ފަދަ ބާވަތްތައް ވިއްކޭނީ ހުއްދަ އޮންނަ ތަންތަނަށެވެ. އޭގެ ތެރެއިން ސިނގިރޭޓު ވިއްކުމުގެ ހުއްދަ މި ވަގުތަށް ދޫކޮށްފައިވަނީ 209 ތަނަށެވެ.
އެކަމަކު އެހެން ހީވޭ ހެއްޔެވެ؟ ސިނގިރެޓް ނުވިއްކާ ތަނެއް މަދެވެ.
އޭނާ ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާއި ގަވައިދުތަކުން ޖޫރިމަނާކުރުމަށް ފަހު 14 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަންޖެހޭ ނަމަ ޖޫރިމަނާ ދެއްކުމަށް ބާރަކަށް ވާނެ ކަމަށެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ގާނޫނު ތަންފީޒުކުރާ ނަމަ އެތައް ގޮތަކުން ފަސޭހަވާނެކަން ފާހަގަކުރެއްވި އެވެ.
ޖެނެރޭޝަން ބޭން އަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ރަށެއްގައި ބޭއްވި ހިނގާލުމެއްގައި ކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފައިނު ހެލްތު ސެންޓަރު
"ތަންފީޒީ އިހުމާލު ވަރަށް ބޮޑު. އެއާ އެކު ފެންނަ އަނެއް ހަގީގަތަކީ އިހުލާސްތެރިކަން [ނެތުން]،" އޭނާ ވިދާޅުވި އެވެ.
ޖެނެރޭޝަން ބޭންގެ ދަށުން، މި އަހަރު 18 އަހަރުވާނެ މީހުންނަށް ދުންފަތް މަނާވުމުން، އަދި އެ ގާނޫނު ރަނގަޅަށް ތަންފީޒުވާ ނަމަ އެ ފަދަ ބާވަތްތަކަށް ހުށަހެޅޭ މީހުން މަދުވަމުންދާނެ އެވެ. އެއާ އެކު، ސިނގިރޭޓު ބޭނުންކުރާ މީހުންގެ އަދަދަށް ބަލައި ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުމަށް ވަކި ކޯޓާއެއް ކަނޑައެޅުމަކީ ވެސް ގެނެވިދާނެ މުހިއްމު ބަދަލެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މަނާ ވިޔަފާރިކުރާ ސައިޓުތައް ވެސް ބްލޮކްކުރާ ގޮތަށް، އޮންލައިންކޮށް ސިނގިރޭޓުގެ ބާވަތްތައް ވިއްކާ ވިޔަފާރިތައް ވެސް އެބަޖެހޭ ހުއްޓުވަން،" އޭނާ ވިދާޅުވި އެވެ.
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު އަދި އެޗްޕީއޭ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަހުމަދު ހަމްދާން ވިދާޅުވީ ތަންފީޒުކުރުމުގައި ގޮންޖެހުންތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭގޮތުން މިނިސްޓަރު އަބްދުﷲ ނާޒިމް އަދި މިނިސްޓްރީގެ އިސްވެރިންނާ އެކު ފުޅާ ދާއިރާއެއްގައި އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ސިނގިރޭޓުގެ އަގު ބޮޑުވުމުން ރޯލިން ޓޮބޭކޯއަށް ބަދަލުވި މީހުން ވެސް ގިނަ އެވެ. ހަމްދާން ވިދާޅުވި ގޮތުގައި އެއީ ވެސް ހައްލުތަކެއް ހޯދަން ޖެހޭ ކަމެކެވެ.
އާއްމުންގެ ހިތްހަމަނުޖެހުންތައް ހުއްޓަސް، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ހަރުދަނާކުރާނަން."
ދުންފަތާ ގުޅޭގޮތުން އާ ނިންމުންތައް ނިންމުމުގެ ކުރިން މިހާރު ގާނޫނުގައި ހުރި ކަންކަން ތަންފީޒުކުރެވޭތޯ ބެލުން މުހިއްމެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ވޭޕް މަނާކޮށްފައި ވާއިރު ވެސް އެ ތަކެތި ހަމަ އެތެރެވަނީ އެވެ. މިލިއަނުން ޖޫރިމަނާ ކުރިއަސް އެ ފައިސާއެއް ނުދައްކަ އެވެ. ދައުލަތަށް ނުލިބޭނެ ފައިސާއަށް ވަނީ އެވެ. ދުންފަތުގެ ގާނޫނުތަކާއި ގަވައިދުތައް ދުމަށް ވަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޟފހ5
27 November 2025
ދަރިފުޅު ގޮވައިގެން ހުޅުމާލޭ ބީޗު ކަހަލަ ތަނަކަށް ވެސް ނުކުމެލެވެން ނެތެވެ. ސެކަންޑް ހޭންޑް ސްމޯކް ބޮއެގެން ދަރި ވެސް ކޮންމެ ދުވަހަކު މި އަންނަން ޖެހެނީ. ހިތްފަސޭހަކޮށް، ވައިޖައްސާލަން ޕާކަކަށް ވެސް ބީޗު އޭރިއާ އަކަށް ވެސް ދެވެން ނެތެވެ. ސިނގިރޭޓު ބޯ މީހުންގެ މިނިވަން ކަމާ ހެދި އިތުރު ޖީލެއް ދުމުގައި ގަރަގު ވަމުންދަނީއެވެ
ސަދަސދސަ
28 November 2025
ދެން ގޭގަ އޮވެބަލަ
ކޮރަލް
27 November 2025
މީރާ ކައިރި ޕޮލިސް ސްޓޭޝަން އާ ޖެހިގެން އޮންނަ ގޯޅިގަނޑުގަ ފުލުހުން ޔުނީފޯމް ގަ ކޮންމެ ދުވަހަކު ސިނގިރޭޓް ބޯން ހުރެއެވެ. މިކަން ހުއްޓުވާ ދީބަލާށެވެ.
ސދިދިި
27 November 2025
މަގެއްގެ މަތިން ކުޑަކުއްޖަކު ގޮވައިގެންވެސް ދާން ނުކެރޭ ސިގިރެޓްބޯމީހުންނާހެދި. މަކަމުގަ ބިދޭސީންގެ އުދަގޫ މާ ބޮޑު.
ދުން
27 November 2025
ތަންތަނުގަ ބިއްޖެހިފަ ދުން ބުރުވަން ގިނައިން ތިބޭތަން ފެންނީ އޮފީސްތަކުގައި އުޅޭ މުވައްޒަފުން. ނަމޫނާއަކަށް ބަލާބަލަ އެޗްޑީސީ ފަދަ އޮފީސްތަކަށް. އޮފީހުގެ ބޭރުގައި ބިއްޖެހިފަ ބަރިއަކަށް އަތުރާލާފަ ތިބޭނެ ދުން ބުރުވަން. ޓައީ އަޅާފަ ވަރަށް ބުރަކޮށް ތިއްބަވާނެ އެކަން ކުރަން. ހަތަރު ބިތުން ފެންނާނެ ދުން އަރާތަން. އެ ދުންތައް ތިމާގެ ހަށިގަނޑަށް ނުވަންނާނެ ކަަމަށް ދާނީ ވެސް މޮޔައެއް.
ގަނޑިއަ
27 November 2025
އަލުން އާފެށުމަކުން ފަށަންވީ. ސްކޫލް ނިމޭކުދިން މިލިޓްރީގައި 2 އަހަރު މަޖުބޫރުކުރަންވީ. އިންޑިއާގައި ހަދާހެން ސިނަމާގައި ފިލްމް އެޅުވުމުގެ ކުރިން ގައުމީ ސަލާމްކިޔަން ލާޒިމުކުރަންވީ، ސްްކްރީން ކަނަށް ނޯސްމޯކިން އަރުވާފައި. ގޭގައި ތިބޭމީހުންވެސް ހެދުނު ހޭލައިފައި އެންމެން ސިޓިންރޫމަށް ނުކުމެ ގައުމީސަލާން ކިޔަންވީ، ހެޔޮދުއާކުރަންވީ.
ގޫކޭލި
27 November 2025
ގައުމުހަލާކުވީ 1990 ހާއި 2000 ވަނަ އަހަރުތަކުގެ ޕޭރަންޓުންގެ ސަބަބުން އެމީހުން ވިހައީ ޕާޓެން، މިބުނީ އޭރު ދަރިން ލިބުނު މިހާރު 25، 30 އަހަރުގެ ކޮންމެ އާއިލާއެއްގައިހުރޭ ޕާޓޭއެއް ބައެއްގޭ ހުސްޕާޓޭން. މިކަމަށް ގައުމުއޮތީ ތައްޔާރުވެފައެއްނުން، އެމީހުންނާ އަޅާނުލެވި އިތުރުގޭންގުތައް އުފެދި ކޮންޓްރޯލުން ދިިޔައީ. މިހާރު އެކަމު ދެން ތިކަން ކޮންޓްރޯލުކުރެވެންޖެނެ. ރައީސް ވިދާޅުވެއްޖެއެއްނުން. ޝަރުތުހަމަވާ ބަޔަކު ނެތޭ؟ މިބުނީ ގޭންގު.
ސަނަމް
27 November 2025
ކިހިނެއް ތިކަންކުރާނީ އެކަން މޮނިޓާރ ކުރަން ތިބި ފޮލިހުންގެ ވިލިފުލުސްގައި ބިޑިބުރިއެއްވެސް ބޭއްވޭކަށްނެތް، ގެއްލެނީ، ރޭގަ ޚަބަރުތަކުން އަޑުއިވުނީ އެމީހުންގެ ބޮޑުން ކޮރަޕްޝަން ރެކެޓްގެވާހަކަ. ފުރަތަމަ ހައްލުވާންވީ މިކަމެއްނުން. މިހާރު ސައިކަލްދުއްވަމުން ސިގިރެޓްބޯމީހުންވެސް އިތުރުވަނީ، ހޮޓާތައް ހީވަނަނީ ރޯވަނީހެން. ހުރިހާކަމެއް ގޯސްވެ ކޮންޓްރޯލުން ނެއްޓިފައި.
ތަންފީޒު
27 November 2025
ތަންފީޒު ނުވެގެން ކަންބޮޑުވާންވީ ތަންފީޒު ކުރުމަށް ހަދާ އުސޫލުތަކާއި މެދުގައެވެ. ތަންފީޒު ނުވާނެހާ ގޮތް ގޮތަށް ހަދާފަ ހުންނަ އުސޫލުތަކަކީ ތަންފީޒު ކުރުމަށް ހަދާ އުސޫލުތަކެއް ނޫނެވެ. އެއީ ސުރުޚީ ހެދުމަށާއި، އެކަމުގައި ޝާމިލުވާ މީހުން މެޑެލް ޖެހުމަށާ، ކަމާ ބެހޭ މުއައްސަސާތަކުން މާލީ އެހީ ހޯދުމަށް ހަދާ އުސޫލުތަކެވެ. މިކަން މިދަނީ ފެންނަމުންނެވެ. އަހަރެމެންގެ ގުބޯ ހެދުން ކުޑައެއްވެސް ނޫން!