މީގެކުރިން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: 14 ގަޑިއިރު ތެރޭ ގަވައިދާ ހިލާފަށް ހިންގާ 29 ވިޔަފާރިއެއް ރިޕޯޓްކޮށްފި
29 ނޮވެމްބަރ 2025 - 12:37
ރާއްޖޭގައި ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓް ކުރަން އިއުލާން ކުރުމުގެ 14 ގަޑިއިރު ތެރޭގައި 29 ތަނެއް ރިޕޯޓްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ގަވައިދާ ހިލާފަށް ބިދޭސީން އެކި ވިޔަފާރިތައް ފުޅާ ގޮތެއްގައި ހިންގާ ކަމުގެ ޝަކުވާ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގައި ދަނީ ލިބެމުންނެވެ. ރައްޔިތުންގެ އެ ޝަކުވާތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އިއްޔެ އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓް ކުރަން އާންމުންނަށް ހުޅުވާލައިފަ އެވެ.
އެކަމަށް ހުޅުވާލިތާ 14 ގަޑިއިރު ތެރޭގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ގަވާޢިދާ ހިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭކަމަށް ބުނެ 29 ވިޔަފާރިއެއްގެ ރިޕޯޓު އާއްމު އެކި ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިއަދު މެންދުރުފަހު ފަށާނެ ކަމަށެވެ. އަދި ރިޕޯޓު ކުރެއްވި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަންދޯ
30 November 2025
އިމާދުއްދީން ސްކޫލްގެ ކުރިމަތީގައިވާ މާރުކޭޓެކޭ އުނގުޅާ ބާޒާރެކޭ އެއްފަދަ! އެތަނަށް ވަންނައިރަށް ދައްތާ މިކޮޅަށް އާދޭ މިކޮޅަށް އާދޭ ގޮވާ ނަގަނީ! ހުރިހާ ގޮޅިއެއް ކަހަލަގޮތަކަށް ހިންގަނީ އެއްބައެއް! މިއީ ބޮޑު ސްކޭމެއް!
ކަތީބުގޯތީކަޅުސޮރު
29 November 2025
ބިދޭސީންހިންގާ ވިޔަފާރިއާ އެމަސައްކަތްކުރަން ރަޖިސްޓްރީ ކުރާގޮތާ ބިދޭސީން އުޅޭނުއުޅޭގޮތް ނޭގޭ ހަމަ އެކަކުވެސް މިރާއްޖެއަކު ނެތް. ލޯކަލް މާރުކޭޓުން ފެށިގެން ކަންމަތީފިހާރަތަކާއި ސައިކަޑަތައް ބޯކޮށާތަންތަން މިއީ ބޭރުމިހުންގެ ވިޔަފީރި. ލާރިކޮޅެއް ދީގެން ދިވެއްސެއްގެނަން އޮވެދާނެ. ހަރުދަނާ ފިޔަވަޅު އަޅަން ނުކެރި މޮޅެތި ވާހަކަކިއަކަސް ޕްލޭން ހެދިއަކަސް ވާނެކަމެއްނެތް.
ސަމަރޭ
29 November 2025
ވަރަށް ކުރުކޮށްލާނަން.. އެއް ކަމެއްވެސް ނުކުރެވޭނެ. އެމީހުން ނުވެސް ހުއްޓުވޭނެ. ގައުމު އޮތީ ސީދާ އެމީހުންގެ މުށުތެރޭގައި. ރިޕޯޓްކުރީމަ ބަލާނެޔޭ ބުނަން ލަދު ހަޔާތް ނެތްބާއޭ ހިތަށް އަރާ.. ލޯމަތީ ހާމަޔަށް ހުރިހާ ތަނެއްގަ ހުރިހާ ކަމެއްގަ އެބައިމީހުން އުޅޭއިރު ނުފެނިގެން ވިއްޔަ ގައުމު މި ހިސާބަށް މިދިޔައީ...
އިސްޓަންބުލް
29 November 2025
މުއައްސަސާތަކުގައި ވާނުވާއެނގޭމީހުން މަދު. ރިޕޯޓުކުރަން މިހާރުނޫހުގެ ކޮމެންޓްތަކުގައި ލިޔަން ހުޅުވަލަބަލަ. މިތާހުރި ކޮމެންޓްތައް ކިޔައިގެންވެސް ބަލަންބޭނުންވާ ބަޔަކަށް ބަލަންވީ ކޮންތަންތަނެއްކަން އެނގޭނެ. ހުސް އަނގަފުޅާކޮށް މޮޅެތި ވާހަކަދައްކާމީހުން މުޅިންވެސް.
ޚޫރްޝީދު
29 November 2025
ތިކަން ހުއްޓޭނެ އެެއްގޮތެއްނެތް. ކަންމަތީ ފިހާރަތަކުން 5000 ރުފިޔާ މަހަކު ނަގައިގެން ތަންހިންގަން ބޭރުމީހަކަށް މިދެނީ. ޓެކްސީ ޕިކަޕްތަކާއި ފާޅުގައި އެއަރޕޯޓް ޓެކްސީ ވޭންތަކުގައި މިކުރަނީ ބޭރުމީހުން. އަހާއިރަށް މިބުނަނީ ދިވެއްސަކާ އިނދެގެންނޭ އުޅެނީ. އުޅޭގޮތުން ހީވަނީ ދިވެހި އަންހެނުންގެ ދެބައިކުޅަ އެއްބައި އިނދެގެންއުޅެނީ ބޭރުމީހުނާހެން. ބިދޭސިންކުރާ ކޮންމެ ބޮޑު ވަގު ވިޔަފާރިއެއް މިއޮންނަނީ ކޮންމެވެސް ލޯޔަރެއްގެ ނަންމަތީ ރަޖިސްޓަރކޮށްފަ. ދެން؟؟؟
ގޮނުއަނގަ
29 November 2025
ޓިޔަ ކަމަކީ އެހެން ބަޔަކު ރިޕޯރޓް ކުރީމާ ފިޔަވަޅު އަޅަންޖެހޭ އަދި ރިޕޯރޓްވެސް ކުރަންޖެހޭ ކަމެއްނޫން. ތިޔަ މިނިސްޓްރީގެ ޤަަނޫނީ އޮނިގަންޑާ ކަންކަން ބަލަންޖެހޭވަރު ޤާނޫނުގައި ބަޔާންކޮށްފައި ހުރީ. މީހުންނަށް ކަންދައްކަން ތިޔަ އިޢުލާނު ކުރަަނެކަމެއްނެތް. ވާނެ އެއްކަމެއް ނޯންނާނެ. ދެރަވަރު ސޮރެއް ވިއްޔާ ފުނޑާލާފަ ހަރުތަނެއްގައި ޖެހުމުން ހަލާކުވާނީ މަތެޔޮ ނުވާނެ ނުކުރެވޭނެ. ވާނެ ނަމަ 2 މާރުކޭޓް ތެރެ ހުންނާނީ ސާފުކޮށް.
ސޮބީހާ
29 November 2025
ގެންގުޅޭ ބިދޭސީ މީހާއަށް މުސާރަދިނުމުގެ ބަދަލުގަ ގެންގުޅޭ ކާރު ބިދޭސީމީހާއަށް ޓެކްސީކުރަން ހަވާލުކުރުންވެސް ވެއްޖެ އާންމުކަމަކަށް, އެކަންވެސް ވެއްޖެނޫންތޯ ހުއްޓުވަން,
އެމްސް
29 November 2025
ބަސްމަދުކޮށްފަ ޢަމަލު ގިނަކޮށް، ހުކުރުނަމާދުންނާއި ޕާކްތަކުގައި ދިވެހީންނަަށް އަޣްލަބިއްޔަތު އޮންނަން ފެށީމަ ކަމެއްކުރެވުނުތަން ފެންނާނެއެވެ!
ބޮންޑް747
29 November 2025
މެންދުރު ފަހު ދާނެ ތަންތަނުގެ ލިސްޓްވެސް އާންމު ކުރިނަމަ ގުޅަންޖެހޭ ފަރާތަކަށް ގުޅާ ތައްޔާރުވާން ތަންކޮޅެއް ފަސޭހަވީސް..
އަފްރާސިޔާބު
29 November 2025
ފަސްހާސް ރުފިޔާ ތަނުގެ ވެރިމީހާއަށްދީފައި ބިދޭސީން ވިޔަފާރި ހިންގަން ވިޔަފާރިތައް ރަޖިސްޓަރީ ކުރާހާދުވަހަކު ބިދޭސީން ވިޔަފާރީގައި ތިބޭނެ. ރިޓެއިލް ވިޔަފާރި ހިންގާ ގިނަ ތަންތަނަކީ ރާއްޖޭގެ މީހެއްގެ ނަމުގައި ބިދޭސީން ހިންގާވަގު ވިޔަފާރި. މިވިޔަފާރިތައް ހުއްޓިގެންނޫނީ ބިދޭސީންގެ ކިބައިން ގައުމެއް ސަލާމަތެއްނުވާނެ.