ރައީސް މުއިއްޒު މި އަހަރުގެ ޖުލައި މަހު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސްއާ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައި ބައްދަލުކުރައްވަނީ.---ފޮޓޯ: އިނގިރޭސި ޝާހީ އާއިލާ
30 ނޮވެމްބަރ 2025 - 06:30
އިނގިރޭސި ރަސްގެފާނު ޗާލްސްގެ ދައުވަތަކަށް ބާއްވާ މޫސުމާ ގުޅޭ ބައްދަލުވުމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ރޭ ފުރާވަޑައިގެންފި އެވެ.
"ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމު ކޮށްގެން ބާއްވާ "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ޑިވެލޮޕްމަންޓް ބޭންކުތަކާއި ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސް ކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާ ކޮށްގެން ޕްރައިވެޓް ކެޕިޓަލް ބޭނުން ކުރެވިދާނެ ގޮތްތަކާ މެދުގަ އެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްއަކީ، އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަސައްވުރެއްގެ މައްޗަށް ބިނާކޮށް، ހިންގާ ހަރަކާތެކެވެ.
އެ އިނީޝިއޭޓިވްގެ ބޭނުމަކީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބޭނުން ހިފުމެވެ. ހާއްސަކޮށް އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރިންނާއި ބައިނަލްއަގުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހަރަކާތްތައް ހިންގަނީ ދެމެހެއްޓެނިވި ބިންގަލެއްގެ މަތީގައި ކަން ޗާލްސްގެ އިނީޝިއޭޓިވް އިން ކަށަވަރު ކުރެ އެވެ.
އަދި އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރުރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު އަދި ގައުމީ ފެންވަރުގެ މޫސުމީ ލަނޑުދަނޑިތަކާއި "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލު ވުން އެއްގޮތް ކުރަން މަގު ދައްކައި ދިނުމަކީ އެ އިނީޝިއޭޓިވްގެ އަމާޒެކެވެ.
ރައީސް މުއިއްޒު އެންމެ ފަހުން އިނގިރޭސި ވިލާތަށް ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ޖުލައި މަހު އެވެ. މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި އެ ދަތުރުފުޅުގައި ލަންޑަންގައި ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބާއްވައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތްޕުޅު ކުރެއްވި އެވެ.
ރައީސްގެ އެންމެ ފަހުގެ ދަތުރުފުޅުގައި ރަސްގެފާނު ޗާލްސްއާ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައި ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯޑުބެ
30 November 2025
މިދެން ކޮންމެ ތިންމަހަކުން ދައުވަތުއެބަ ދެއްވާ ދެއްތޯ.
ޝަޖޫ
30 November 2025
ތިންވަނައަށް އެންމެ ގިނަ ޓުއަރިސްޓުން އަންނަ ގައުމު އިނގިރޭސިވިލާތަކީ. ވަރަށް މުހިންމު ގުޅުން ބަދަހި ކުރުން.
އަބްޑޫޅް +
30 November 2025
އިނގިރޭސީންގެ ތިން ވަނަ ޗާލުސް ރަސްގެފާނު.
ރާވެރިބެ
30 November 2025
މިސަރުކާރުން އެކިއެކި ގައުމުތަގަ ބިޒްނަސް ފޯރަމްތަޢް ބާއްވައިފި. މިއިން އެއްވެސް ފޯރަމްއެެއްގެ ސަބަބުން ރާއްޖެއަށް އިތުރު އެއްވެސް އިންވެސްޓްމަންޓެއް ލިބިއްޖެބާ؟ ރިސޯޓުތަކުގަ އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަކީ މިފަދަ ފޯރަމަކުން މައުލޫމާތު ލިބިގެން އަންނަ ބައެއް ނޫން.
ުުޖާރާ
30 November 2025
ޗާގޯސް އަލުން ހޯދަން ކުރާ މަސައްކަތުގެ ބައެއް!
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
30 November 2025
ރާއްޖެ އަށް ފައިދާ ހުރި ދަތުރުފުޅަކަށް ވާނެ ކަމަށް ލަފާ ކުރަން! މައްސަލަ އަކީ އެނބުރި ވަޑައިގަތުމަށް ފަހު ދަތުރުފުޅަށް ދިޔަ ޙަރަދު ވިދާޅު ނުވާތީ!
ބަކުރުު
30 November 2025
ތިމާވެށީގެ ޗެމްޕިއަނަކަށް ދައުވަތެއްނުދޭދޯ؟ ޗާލްސް ހަނދާންނެތުކަންނޭގެ