މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ފަންނީ އަދި މާލީ އެހީ ހޯދުމަށް އިނގިރޭސިވިލާތާ އެކު ދިވެހި ސަރުކާރުން އިއްޔެ މަޝްވަރާކޮށްފި އެވެ. 

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅިގެން، ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރާ ނިކް ލޯ އާއި އިނގިރޭސި ހައިކޮމިޝަންގެ ބޭފުޅުންނާއި މިނިސްޓްރީން އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި ލިބޭ އިއާދަނުކުރެވޭ ގެއްލުންތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބްރިޓިޝް ހައި ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބްރިޓިޝް ހައި ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި އެ އިދާރާ ތަމްސީލު ކުރެއްވީ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު އަބްދުﷲ އެވެ.

"މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމާއި ކަނޑު ގަދަވުން ފަދަ ކުއްލި ހާލަތްތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ދުރު ރާސްތާއަކަށް ނިސްބަތްވާ ގެއްލުންތައް މިނިސްޓްރީން ފާހަގަކުރައްވައި، މިފަދަ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެވިދާނެ ފަންނީ އަދި މާލީ އެހީއާ ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާކުރައްވާފައިވެ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ކްލައިމެޓް ފަންޑުތަކުން މާލީ އެހީ ހޯދުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށް، ރާއްޖެއިން އިސްކަންދޭ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބްރިޓިޝް ހައި ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބްރިޓިޝް ހައި ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށާއި އެ ބަދަލުތަކަށް ހޭނުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި އިނގިރޭސިވިލާތުން ކުރަމުން އަންނަ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އިލްތިމާސްކުރި އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށެވެ.