މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 1) - ސެމީ ފައިނަލުގައި ރޭ ނިކް ކިރްގިއޯސް ބަލިކޮށް މިއާމީ އޯޕަން ފައިނަލުގައި ވެސް ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާ ވާދަކުރަން ޖެހިއްޖެ އެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާއާ ފޯމު ގެއްލުމުގެ ސަބަބުން ކުޅުން ދަށްވި ނަޑާލާއި ފެޑެރާ މި އަހަރު ތިބީ ރަނގަޅު ފޯމެއްގަ އެވެ. މި ދެ ކުޅުންތެރިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ފަހަރު ކުރިހޯދީ ފެޑެރާ އެވެ.
ސްޕެއިނުގެ ނަޑާލް ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި އިޓަލީގެ ފަބިއޯ ފޮގްނީނީގެ މައްޗަށް 6-1، 7-5 އިން ކުރިހޯދައިގެންނެވެ. ވާދަވެރި ކުޅުމަކަށް ފަހު ދެ ވަނަ ސެމީ ފައިނަލުން ފެޑެރާ އަށް ކިރްގިއޯސް ބަލިކުރެވުނީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 7-6، 6-7، 7-6 އިންނެވެ.
ނަޑާލް މީގެ ކުރިން މިއާމީ އޯޕަން ކާމިޔާބު ކޮށްފައެއް ނުވެ އެވެ. މާދަމާ ކުޅޭ ފައިނަލަކީ ނަޑާލް މި މުބާރާތުގައި ކުޅޭ ފަސް ވަނަ ފަހަރެވެ.
"މިއީ އަހަންނަށް ވަރަށް ހާއްސަ ފައިނަލެއް. އެއީ އަދި މި މުބާރާތް އަހަންނަށް ކާމިޔާބު ކުރެވިފައިނުވާތީ. ފެޑެރާއާ ދެކޮޅަށް ކުޅެން ޖެހުމަކީ މި ފައިނަލް އިތުރަށް ހާއްސަވާ ސަބަބެއް،" ނަޑާލް ބުންޏެވެ.
ފެޑެރާ ވަނީ 2005 އާއި 2006 ވަނަ އަހަރު މިއާމީ އޯޕަން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ފެޑެރާ ވަނީ މި އަހަރު މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން 18 މެޗުން މޮޅުވެފަ އެވެ.
"ވަރަށް ގިނަ އަހަރުތަކެއް ފަހުން މި މުބާރާތް އަލުން ކާމިޔާބު ކުރުމުގެ ފުރުސަތު މި ލިބުނީ. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ ނަޑާލާ ދެކޮޅަށް ކުޅޭ އެއްވެސް މެޗެއް ފަސޭހަ ނުވާނެކަން. އެކަމު ފައިނަލުގެ ކުރިން ކިރްގިއޯސް އަހަންނަށް ވަރުގަދަ ފައިޓެއް ދީފި،" އުމުރުން 35 އަހަރުގެ ފެޑެރާ ބުންޏެވެ.