އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބޫ (ކ) އެ ޕާޓީގެ ރައީސް ޝާހިދު.
30 ނޮވެމްބަރ 2025 - 15:32
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމު ކާމިޔާބުވި ނަމަވެސް އެ ޕާޓީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ، އެ ވޯޓުގައި ވާދަކުރެއްވި ކުރުން އަނބުރާ ގެންނަން ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ނިންމަވައިފި އެވެ.
އޭނާ އެހެން ނިންމެވިކަން އިއުލާން ކުރެއްވީ، އެމްޑީޕީގެ ރައީސް ޝާހިދަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވި ފައްޔާޒު އިސްމާއިލް މި މަހުގެ 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނެ ބޭފުޅަކާ މެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ވަހީދުގެ ނަން ހުށަހަޅައި ވޯޓަށް އެހި ނަމަވެސް ވަކި ހިސާބަކުން ނިޒާމު ގެއްލި ޖަލްސާ ނިންމާލީ އެވެ.
ޕާޓީގެ ރައީސް އާއި އެޑްވައިޒަރުގެ އަރިހުން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން މި މޭރުމުން ތަކުރާރު ނުވާނޭހެން ކަންކަމުގައި އެބޭފުޅުން އަމަލު ކޮށްދެއްވުމަށެވެ. އަދި މި ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް އެބޭފުޅުން ވެސް މަސައްކަތް ކޮށްދެއްވުމަށެވެ،"--- ވަހީދު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް އެ ރޭގެ ބައްދަލުވުމުގައި 47 ވޯޓު ލިބުނަސް ފާސްވާން އެއް ވޯޓު މަދުވާ ކަމަށް ބުނެ ދެ ފެކްޝަންގެ އަރައިރުމުގެ ތެރޭގައި ނިޒާމު ގެއްލުމުން އެ ރޭގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ހުއްޓާލީ އެވެ.
އެ ހުރިހާ ކަމެއް ފާހަގަކުރައްވައި، ޕާޓީގެ ރައީސް ޝާހިދަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ، ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން އޭނާ އަށް ހުށަހެޅުއްވީ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމަށާއި ޕާޓީގެ އެޑްވައިޒަރު އިބޫ އާއި ރައީސް ޝާހިދަށް މެސެޖު ކުރައްވައި އެ ބޭފުޅުންގެ ހިޔާލު ވެސް ހޯއްދެވި ކަމަށެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ވަހީދު
"އެ ގޮތުން އެ ދެ ބޭފުޅުން ވެސް އަޅުގަނޑަށް ޖަވާބު ދެއްވީ، އެ ކަމުގައި ކުރިއަށް ދިއުމަށާއި އެ ކަމަށް އެ ދެބޭފުޅުން ވެސް ތާއީދު ކުރައްވާ ކަމަށެވެ،" ވަހީދުގެ ސިޓީގައި ވިދާޅުވި އެވެ.
ނަމަވެސް އެ ވޯޓާ ހަމައަށް ދިޔަ ވަގުތު އިބޫ އާއި ޝާހިދު އަމަލު ކުރެއްވި ގޮތާއި އަދި އޭގެ ފަހުން ކަންކަން ކުރައްވަމުން ގެންދަވާފައިވާ ގޮތުން ވަގުތީ ޗެއާޕާސަންގެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމަށް މިހާރު ޝައްކު ނުކުރައްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ، ވަގުތީ ޗެއާާޕާސަންގެ މަގާމު އޭނާ ކާމިޔާބު ކުރައްވާފައިވީ ނަމަވެސް އެ ސަބަބުތައް އެހެން އޮތުމުން އެ ވޯޓުގައި ވާދަކުރި ކުރުން އަނބުރާ ގެންނަން ނިންމެވީ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ އެމްޑީޕީގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
"ޕާޓީގެ ރައީސް އާއި އެޑްވައިޒަރުގެ އަރިހުން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން މި މޭރުމުން ތަކުރާރު ނުވާނޭހެން ކަންކަމުގައި އެބޭފުޅުން އަމަލު ކޮށްދެއްވުމަށެވެ. އަދި މި ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް އެބޭފުޅުން ވެސް މަސައްކަތް ކޮށްދެއްވުމަށެވެ،" ވަހީދުގެ ސިޓީގައި ވެ އެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމަށް ވަހީދު އައްޔަންކުރަން މަސައްކަތްކުރީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. ޗެއާޕާސަންގެ މަގާމުން އެންމެ ފަހުން އިސްތިއުފާ ދެއްވި ފައްޔާޒާއި އޭނާގެ ޓީމު ވެސް މިހާރު ތިބީ ނަޝީދާ އެކު އެވެ.
އިބޫގެ ޓީމުން ވަގުތީ ޗެއާޕާސަނަކަށް ނެރެން އުޅުނީ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ. އެކަމަކު، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ އޭނާ އަށް ޗެއާޕާސަންގެ މަގާމު އަދާކުރެއްވިދާނެ ކަމުގެ ސުވާލު އިދިކޮޅު ފެކްޝަނުން އުފައްދައި، އެ މައްސަލަ ބޮޑު އަރައިރުމަކަށް ބަދަލުވީ އެވެ.
އެހެންވެ، އަސްލަމްގެ ނަމާ މެދު ގޮތެއް ނުނިމި ހުކުރު ދުވަހުގެ ރޭގެ ގައުމީ މަޖިލިސް ހޫނު ޒުވާބާއި އަރައިރުމުގެ ތެރޭގައި ނިންމައިލީ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވި މައިގަނޑު ސަބަބަކީ ވެސް ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި އިބޫއާ ދެމެދު އުފެދިފައިވާ ސިޔާސީ ކޯޅުމެވެ. ކުރިއަށް 2028 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުންގެ ބަހުސްގައި ވެސް އޮތީ ހިޔާލު ތަފާތުވުމާއި އަރައިރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކި ޕާޓީ
01 December 2025
އެއް ޕާޓީން އަނެއް ޕާޓީން ދުވާ މީހެއް އަންނި އަކީވެސް. ޝާހިދުވެސް އެގޮތް. ފަޔާ ވެސް އެފަދަ. ހުސް އެކައްޗެއް.
ފާމުލަދޭރި ކިލެގެފާނު
30 November 2025
ޑިމޮކްރަސީ ދޮންވެ ފައްކާވުމަށްފަހު ތިއޮތީ ކަފަ ޖަހާފައި. ދެން ތިޔަ ޖެހޭނީ އަންދާލަން ނުވަތަ ވަޅުލާން. އެހެން ޕާޓީތަކަށް ތިޔައިގެ ވިހަނުފޯރަނީސް. އާރާބާރާއި މަގާމުތަކުގެ ދަހިވެތިކަން ބައެއްގެ ތެރޭގައި ހިސާބަށްވުރެ ބޮޑުވީމަ ތިހުރިހާ ކަމެއް ވެސް ދިމާވާނެ.
ހޭލަ
01 December 2025
ރާއްޖޭގައި ފުރަތަމަ މިފަހުން އުފެއްދި ޕާޓީއަކީ، އެމްޑީޕީ، އެޕާޓީ އަދި ވެސް ދެމި މިއޮތީ، އެހެން ޕާޓީތަކަވުރެ ވަރުގަދަކޮށް، އެކަމަކު އޭގެ ފަހުން އުފެދުނު ބޮޑު އެއްވެސް ޕާޓީއެއް ވުޖޫދަކު ނެތް.
އަހަންމާ.
30 November 2025
އެމް.ޑީ.ޕީގެ މައްސަލައަކަށް ވީ ޑީ.އާރު.ޕީ ހަލާކުކޮށްލާފައި، އެޕާރޓީން އިން އައި ގްރޫޕު ޕާޓީއަށް ވެއްދުން..ނަތީޖާއަކީ އަސްލު މެމްބަރުން ހިތްހަމަނުޖެހި ފެޔަށް ޖެހުން....
އަލީބާބާބާ
30 November 2025
ތިޔަށް ކިޔަނީ ޑިމޮކުރެސީ ފައްކާވުން، ޔައުނީ ބާރުގައި ބަގުޑި ބެއްދުމޭ،
އިހްސާސް
30 November 2025
ހަމަ ރަގަޅަށްވެސް ރޫޅިއްޖެ. ދެންދާނީ ޑީއާރުޕީ ދިޔަ މަގުން ކަންނޭގެ.
ރާއްޖެ
30 November 2025
ޕާޓީ ހިންގަނީ މަތިވެރި މާލޭ ދެތިން އާއިލާ ބޭނުންވާ ގޮތަކަށް. އެއީ މާބޮޑަށް ޑިމޮކްރެޓިކް ކަމުން ވާގޮތެއް.
ދިއްދޫމީހާ
30 November 2025
ވަހީދު ތިޔަ މަޤާމަށް އާދެވެން އޮތީ ވަހީދުގެ އެޑްރެސް ހއ.ދިއްދޫ ބޮކަރުމާގެއިން ކ.މާލެ ބޮކަރުމާގެއަ ބަދަލްކުރުމުން ދެން ތިޔަ އަބްދޯޝާހިދު އަކީ ކާކުކަން ވަހީދުއަށް ވަރަށް ރަނގަޅަށް އިންގޭނެ…
ކަނބިލި
30 November 2025
އާނ ދިއްދޫ މީހަކު ކަމަކު ނުދާނެނު. "ބޭފުޅަކު" ތިޔަ މަގާމަށް އަންނަންވާނެ. ނަންބޯޑުގައި " ޑިމޮކްރަޓިކް" އޮތަސް ހިނގާނީ ރަސްކަމުގެ ނިޒާމުގައި ކަންކަން ހިނގާގޮތަށް. ގަނޑުވަރުތެރޭން މީހަކު ހުންނަންވާނީ. " ބީރައްޓެހިން" ތިބެންޖެހޭނީ ޚާދިމުން ގޮތުގައި އަޅުދާސްވެގެން. ތިޔަ ޕާޓީގައި މިކަން ވަރަށް ބޮޑަށް އޮވޭ
ކޮރަލް
30 November 2025
ޕާޓީ ހަލާކު ކުރަން އަންނި އެހުރީ އަލުން އެމްޑީޕީ އަށް ވަދެ އެވެ. އޭނަ ބޭނުންވާ މީހަކު ހޮވެން ޖެހެ އެވެ. ނޫނީ އެ މީޓީންގް ގަ ޒުވާބު ކޮށް ހުއްޓުވާނެ އެވެ. ހޮވެންދެން އަޑު ގަދަ ކުރާނެ އެވެ.
ޢަލިކޮއެ/ހުޅުމާލެ
30 November 2025
އަބްދުﷲ ޝާހިދާއި، ޑީއާރުޕީ ގުރޫޕާއި، އަންނި ފަހަތަށްޖެހި ތިޔަ ޕާޓީ ޒުވާނުންނާ ހަވާލުކުރޭ. ކަލޭމެން ފެއިލުވެއްޖެ.
ނޫން
30 November 2025
އަންނި ހުރީ ޒުވާނުންނާއެކު
ހޯސް
30 November 2025
ޒުވާނުން ތިބީ އަންނި އާއެކުއެއް ނޫން!
ސަހަލު
30 November 2025
ސަހަލު ޒުވާނަކުވެސް ނެތޭ. ދެނޯ؟
ޒުވާނޭ
30 November 2025
ޒުވާންކުދިން ބުނީ ދަޅެއް ނެތް ހެއްޔޭ، ދަޅެއް ބޯލަންށޭ އައީ…