ޝައްމާން މިއަދުގެ އަޑުއެހުމުގައި: ގަވައިދާ ހިލާފު ކަމެއް އެއްވެސް އޮފިސަރަކަށް ނުކުރެވޭ ކަން ޝައްމާން އަންގަވާ ކަމަށް ހެކިވެރިޔާ ބުނި --
30 ނޮވެމްބަރ 2025 - 16:51
ގަވާއިދާ ހިލާފަށް އެއްވެސް އިރުޝާދެއް އިމިގްރޭޝަންގެ އެއްވެސް އޮފިސަރަކަށް ނުދެވޭނެ ކަމަށް އެ ތަނުގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އެންގެވި ކަމަށް އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ޝިފާން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހެޑް، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ހެކިބަސް ދެއްވާފައިވެ އެވެ.
އޭނާ ވަނީ މި މައްސަލަައިގައި ހިމެނޭ ބިދޭސީ މީހާއާ ގުޅޭ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތް ތަފްސީލުކޮށް ކިޔައި ދެއްވައިފަ އެވެ. އެގޮތުން ޝިފާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ބަންދުކުރި ރޭ ޝަމްއާންގެ ފޯނު ކޯލެއް ވަޓްސްއެޕް އޭނާއަށް ލިބުނު ކަމަށެވެ.
ޝައްމާން ގުޅާފައި ވިދާޅުވީ ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ބިއުރޯގެ ދެ މުވައްޒަފަކު ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެތަނަށް ރިސްކް ޑިވިޝަންގެ މުވައްޒަފުން ފޮނުވައިދިނުމަށް ކަމަށް ޝިފާން ވިދާޅުވި އެވެ. އާންމުކޮށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލާފާސްކުރަން އެންމެ ފުރަތަމަ އެޓެންޑް ވަނީ ރިސްކް ޑިވިޝަނުންނެވެ. އެފަދަ މައުލޫމާތުތައް ވެސް ސާފުކުރަނީ އިންޓެލިޖެންސްގެ އެހީގަ އެވެ.
ނަމަވެސް، މި މައްސަލާގައި އެއާ ހިލާފަށް ރިސްކް ޑިވިޝަނުން ސީންއަށް އެޓެންޑްވިއިރު ވެސް ޝައްމާންގެ ބިއުރޯގެ މުވައްޒަފުން އެ ތަނުގައި ތިއްބެވެ. ޝިފާން ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނާ ގުޅޭ އަމުރުތައް އައީ ސީދާ ޝައްމާންގެ ފަރާތުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޓީއެއް ލިބިފައިވާ ކަމަށް ވިދާޅުވެ، ބިދޭސީ މީހާ ދޫކޮށްލުން އަވަސް ކުރަން ވެސް އެންގެވީ ޝައްމާނެވެ. ނަމަވެސް އޭނާ ދޫކޮށްލުމުގެ ކަންކަމުގައި ޣައިރު ގާނޫނީ ކަމެއް ނުކުރާނެ ކަމަށް ރިސްކް ޑިވިޝަނުން އޭނާއާ ހަވާލުވި އޮފިސަރު ބުނި ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އާންމު އުސޫލުން މީހުން ބަންދުން ދޫކޮށްލުމުގެ ކަންކަން ކުރަނީ ކޮމްޕްލެއެންސް ޑިވިޝަނުން ކަމަށްވިޔަސް، މި މައްސަލާގައި އިރުޝާދު ލިބުނީ ރިސްކް ޑިވިޝަނުން އޭނާއާ ހަވާލުވާން ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލަގައި ބިދޭސީ މީހާ އުފުލުމަށް ގެންގުޅުނީ ބިއުރޯގެ ކާރު ކަން ވެސް ހެކިވެރިޔާ ފާހަގަކުރެއްވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަން ހިންގީ އޭރުގެ ކޮންޓްރޯލަރު ޝަމްއާންގެ އެންގެވުމަކަށް ނަމަވެސް، ރިސްކް ޑިވިޝަނުން ހުރިހާ އިޖުރާއަތްތަކާ އެއްގޮތަށް އަމަލުކުރި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އެ ހާދިސާއަށް ފަހު، އިމިގްރޭޝަންގެ އޮފިސަރެއް ކަމަށްވާ، ޝަމްއާންއާ ގާތް ގުޅުމެއް އޮންނަ އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އަހުމަދު ލައްސާންގެ ފަރާތުން އިރުޝާދެއް ލިބުނު ކަމަށެވެ. އެއީ ވަކި ރެއިޑެއް ނުހިންގުމަށާއި އެއީ އެމީހުންގެ ބައެއް ކަމަށް ބުނެ ލިބުނު އިރުޝާދެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަން ޝަމްއާންއާ ހިއްސާ ކުރުމުން އެގޮތަށް އެއްވެސް އޮފިސަރަކަށް ގަވާއިދާ ހިލާފު އިރުޝާދުތައް ނުދެވޭނެ ކަމަށް ޝަމްއާން އެންގެވި ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝަމްއާން ވެސް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝިފާންއާ ސުވާލުކޮށްފަ އެވެ. އެގޮތުން އެ އޮޕަރޭޝަންގައި ބަންދުކުރި ބިދޭސީންނާ ގުޅޭ ގޮތުން ޝިފާން، ޝަމްއާނަށް ދެއްވި ލަފާ ސާފުކުރަން ސުވާލު ކުރެއްވި އެވެ. ޝިފާން ވިދާޅުވީ އެ ރޭގެ އޮޕަރޭޝަންގައި ބަންދުކުރި ބިދޭސީންގެ ފުރިހަމަ ވިސާއެއް އޮތް ކަމަށެވެ.
އެ ހާލަތުގައި އެ މީހުން ބަންދުގައި ބޭއްތިއްބިދާނެތޯ ޝަމްއާން ސުވާލު ކުރެއްވި އެވެ. ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި ޝިފާން ވިދާޅުވީ އިތުރު ކުށެއް ނުކުރާހާ ހިނދަކު ބަންދުގައި ނުބޭތިއްބޭނެ ކަމަށެވެ.
އެކަމަކު، އެ ބިދޭސީން ބަންދުން ދޫކުރީ ޝަމްއާންގެ އެންގުމަށް ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ހެކިބަސް ނެގުމަށް އިތުރު އަޑުއެހުންތައް ވެސް ވަނީ ތާވަލުކޮށްފަ އެވެ.
ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގަވާފައި ވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެ އެވެ.
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެއީ މ. ހަޒާރީވިލާ، އަހުމަދު ލައްސާންގެ އިތުރުން ގ. ހެޕީސައިޑް އަހުމަދު ޝަހެޝަން އާއި އެގޭ އިބްރާހިމް އަހުމަދާއި ތ. ބުރުނީ މޫނިމާގޭ، އަހުމަދު އަލްސަން އިސްމާއިލްގެ މައްޗަށެވެ.
އޭގެ ތެރެއިން ލައްސާން އަދި އަލްސަންއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. އަލްސަންގެ މައްޗަށް މިއަދު ވަނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އަދި 45،000ރ. ޖޫރިމަނާގެ އަދަބު ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމަލު2
02 December 2025
ޝައްމާނަކީ މިސަރުކާރު ވެރިކަމަށް އައުމުން ވަރަށް ސައިޒު އޮޅުނު ބޭފުޅެއް ، ހީވާކަހަލަ އޭނަ ގެނައި ސަރުކާރެއްހެން. އިމިގްރޭޝަނުގެ އާދައިގެ އޮފިސަރަކަށް އުޅުނުއިރު މައްސަލަތަކެއް ޖެހިގެން ވަޒިފާއިން ވަކިކުރުމުން ސިޔާސީގޮތުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ އޭރުގެ އިދިކޮޅުގަ ސިޔާސީ ކުލަޖެހިގެން އުޅުނީ. ހަގީގަތަކީ ގިނަ އިންސާނުންނަކީ އެމީހަކާ އެކަށީގެންނުވާ މަގާމާއި ހައިބަތާއި ބާރު ލިބުމުން ވަރަށް އަވަހަށް މީހާގެ އަސްލު ފެންވަރު(ސައިޒް) އޮޅޭބައެއް.
ސިކުނޑި
01 December 2025
ޝައްމާނު ގޯހެއް ނަހަދައެކޭނޫން! މާޒީއަށް ބަލާއިރު ގޯހެއް ހަދާފާނެ މީހެއްއެއީ! އެކަމަކު ލޯނު ކްލިއަރ ކުރުމާއި މި ފައިސާއާއި ގުޅުވާފައި އެ އޮތީ ހިނބަޅިދޫން ފެނުނު ހަތިޔާރި އަދީބާއި ގުޅުވިގޮތަށް! މީވަރަށް ވާހަކަ!!
ޓާޚޫ
01 December 2025
ސިގެރެޓް ބޯ ޑޮކްޓަރުވެސް ބުނޭ ބަލިމީހާ ދިޔައިމަ ސިގެރެޓް ނުބޯށޭ.
ޢިބްރާ
30 November 2025
ޝައްމާން އަށް ދޭން 5 ލައްކަ ގެންދިޔާމަ ހޯދީ 4 ލައްކަ. ބާކީ އެއްލައްކަ ކޮބާ؟
ސައިބޯނި
30 November 2025
ތިގޮތަށް ނާޒިމް ސަރ އަށް ވެސް ކުރި ތުހުމަތު ތަކެއް ސަރުކާރުން މީހަކު ހަލާކުކޮށްލަން ވެއްޖެއްޔާ މިދަރަޖައަށް ވެއްޓުދާނެބާ އޭ ހިތަށް އަރަނީ،،
ފޭސްބްކް ފްރެންޑް
30 November 2025
މާޝާﷲ އަދިވެސް ވަރައް ލޯބިދޯ. ސަލާމަތްވާނެ ކަމުގެ އުންމީދު އެބައޮތް. އާއިލާއައް ކެތްތެރިކަން ދެއްވާށި އާމީން
ސުންދަރު.
30 November 2025
HDC އިމިގްރޭޝަން ޕޮލިސް ކަސްޓަމު އެމްޕީއެލް ކޯޓު ޕުރިސަންސް ގައި ތިބި ބައެއް ފަހުލަވާނުން ކުރި މިންނެތް މަސައްްކަތުގެ ވާހަކަ ދެއްކުމުގެ ގާބިލު ކަން މި އަޅާ އަށް ލިބިފައި ނެތެވެ!.
ޗަޕް
30 November 2025
ސީދާ ފްރޭމް ކުރުމެއް ތިއީ. ކިތަންމެ ހެކި ބަހެއް ދިނަސް ތިމައްސަލަ ސާބިތުވެ ބޮޑު ހުކުމެއް އަންނާނެ. ބޭކާރު ކަމެއް ހެކި ބަހަކީ. ހުކުމް އަންނާނެ ގޮތް ތިމައްސަލަ ތިދާ ގޮތުން ވިސްނައިގަންނާކަށް އުނދަގުލެއް ނުވާނެ. މިއީ މޯޑީސް.
އޯކޭބެ
30 November 2025
ދެން ދެ ލޯނަށް ދެއްކި ރުފިޔާ އެހެރީ ފެންނަން. ޢެ ފައިސާއިން ލޯނު ކްލިއާ ކުރީ ކީއްވެކަން ބުނެދީބަލަ؟ އަހަންނަށް އެ ވަރު ފައިސާ ގަނޑެއް ދޭނެ އެ ފެންވަރުގެ ބައެއް ނުތިބޭނެ ކަން އިނގޭ...
ތައްހާނު.
01 December 2025
ބިދޭސީ މީހާ އަތުން ލާރިނަގާފަ ތިމާގެ ނަމުގައި އޮތް ލޯނު ތަކަކަށް ފައިސާ ދެއްކުމުން ދެން ފްރޭމް ކުރުމެކޭ ބުނުމުގެ ޖާގައެއް ނެތް.