ސްރީލަންކާ ސަފީރު މުހައްމަދު ރިޒްވީ ހަސަންގެ ރަސްމީ ގެކޮޅުގައި، ސަން ސިޔާމް ގްރޫޕްގެ ބާނީ އަހްމަދު ސިޔާމް މުހައްމަދު އެހީގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވަނީ. -- ސަން ފޮޓޯ: މުހައްމަދު އަފްވާން
30 ނޮވެމްބަރ 2025 - 18:46
ތޫފާން ދީތުވާގެ ސަބަބުން ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ވެފައިވާ ސްރީ ލަންކާއަށް ސަން ސިޔާމް ގްރޫޕްގެ ފަރާތުން 200،000 ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
އެ ފައިސާ ހަދިޔާކުރެއްވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕުގެ ޗެއާމަން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވަނީ ސްރީ ލަންކާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލުކުރައްވައި އެހީގެ ރަމްޒީ ޗެކެއް ހަވާލުކުރައްވާފައި ކަމަށް ސަން ސިޔާމް ގްރޫޕްގެ ފަރާތުން ހިންގާ "ސަން އޮންލައިން" އިން ބުންޏެވެ.
ހަދިޔާކުރަން ނިންމި 200،000 ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު މިއަދު ހަދިޔާ ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ބައި ހަވާލުކުރާނެ ކަމަށް ވެސް ބުންޏެވެ.
ސަން އިން ބުނި ގޮތުގައި މާދަމާއިން ފެށިގެން ސަން ސިޔާމް ގްރޫޕުގެ ކުންފުނިތަކާއި ރިސޯޓުތަކުގައި ވެސް އެހީ ހޯދުމަށް ފައިސާ އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
އަދި ސިޔާމް ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސެނަޔަކައަށް ގުޅުއްވައި ހިތްވަރު ދެއްވައި އެކުގައި ތިބިކަން ޔަގީންކޮށްދެއްވުމަށް ހާއްސަ ސިޓީއެއް ވެސް ފޮނުވާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ތޫފާން ދީތުވާ ސްރީ ލަންކާގެ އިރުމަތީ އައްސޭރިއަށް އެރުމުގެ ސަބަބުން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ އުމްރާނީ ބޮޑެތި ގެއްލުންތައް ވެސް ވަނީ ވެފަ އެވެ.
ލަންކާއަށް އެހީވުމަށް ރާއްޖޭގައި ޓެލެތޯންއެއް މިއަދު ކުރިއަށް ގެންދާއިރު މެންދުރާ ހަމައަށް ލިބުނު ފައިސާގެ އަދަދު ދެ މިލިއަނަށް ވުރެ ގިނަ އެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ.
ދިވެހި ރުފިޔާއިން ނަމަ ފައިސާ ޖަމާކުރާނީ 7730000796107 ނަމްބަރު އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ. މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައުޔު
01 December 2025
ސަން ސިޔާމް އަކީ ވަރަށް ދީލަތި ގިނަބަޔަކަށް އެހީތެކިކަން ފޯރުކޮށްދެއްވާ ބޭފުޅެއް، އަމިއްލަ ފަރުދެއްގެ އެހީގައި އެންމެ ގިނަ ޢަދަދެއްގެ މީހުން ޙައްޖަށް ފުނުއްވާ ފައިވަނީ ޝިޔާމް ކަމަށް ފާހަގަ ކޮށްލެވޭ
ޒަރީރު
01 December 2025
ޕަލަސްތީން އަށް މިވަރުގެ އެހީޔެއްނުވީ ކީވެބާ؟ މުސްލިނުން ނައްވީތީ ތޯ
ކަލޭގެސަން
02 December 2025
ފަލަސްތީނުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ވީމައި.
އުމަރުބ
01 December 2025
މިހާރު ސިޔާމު ހުރީ 2028ގެ ރިޔާސީ އިންތިހާބުގާ ވާދަކުރަން ފާވިއްދާފާ މީ އޭގެ ތެރެއިން މޫނުމަތި ރީތިކުރަން ކުރާކަމެއް . އޭރުން ރައްޔިތުން ވާވެއްދޭނެތާ
އަހަންމާ.
30 November 2025
އަޅުގަނޑުގެ ދަރިޔަކަށް ބޮޑުބައްޔަކަށް ރާއްޖޭންބޭރަށް ބޭސްކުރަންޖެހި...ތި އާސަންދަ ވެސް ހަމަނުޖެހިގެން ތި ޝިޔާމުގާތުގައި އެހީ އަކަށް އެދިގެންބުނެގެން އަޅާވެސް ނުލި. އަދި އުއްޗު އާއިވެސް ބައްދަލުކުރިން، ބުނީ ވާކަށްނެތޭ، މިއީ މިމީހުންގެ ވަރަކީ. ސަދަޤާތް އޮންނަނީ ގާތުން ދުރަށް....
ބުހުތާނު
01 December 2025
ހަމަ ހުރެލާފަ ކޮންމެވެސް އެއްޗެއް ތި ކިޔާލަނީއޭ. ތީތި ކަޑަ
ކަލޭހެސަން
01 December 2025
ކަލޭ ބޭނުންހައި އެއްޗެއް އޭނާ ދޭކަށް ނުޖެހޭ.
ޙައިވަކަރު އޮޑި
01 December 2025
ތި މަހުޖަނުންނަކީ ނޫސްތަކުގެ ފަަލަ ސުރުޙީއަށް އަރަން ކަންކަންކުރާބައެއް. މުއައްޒަފުންނަށް މުސާރަ ދޭންވީމަ ނުވަތަ އާންމު ރައްޔިތަކަށް ދޭންވީމަ އެއްޗެއް ނޯވޭ. މުޅިންވެސް ދެއްކުންތެރިކަން.
ރަދީފްއޮފިޝަލް /
30 November 2025
ސާބަހޭ ސިޔާމް.