ލަންކާއަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެފައިވާތީ ބަޔަކު ދުވަސްވީ މީހަކު އުފުއްލާލައިގެން ގެންދަނީ: ދިވެހިންގެ ފަރާތުން ފެނުނު އެެހީ ފެނިފައި އެ ގައުމުން ވަނީ ޝުކުރުވެރިކަން ބަންޑުންކޮށްލާފައި.-- ފޮޓޯ: އޭއެފްޕީ
02 ޑިސެމްބަރ 2025 - 10:32
ސްރީ ލަންކާއަށް އެރި ތޫފާނުގައި އެ ގައުމުގެ އެތައް ހާސް ރައްޔިތުންގެ ދިރިއުޅުން ސުންނާފަތިވެގެން ދިޔަ ވަގުތު ދިވެހިން ދީލަތި އެހީ އާއި އެއްބައިވަންތަކަން ފެނިފައި އެ ގައުމުގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ދިވެހިންނަށް ބަންޑުންކޮށްލައިފި އެވެ.
"ސިލޯނާ އެކު ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ދިވެހިންގެ ފަރާތުން ދިން ބޮޑެތި އެހީތަކާ އެކު ލަންކާ ރައްޔިތުން ދަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓްތައް ކުރަމުންނެވެ. ސުނާމީއަށް ފަހު ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާއާ ގުޅިގެން އެ ގައުމުގައި އަމިއްލަ ކެމްޕެއިނެއް ވެސް ނުފަށާ އުޅެނިކޮށް ކުޑަ ކުޑަ ގައުމަކުން އެހީއަށް ނުކުތުން އެ މީހުންނަށްވީ ދިވެހިން ކޮށްދިން ވަރަށް ބޮޑު ކަމަކަށެވެ.
އެކަމާ ގުޅިގެން ލަންކާ މީހަކު ކުރި ޕޯސްޓުގައި ބުނީ ދިވެހިންނަށް އެހީތެރިކަމެއް ބޭނުންވާ ދުވަހަކު ދިވެހިންގެ ހައްގުގައި ނުކުންނާނެ ކަމަށެވެ.
"ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ދުވަހެއް އަތުވެއްޖެ ނަމަ، އެ މީހުންނަށް ހައްގު މިންވަރު ފޯރުކޮށްދީ އަހަރެމެންނަށް ލިބިފައިވާ ހުރިހާ އެއްޗެއް އެ މީހުންނަށްދީ،" މީހަކު އަސަރާ އެކު ލިޔެފައިވެ އެވެ.
އޭނާ ބުނީ ދިވެހިންގެ އެއް ދުވަހުގެ އުޖޫރަ، އެ ޓެލެތޯނަށް ހަދިޔާކޮށްފައިވާ ކަމަށާއި އެއީ ލަންކާގެ ގިނަ މީހުންގެ އެއް މަހުގެ މުސާރައާ އެއްވަރު އަދަދެއް ކަމަށެވެ.
އޭނާ ވަނީ ދިވެހިންގެ ފަރާތުން އެ ޓެލެތޯނަށް ލިބުނު ބައެއް އެހީގެ ލިސްޓެއް ވެސް އެ ޕޯސްޓުގައި ހިމަނައިފަ އެވެ.
"އެންމެ ދިވެއްސަކު 200،000 ޑޮލަރު ހަދިޔާކޮށްފި. އެމީހުންގެ [ދިވެހި] ސަރުކާރުން 50،000 ޑޮލަރު ހަދިޔާކޮށްފި. ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ މަސައްކަތުން މިހާތަނަށް 33،000 ޑޮލަރު އެއްކޮށްފި. ރާއްޖޭގެ ބޭންކަކުން 20،000 ޑޮލަރު ހަދިޔާކޮށްފި. މި ކާރިސާ ދިމާވި ވަގުތު ރާއްޖޭގެ މޯބައިލް ނެޓްވޯކްތަކުން ވަނީ ލަންކާއަށް ހިލޭ ގުޅޭނެ ގޮތް ހަދާފައި. އެމީހުންގެ [ދިވެހި] ސަރުކާރުން ވަނީ 25،000 މަސް ދަޅު ކޭސް [1.2 މިލިއަން މަސްދަޅު] ފޮނުވާނެ ކަމަށް ބުނެފައި،" އޭނާ ލިއެފައިވެ އެވެ.
ލަންކާއަށް ކުރި ވިއްސާރާގައި އާއިލާއެއް ހާލުގައި ޖެހިފައި،-- ފޮޓޯ: އޭއެފްޕީ
ރާއްޖޭގެ އޮފީސްތަކާއި ރިސޯޓުތަކާއި ސްކޫލުތަކުން ވެސް "ސިލޯނާ އެކު ދިވެހިންގެ" ނަމުގައި ހޭޝްޓެގެއް ހަދައިގެން ލަންކާއަށް އެހީވަމުން އަންނައިރު އެ މީހުންގެ އަމިއްލަ ގައުމުގައި އެފަދަ ކަމެއް ވެސް ނުހިނގާ ކަމަށް ބުނެ އެމީހާ ވަނީ ރާއްޖެއަށް ތައުރީފް ބަންޑުންކޮށްލައިފަ އެވެ.
"އަހަރެމެންނަށް ވުރެ މި މީހުން އިންސާނިއްޔަތުކަން ދެއްކުމުގައި ކުރީގައި މި އުޅެނީ،"
"އަހަރެމެންނަށްޓަކާ ދިވެހިން ކޮށްދިން ކަންކަން ހަނދާން ނައްތާނުލާތި. ރާއްޖެއަށް ކަމެއް ބޭނުންވާ ދުވަހު އެއްވެސް ސުވާލެއް ނެތި އަހަރެމެން ނިކުންނާނަން،"
އެ ޕޯސްޓާ އެކު ލަންކާ މީހުން ވެސް ވަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓުކޮށްފަ އެވެ. ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ހަނދާން ނުނެތޭނެ ކަމަށާއި ދިވެހިންނަށް އެހީ ބޭނުންވާ ވަގުތު ތިބޭނެ ކަމުގެ ޔަގީންކަން އެމީހުން ދެ އެވެ.
ލަންކާއަށް ކުރިމަތިވި ހާދިސާއާ އެކު ރާއްޖޭގައި ލަންކާ މީހުން މަސައްކަތްކުރާ އެކި ކުންފުނިތަކުން ވެސް އެ މީހުންގެ އާއިލާތަކަށް އެހީތެރިވަމުން އަންނަ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
ފޭސްބުކްގެ އިތުރުން ޓިކްޓޮކުގައި ވެސް ލަންކާ މީހުން އަންނަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓު ކުރަމުންނެވެެ. ފަންޑު ފޮށިތަކާއި ޓެލެތޯނުގެ އެކި މަންޒަރުތައް ހިއްސާކޮށް މި މީހުންގެ ޝުކުރުވެރިކަން ވަނީ ބަންޑުކޮށްލައިފަ އެވެ.
ޕީއެސްއެމުން އިންތިޒާމުކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފަށައި އިއްޔެ، މެންދުރުފަހު 2:00އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެ ހަރަކާތުގައި 11 މިލިއަން ރުފިޔާ އަދި 43،631.31 ޑޮލަރު (ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ) ލިބުނެވެ.
އޭގެ ތެރޭގައި ސަރުކާރުގެ އެކި ކުންފުނިތަކާއި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން އެކި ފަރާތްތަކުން ބޮޑެތި އެހީތައް ދިނެވެ. އަދި ޓެލެތޯނުގެ ބޭރުން، ލަންކާ ރިލީފް ފަންޑަށް ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިތަކުން ވެސް ޑޮލަރުން އެހީވި އެވެ.
ތޫފާން ދީތުވާގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާތަކުގައި ލަންކާ އިން 350 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 300 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެ އެވެ. އަދި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާ.
02 December 2025
ދިވެހިން އަވަށްޓެރިންނަށް އެހީ ވަނީ، ދިވެހިންނަކީ މުސްލިމުންނަށް ވާތީ މާތްﷲގެ ވަޖުހަފުޅަށްޓަކައި. ބަޔެއްގެ ފަރާތުން ބަދަލަކަށް އެދިގެނެއް ނޫން.
ދިވެހިރައްޔިތެއް
02 December 2025
ތިފައިސާތައް ހަމައަށް ލަންކާއަށް ލިބިއްޖިއްޔާ ކިތަންމެހާވެސް ރަގަޅު..
ޢަލް ޖާރް ،
02 December 2025
ޜަސޫލާ ސައްލަﷲ ޢަލައިހި ވަސަލްލަމް ހަދީޘް އެއްގެ މާނައިގައިވެއެވެ.. " ތިބާ ބަނޑުފުރައި މުއްތިކޮންގެން ތިބާގެ އަވަށްޓެރިޔާ ބަނޑުހައި ހޫނަކަމުގައި ވާނަމަ ތިބާއަކީ ފުރިހަމައަށް އީމާންވި މީހަެއްކަމުގައި ނުވެއެވެ. " އަވަށްޓެރިޔާއަކީ ކޮންމެ ދީނެއްގެ މީހެއްކަމުގައި ވިޔަސް އެހީވާންޖެހެއެވެ. ޢެއީ ފުރިހަމަ މުއްމިނުންގެ ޞިފައެކެވެ.
ރަމީޒާ
02 December 2025
ވަރަށް ރަނގަޅު ވާހަކައެއް. މި ގައުމުގަ އުޅޭ ބޭރު މީހުންނަށް އޯގާތެރިވާން ވަރަށް ގިނަ ފަހަރު ދިވެހިން ހަނދާން ނެތޭ. އިންސާނިއްޔަތުކަން އިސްކުރަން ޖެހޭނެ އެހެން ހުރިހާ ކަމަކަށްވުރެ. ދީނުގެވެސް އަސާސަކީ މިއީ.
މުހައްމަދު 22
02 December 2025
މީކީ ބަދަލުގެ ގޮތުގައި ލަންކާ މީހުންގެ ފަރާތުން އެއްޗެއް ލިބޭނެ ކަަަމަށް އުއްމީދު ކޮށްގެން ކުރި ކަމެއް ނޫން، އެކަމަކު އަހަރުމެން އެދެނީ އަހަރުމެން ލަންކާއަށް ދިޔައިމަ ހޮޓާތަކުންނާ ހޮސްޕިޓާތަކުންނާ ކުރޮޅިި ޑްރައިވަރުން އަހަރުމެނަށް އޮޅުވާލައިގެން ބޮޑުއަގު ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް
ނެތަ
02 December 2025
ކުރޮޅި ޑްރައިވަރަކު ފަސްހާސް ރުޕީސް މާރުކުރަން ނެގި. ފިލީ.
ހަގީގަތޭ
02 December 2025
ދިވެހިންގެ ނުލަފާކަން އެންމެ ރަނގަޅަށް އެނގޭނީ ލަންކާ މީހުންނަށް.
އަސަރު68
02 December 2025
އެހީތެރިކަމުގެ އަތް ދިއްނުކުރަނީސް އެކަމާއުޅުނީމަ ހުންނާނީ އެންމެ ރަނގަޅަށް. ކޮންމެ ކޮންމެ މީހަކަށް ކޮންމެ ކޮންމެ ފަރާތަކަށް އެހީއަށް އެދެން ޖެހިލުންވެ ފަސްޖެހޭނެ. ކަމެއްވެގެންއުޅޭއިރު އެކަމެއްވެގެންއުޅޭތަން އެންމެނަށްފެނޭ. އުޅޭހާލުއެނގޭ. މީކީ 60 ގެ އަހަރުތަކެއްނޫން. އެހެންވީމާ އެހީއަށް ބޭނުންވެފާވާ ފަރާތްތަކަށް އެހީވުމީ މުސްލިމުންގެ ސިފައަކަށް ވާންވާނެ. ހަގީގަތުގާވެސް މިފަހަރު ރާއްޖޭގެ ރައްޔިތުން މިއުޅެނީ އަމިއްލަ ގައުމަށްވުރެވެސް މާކުރީގަ.
ޙަހަ
02 December 2025
ވީ އެޕްރިޝިޔޭޓް ޔޫ ގާއިސް އެޕްރިޝީޔޭޘަންސް.
ސުބޫ
02 December 2025
ތިކި ޖެހިޖެހީނުން ގޮސް ތީތި ކިޔާކަށް ނޭނގުނު.
މުހައްމަދު…
02 December 2025
އިންސާނިއްޔަތުކަން ހުރިއްޔާ އެހީތެރިކަން ފޯރުކޮށްދިނުން ރަނގަޅު،،، އަޅުގަނޑުމެން ހާލުގަ ޖެހޭދުވަހު އަވައްޓެރިންގެ ގޮތުގައި އެމީހުންވެސް އެހީތެރިވާނެ،،
ާއުނިމާ
02 December 2025
އަޅަމެން ދިވެހިން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށި
ހަދިޔާގެ އަތް
02 December 2025
މިފަދަ ކަންކަމުގައި ދިވެހިން ދައްކާ ނަމޫނާއަކީ އާދައިގެ ކަމެއް ނޫން. މުޅި ދުނިޔެ މިކަމަށް ހެކިވާނެ. ލަންކާ އިންޑިޔާއަކީ އަހަރެމެންގެ އަވައްޓެރިންގެ އިތުރުން އަހަރެމެންގެ މިތުރުން. ދިވެހިންނަށް ކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައި މި ދެގައުމުން ތިބެނީ ހަމަ ތައްޔާރަށް. ޚާއްސަކޮށް އިންޑިޔާ ފާހަގަކޮށްލަން.
1206
04 December 2025
އިންޑިޔާގެ އެހީގައި އަބަދު ވެސް ފޮރުވިފައި ހުންނަ އަޑިނުއެނގޭ ޝަރުޠުތަކެއް ހުރޭ. ލަންކާގެ އަވައްޓެރި ރައްޔިތުންނ އެހެންނެއް ނޫން. އެހީވި ކޮންމެ ފަހަރު އެހީ އޮއްސައިލަނީ، ފަރުވާލެއް ނެތި، ޝަރުތެއް ނެތި. ހަމަ އެފަދައިން ދިވެހިން ވެސް އެމީހުންނަށް ކުޅަދާނަވީ ވަރަކުން އަވަށްޓެރި ސްރީލަންކާއަށް އެހީތެރިވޭ. ސްރީލަންކާ އަކީ ދިވެހިންނާ ލޭގެ ގުޅުމުން ގުޅިފައިިވާ ބަޔެއް. އަދި އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް އިހުތިރާމު ކުރޭ. އެއީ ތާރީޚީ ހަގީގަތަކީ.