ޚަބަރު

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ފުރަތަމަ އެވޯޑު ޑރ. ނާއިލާ އަށް

ހެލްތު މިނިސްޓަރު ނާޒިމް، ޑރ. ނާއިލާއަށް ރޭ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

02 ޑިސެމްބަރ 2025 - 13:44

ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކުރުވާ ޖަމިއްޔާގެ "ޕޭޝަންޓު ކެއާ" ގެ ފުރަތަމަ އެވޯޑު، އަންހެނުންގެ ބަލިތަކުގައި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު ނާއިލާ އިބްރާހިމް ދީދީ އަށް ރޭ އެވޯޑް ދީފި އެވެ.

އެ ޖަމިއްޔާއިން ބޭއްވި ގާލާ ނައިޓުގައި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ކޯ-ފައުންޑަރު އަދި އަންހެނުންގެ ސިއްހަތާއި ދަރިމައިވުމުގެ ކަންކަމުގައި ފަރުވާ ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ނާއިލާ އަށް އެ އެވޯޑު ހަވާލު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެ ރަސްމިއްޔާތުގައި، ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ފައުންޑަރު އާޝާ ހުސައިން ވިދާޅުވީ ރާއްޖޭގައި ދަރިމައިވުމުގެ ވާހަކަ ދެއްކުމަކީ އަދި ވެސް އުނދަގޫ ކަމެއް ކަމަށެވެ.

ދަރިމައިވުމުގެ ތަކުލީފު ތަހައްމަލުކުރާ ބަޔަކު ނުދަންނަ މީހުން ނެތް ކަމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަދަދު އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ރޭ ބޭއްވި ގާލާ ނައިޓުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރޭ ސަލާމްކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާޝާ ވިދާޅުވީ ގައުމެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެ، އާއިލާ ރޭވުން ފަދަ ކަންކަމަށް ހިތްވަރުދީ، އަލަށް ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންނަށް މަގުދައްކައިދޭންޖެހޭ ކަމަށެވެ. އޭގެ އިތުރުން ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތާއި ދުޅަހެޔޮ ދިރިއުޅުމާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ސަޕޯޓު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ގައުމުތަކުގައި މިހާރު ވެސް ދަރިމައިވުމުގެ މައްސަލަ އަށް ފަރުވާ ހޯދުން ސިއްހީ އިންޝުއަރެންސް ޕެކޭޖުތަކުގައި ހިމެނޭކަން އާޝާ ފާހަގަކުރެއްވި އެވެ. ނަމަވެސް، އޭގެ މާނައަކީ އައިވީއެފްގެ ހުރިހާ ފަރުވާއެއް އިންޝުއަރެންސްގައި ހިމަނަން ޖެހޭ ކަމަށް ވަކާލާތުކުރުން ނޫންކަން ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ސާފުކޮށްދިނެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ މި ކޮމިއުނިޓީގެ މެމްބަރުންނަށް ރަނގަޅު ފަރުވާއަށް މަގުދެއްކުން. އަވަސް އަރުވާލާފައި އައިވީއެފް ހެދުމެއް ނޫން. އިންފާޓިލިޓީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ދަރިމައިވުމުގެ ދަތުރުގައި ބައިވެރިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެއް ބޭނުން،" އާޝާ ވިދާޅުވި އެވެ.

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ރޭ ބޭއްވި ގާލާ ނައިޓުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި އެ ޖަމިއްޔާގެ ފައުންޑަރު އާޝާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވަނީ އެންސްޕާ އަދި އާސަންދައިގެ ހަރަދުގައި އައިވީއެފް ހެދޭނެ ގޮތަށް އަހަރަކަށް 100 ފުރުސަތު ފަހިކޮށްދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހެދުން ކަމަށެވެ. އެކަން ހާސިލް ކުރުމަށް މަޖައްލާއެއް ވެސް ރޭ ނެރުނެވެ.

މީގެ އިތުރުން އިންޑިއާގެ މިލާން ސްޕެޝަލިޓީ ހޮސްޕިޓަލްސް އާއި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއާ ދެމެދު ވަނީ އައިވީއެފް ފަރުވާއަށް ދެމަފިރިއަކަށް އެހީދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެމްއޯޔޫގައި އެފްއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައުންޑަރު އަދި ރައީސް، އާޝާ އާއި މިލާން ފާޓިލިޓީ ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަ އަންޖަލީ އަޖައިކުމާރެވެ.

އެ ފަރުވާއަށް ހަރަދު ކުރާނީ އައިވީއެފް ފަންޑަށް ލިބޭ ފައިސާއިންނެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ޖެނުއަރީ 2021 ގައި ރަޖިސްޓަރީކުރި ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގައި މި ވަގުތު 460 މެމްބަރުން އެބަތިއްބެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 14%
icon inlove icon inlove 71%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454