ސްރީ ލަންކާގައި ފެން ބޮޑުވެފައިވާ މަގަކުން އާއިލާއެއްގެ ބަޔަކު ބައެއް ތަކެއްޗާ އެކު، ރައްކާތެރި ހިސާބަކަށް ދާން މަސައްކަތްކުރަނީ: ތޫފާނުގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ލަންކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 400 އިން މައްޗަށް ގޮސްފައި. -- ފޮޓޯ: އޭއެފްޕީ
02 ޑިސެމްބަރ 2025 - 19:47
ތޫފާން ދީތުވާގައި ކުރި ވިއްސާރައިގެ ސަބަބުން ސްރީ ލަންކާގައި ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 410 އަށް އަރާފައިވާ ކަމަށާއި 336 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން މިއަދު ބުނެފި އެވެ.
ތޫފާނުގެ ސަބަބުން ލަންކާގެ 25 ޑިސްޓްރިކްޓަކުން 1.4 މިލިއަން މީހުންނަށް ގެއްލުން ވެފައި ވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ އެއްކޮށް ހަލާކުވެފަ އެވެ.
އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ޕުއްތަލަމް، މަންނާރު އަދި ގަމްޕަހާ ފަދަ އައްސޭރިފަށުގެ ޑިސްޓްރިކްޓްތަކަށެވެ.
ޑީއެމްސީން ބުނި ގޮތުގައި މޫސުމީ ކާރިސާގައި 400،000 އަށް ވުރެ ގިނަ އާއިލާއަށް ގެއްލުންތަކާ ކުރިމަތިވެ، 20،000 އަށް ވުރެ ގިނަ ގެ އެއްކޮށް ހަލާކުވެފައިވެ އެވެ. އަދި 60،000 އަށް ވުރެ ގިނަ ގެއަށް އެކި ވަރުގެ ގެއްލުން ވަނީ ވެފަ އެވެ.
ކާބޯތަކެއްޗާއި ސާފު ބޯފެނާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނައިރު 233،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ.
ވަރަށް ގިނަ ހިސާބުތަކުގައި ފެން ބޮޑުވެފައި ވާތީ ބަލިތައް ފެތުރިގެން ދިއުން އެކަށީގެންވާ ކަމަށާއި މިއީ ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ހުރަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން އޮފިޝަލުން ގެންދަނީ ފާޅުކުރަމުންނެވެ.
މިއީ ލަންކާއަށް 2004 ގެ ސުނާމީއަށް ފަހު އެންމެ ބޮޑު ގެއްލުމެއްވި އަދި އަދި އެންމެ ގިނަ މީހުން މަރުވި ގުދުރަތީ ކާރިސާއަށް ވަނީ ވެފަ އެވެ. މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި މިފަދަ ކާރިސާ އެވެ. ޖޫން 2003 ގައި ވެސް ވަނީ ހަމަ މިފަދަ ހާދިސާތަކެއްގައި 254 މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy