02 ޑިސެމްބަރ 2025 - 21:45
ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން، ގައުމީ ޓީމުން ބޭރުކޮށް އޭނާ އަށް އެޅި ފިޔަވަޅާ އެކު ލ. އަތޮޅުގެ ވޮލީ މުބާރާތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ވީއޭއެމްގެ އޮފިޝަލަކު "މިހަރު" އަށް ވިދާޅުވި ގޮތުގައި ޝަމާއިލަށް ފިޔަވަޅު އެޅީ ގައުމީ ޓީމުން ރިލީސް ނުހޯދައި އަމިއްލަ ފަރާތަކުން ބާއްވާ މުބާރާތެއްގައި ބައިވެރިވުމުންނެވެ.
"ގައުމީ ޓީމުގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން އެއީ މަނާކަމެއް،" ވީއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ.
"ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިޔަކު އެހެން މުބާރާތެއްގައި ކުޅެން ދެވޭނީ ޓީމުން ރިލީސް ލިބުމަށް ފަހު."
ލ މާވަށަށް އުފަން ޝަމާއިލް ކުޅުނީ އެ އަތޮޅު ކައުންސިލުގެ ލާމަސީލް ލާމް މުބާރާތުގަ އެވެ. ރިލީސް ހޯދަން އެދުނުނަމަ، އެ ހުއްދަ ދޭނަންތޯ ސުވާލުކުމުން އޮފިޝަލް ވިދާޅުވީ ގައުމީ ޓީމުން ރިލީސް ހޯދައިގެން ތިން ކުޅުންތެރިޔަކު އެ މުބާރާތުގައި ކުޅެމުންދާ ކަމަށެވެ.
މައްސަލައާ ގުޅިގެން އޮންލައިން ނޫސް އަދަދަށް ދިން އިންޓަވިއުގައި ޝަމާއިލް ބުނީ ރަށްރަށުގައި ބާއްވާ މުބާރާތެއްގައި ގައުމީ ޓީމު ކުޅުންތެރިން ކުޅެން ދިއުމުގެ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އޭނާ އަށް އެނގިފައި ނުވާ ކަމަށެވެ. އަދި އޭނާ އަށް ފިޔަވަޅު އެޅުމުގައި ވީއޭއެމުން އޭނާ އާ އެންމެ އެކަށީގެންވާ ގޮތަށް މުއާމަލާތްކޮށްފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ވީއޭއެމްގެ އޮފިޝަލް ވިދާޅުވީ ކޯޑްއޮފް ކޮންޑަކްޓް އެކުލަވާލުމަށް ފަހު ކުޅުންތެރިން ތިބޭ ވަޓްސްއެޕް ގުރޫޕްގައި ވެސް އެ އުސޫލު ހިއްސާކޮށްފައި ވާނެ ކަމަށެވެ. އަދި އެކަން ވެސް ކުޅުންތެރިންނަށް އަންގާފައި ވާނެ ކަމަށެވެ.
ޝަމާއިލަށް ފިޔަވަޅު އެޅުމަށް ފަހު ވީއޭއެމުން ވަނީ އޭނާ ބައިވެރިވެ ކުޅޭ އެއްވެސް މެޗެއްގައި ރެފްރީކަން ކުރުން ވެސް ވީއޭއެމްގެ ރެފްރީން ބައިވެރި ނުވުމަށް އަންގައިފަ އެވެ. އެކަން ލ. އަތޮޅު ކައުންސިލަށް ވެސް ވީއޭއެމުން އެންގި އެވެ.
ލ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވީއޭއެމުން އެގޮތަށް އެންގުމުން މުބާރާތަށް މިހާރު ރެފްރީންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންވެ މުބާރާތުގެ ކޮމިޓީން ނިންމީ މުބާރާތް ކުރިއަށް ހުރި މެޗުތައް ފަސް ކުރުމަށެވެ. އަދި މެޗުތައް ދެން ފެށޭނެ ތާރީހެއް އަލުން އިއުލާން ކުރާނެ ކަމަށް ވެސް އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައުންސެލަރު...
03 December 2025
" އަދި އޭނާ އަށް ފިޔަވަޅު އެޅުމުގައި ވީއޭއެމުން އޭނާ އާ އެންމެ އެކަށީގެންވާ ގޮތަށް މުއާމަލާތްކޮށްފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ." އަޖައިބެއް. ބަލަ އަހަރެންތަ ބޮޑީ ކުޅިވަރުގެ އިދާރާއަށްވުރެ. މިހުންނަނީ މީހުން ތިބޭ ފެންވަރު
އޮޅާލާ
03 December 2025
އެއްވެސް އިދާރާއެެއެއް ބޮޑު ވެގެން ނުވާނެ ރައްޔިތު މީހާއަށް ވުރެން. ޒުވާނުންނާ މުއާމަލާތް ކުރަން އެއްމެ ރަނަގަޅު ގޮތަކީ އޯގާތެރިކަމާއި އެކީ!
ލާމަސީލު
03 December 2025
ރަނގަޅު ނިންމުމެއް. އޭނަޔަށް ރިލީސް ނުލިބޭނަމަ އޭނަނުލާ އެމުބާރާތް ކުރިޔަށްގެންދަން ކައުންސިލަށް ދަސްވާން އެބަޖެހޭ. މުބާރާތް ހުއްޓާލުމުން ހީވަނީ މިއީ އެސޮރު ހިންގާ ރޭވި މުބާރާތެއްހެން.
ބުންބެރު
03 December 2025
ތިޔަ ކުޅުންޔެރިޔާ އައް ގަވާއިދުވެސް އުސޫލުތައްވެސް ޕޮލިސީ އޮންނަގޮތްވެސް ހަމަ ރަގަޅައް އެނގޭނެ.
ަސދަސދަސދ
02 December 2025
ރާއްޖެތެރޭގައި ކުޅޭގެން ނުވާނެ. އެމީހުންނަށް އެއްޗެއް ދަސްވެދާނެ
އާރީ
02 December 2025
ކުޅުންތެރިޔާއަށް ސާފް މައުލޫމާތު ނުދީ މިހާ ހަރުކަށި ފިޔަވަޅު އެޅުން ގޯސް. ލ މުބާރާތް ވެސް ހުއްޓްނީ ކިހާ ބޮނޑް ގެއްލުމެއްތޯ. ކާކު މި ކަމުގެ ޒިންމާ ނަގާނި؟
ރޯނޭ
02 December 2025
ކޮންމެ ކަމަކީ އަނެކަކު އަކުރުން އަކުރަށް ތިމާގެ އަނގަޔަށް އަޅައިދޭންޖެހޭ އެއްޗެއް ނޫން. ކަންކަން އޮޅުންފިލުވުމުގައި ތިމާގެ ޒިންމާ ބޮޑުކޮށް އޮންނާނެ. މިސާލަކަަށް މިވެނި ގާނޫނެއްގައި އޮތީ މިހެންކަން ތިމަންނާއަށް ނޭނގެޔޭ ބުނެގެން ގާނޫނުގެ ކުރިމަތީގައި ސަލާމަތް ވެވޭތޯ؟ އަހަރެމެނަށް ގާނޫނުތައް ލައިދޭނެ މީހަކު ހުރޭތޯ؟ އަނެއްކޮޅުން މިފަދަ މުބާރާތްތައް ރާވާ ފަރާތްތައްވެސް މުބާރާތުގެ ގަވާއިދު ހަދާއިރު ތަންދޮރުދަނެގެން މިފަދަ ކަންކަމަށް ރިއާޔަތް ކުރަންވާނެ