މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޒަކާތާ ގުޅޭ ބިލް މަޖިލީހުން ވަނީ ފާސްކޮށްފައި
03 ޑިސެމްބަރ 2025 - 11:23
ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ.
އެ ބިލުގައިވާ ގޮތުން އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައިވީ ނަމަވެސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނު ނަމަވެސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.
ޒަކާތު ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ކައުންސިލުގައި މިނިސްޓަރާއި ޑިރެކްޓާ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފަކު ހުންނަން ޖެހެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ބޭފުޅަކާއި ފިނޭންސް މިނިސްޓްރީން އިސް ބޭފުޅަކާއި ފަތުވާ މަޖިލީހުން ބޭފުޅަކާއި އިސްލާމިކް މިނިސްޓްރީން ބޭފުޅަކާއި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސް އައްޔަންކުރައްވާ ދެ ބޭފުޅަކު ވެސް އެ ކައުންސިލުގައި ހުންނަން ޖެހެ އެވެ.
އެ ބިލުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސް އަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.
ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ ފަރާތަކަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް މީގައި ހިމަނާފައިވެ އެވެ.
އެއްވެސް ފަރާތަކުން ސައްހަ ނޫން ނުވަތަ ދޮގު މައުލޫމާތު ހުށަހަޅައިގެން ޒަކާތުގެ ފައިސާ ހޯދައިފި ނަމަ އެ ކުށްކުރި ފަރާތުން ހޯދި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމާ އެކު ޒަކާތު ހައުސް އިން ކަނޑައަޅާ މުއްދަތަކަށް ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުން ނަން އުނިކުރާނެ ކަމަށް އެ ބިލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޤައުމީ މަސްލަހަތު
03 December 2025
"1000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް މީގައި ހިމަނާފައިވެ އެވެ.".. އެތާ ވެރިންގެ ޖީބުން ތިއެއް ނުނެގެންޏާ އެމީހުންނަށް ކީތް؟ ދެން އެ ޖޫރިމަނާ ނަގަނީ ޒަކާތު ފައިސާއިންތޯ ނޫނީ ޚުދު ސަރުކާރުގެ ފައިސާއިންތޯ؟! މޮޔަ ބަޔަކު ހަދާ ކަހަލަ ޤާނޫނެއް ތިހެދުނީ. ނާ ފަހެ ޒަކާތަށް ޤަސްދުގަ އިހުމާލުވަންޏާ އަމިއްލަ ޖީބުން އޭތި ނަގައި އެބަޔަކަށް ޖަލު ހުކުމެއް އިނުން މުހިއްމު.
ޓެކްސް1
03 December 2025
އިތުރު ޓެކްސްއެއް ދެއްތޯ. މަޖިލީހަކުން ޒަކާތު ހައުސްއަކުން ނޫން ދީން ކަނޑައަޅާނީ. މަޖިލީހުން ކަނޑައެޅީމާ އެވަނީ ޓެކްސްއަކަށް. އަދި ކޮންމެކަމަކަށް ޚަރަދުކުރިނަމަވެސް.
ބެސް؛ޕ
04 December 2025
ރާއްޖޭގައި ދިރިއުޅޭ ދިވެހި ވިޔަފާރި ވެރިން ޒަކާތް އެބަ ދައްކާ ބޭރުގެ އެހީދޭ ޖަމިއްޔާތަކަށް ވެސް.... އެކަންކަން ހައްލު ކުރެވޭނީ ރައްޔިތުން ތަމްސީލު ކުރާ މަޖްލީހަށް. ފޭސްކުބްގައި ޖަހާ ޕޯސްޓެއް ފެނިގެން ވެސް ޒަަކާތް އެބަ ދައްކާ އެމީހުންނަށް.
ނަމާދުބިލު
03 December 2025
ދެން ހައްދަވާ ނަމާދު ބިލާއި ހައްޖު ބިލު. ކުރަންޖެހޭ ގޮތާއި އަދަދުތައްވެސް ލިޔަންވާނެ. އޭރުން އިތުރަށް ދީން ފުރިހަމަވާނެ. މިކަންކަމަކީ ވަކި ބަޔަކު ބުނާ ގޮތަށް އަމަލުކުރަންޖެހޭ ކަންކަން ވިއްޔަ.
ސައިކަލުބިލު
04 December 2025
މަގުމަތީގައި ސައިކަލު ދުއްވާނެ ގޮތުގެ ޤަވާއިދު އޮންނަ އިރު ޒަކާތުގެ ކަންކަން އިންތިޒާމު ކުރާނެ ގޮތުގެ ހަމައެއް އުސޫލެއް އޮވެގެން ނުވަނީތޯ؟ ޙައްޖާއި އުމްރާގެ ކަންކަން ވަކި އުސޫލެއްނެތި އެމީހަކާ އެމީހަކަށް ބާއްވަންވީތޯ؟ ކިތައް ފަހަރުތޯ އުމްރާއަށް ގެންދާ މީހުން ސައުދީއަށް ދޫކޮށްފައި ގުރޫޕުތަކުން އަންނަނީ؟