އެ ނެޓްވޯކުން ދިޔައީ 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކުރި.
ޑްރަގް ބަސްޓެއްގައި ފުލުހުން އަތުލައިގަތް ފައިސާތަކެއް ގުނަނީ: އައްޑޫގެ ޑްރަގުގެ ބޮޑުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި.-- ފޮޓޯ: މިހާރު
04 ޑިސެމްބަރ 2025 - 12:37
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ނެޓްވޯކެއްގެ ބޮޑުންތަކެއް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްމީހުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އަލިމަގު" އޮޕަރޭޝަންގެ ދަށުން ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ނެޓްވޯކްގެ އިސްމީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ މިދިޔަ މާޗު މަހުގައި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެ ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރިކުރަމުންދާ ކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުުހުން އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ހިންގަމުން އަންނަ މި ހާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން ޓާގެޓްކުރާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު،" އިހުސާން ވިދާޅުވި އެވެ.
މަަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އަމާޒުކޮށްގެން ހިންގާ "އަލިމަގު" އޮޕަރޭޝަނުގައި މީގެ ކުރިން ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެ ބިލުގައިވާ ގޮތުން ދެ ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ. އެއީ އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު އެތެރެވި އިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިހާކުރުފުޅި
05 December 2025
ނަމެއް ފޮޓޯއެއް ވެސް ނެތް ބައެއްދޯ؟
ކޮރަލް
04 December 2025
އިހްސާން ދެކެ ރުޅި އަންނަނީ މިކަހަލަ ކަންކަން ކުރާ ތީ އެވެ . އިހްސާން އަކީ ކެރޭ މީހެކެވެ .
އަލީގެކޮޑުމައްޗަށްއައްޔެއް
04 December 2025
ދެދުވަހަކުން ތިބުނާ ބޮޑެތިމިހުންވެސް ނިކުމެދާނެ. ވާހަކަ ދައްކަން ބޭނުންނުވެ ހަނުހުރެވިދާނެ. ޖަލު ހެދުން ނުލާނަމޭ ބުނީމަ ކޯޓުފަޓުލޫނުގައި ވަޑައިގަނެވޭގޮތަށް ހަމަޖެހިދާނެ. ޑުރަގު އުފެއްދި ގައުމުން މައްސަލަ ބަލާށޭ ބުނެފައި ނެތީމަ ކޯޓުން ބޭރުކޮށްލަފާނެ. ދެން އެންމެ ފަހުން ތިކަންވެސް ވާނީ ކުރަފަތަކަށް ނުވަތަ ހުރާފަތަކަށް. މިގައުމުގައި މަގުމައްޗަށް ބޮޑުމާކަރީ ދިއްލިއަސް މިވަރުގެ އަލިމަގެއް ނުފެންނާނެ
އަޖައިބު…
04 December 2025
ފޮޓޯ ނުހުރޭ ދޯ އެމީހުންގެ؟
ޑރވާންޗޯ
04 December 2025
ތިޔޮތީ ބޮޑުކަންނެލި އައިނެއްޖެހިފަދޯ؟. ގަދަ އަޑުފައްގަނޑެއްކިޔާފަ ވަނދުކަރައެއްފަޅާފަ ކޮންމެސް އުންސުރެއް ހަމަނުވެގެން ދޫކޮއްލާ. އޭސް ޔޫސުއަލް.
އަފްރާސިޔާބު
04 December 2025
އަދިވެސް ގޭންގު އެބައުޅޭތަ! ބަލަ އިހަށްދުވަހު ބޮޑުމީހާ ބުނީ މިހާރަކު ގޭންގަށް ނިސްބަތްކުރެވޭ ވަރުގެ ބަޔަކު ނެތޭ. އެމީހުން މިހާރު އެވިއްކައިގެން ލިބުނު ފައިސާއިން އެމީހުން އަބުރުވެރި ދިރިއުޅުމަކަށް ބަދަލުވެއްޖެޔޯ؟ ބޮޑު މީހާ އެމީހުންނަށް ބަރުދައްކާއިރަށް ކުޑަކަކޫ މައްޗަށް ތިރިވެއްޖެޔޯ؟ އާނ. މާފުކުރައްވާ. މިހާރު އެކަމުގައި އުޅެނީ ނެޓްވޯކް އަޅާކުދިން. އަދި އެކުދިންނަށް ވެސް ބިރު ދައްކާލީމާ އަޅާފައިވާ ނެޓްވޯކް ކޭބަލްތައް އެމީހުންވިއްކާލާނެ.
އަލަސަ
04 December 2025
8 އަހަރު ތެރޭ އެންމެ 19 މިލިޔަން؟ އެހެންވީރު ތީ ބޮޑު ނެޓްވޯކެއް ނޫން. ނޫނީ ނަގުދު ފައިސާ ގެ ގޮތުގައި ބައިވަރު އަދި އުޅޭނެ. ދެން އެކަމު ބަލާތި. އިދި ކޮޅު ޕާޓީ ތަކަށް ފަންޑިން އިތުރުވާނެ މި ގޭންގުތަކުން.
އާދަނުން
04 December 2025
މި މިނިސްޓަރަކީ ކަމެއްނުވެ ހުސްއަނގަތަޅާ މީހެއް! ހަމަ ހުސް އަނގަ،
ހޫތު
04 December 2025
މިވަރަށް ފައިސާ ދައުރުވީ އިރު އެއްކަލަ އަހަރެންގެ ބޭންކް ކޮބާ؟ އާދައިގެ މީހަކު އެކަުންޓަށް 1000 ރުފިޔާ ލާއިރަށް އެކައުންޓް ބްލޮކްކުރާނެ
ސަންޑޭ
04 December 2025
ޝޭޚް އިމްރާނާ ކުރީގެ ސީޕީ ޙަމީދު ފަސް އަހަރުގެ ދައުރެއް ނިންމާލީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ސްޓެޓިސްޓިކް ތައްޔާރުކުރުމާއި ފާޑުފާޑު ޕަވަރޕޮއިންޓް ޕްރެޒެންޝަން ހެދުމުގައި.
ބޮކި
04 December 2025
މިމީހުން ދަފްތަރު އެކުލަވާލުމުގާ. އެކަމަކު އެކުލަވާލާން ފޮތްހުޅުވާލިއިރު ގޭންގެއް ނެތް. ދެން އެ ފޮތް ލެއްޕީ.