ހޯމް މިނިސްޓަރު އަލީ އިހުސާން: ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ޑިސެމްބަރ 2025 - 15:59
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން އެގޮތަށް ވިދާޅުވީ ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ރައްޔިތުންގެ މަޖިިލީހުން ފާސްކުރި ޚަބަރާއި ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޖިލީހުން ފާސްކުރި ޚަބަރު ހިއްސާ ކުރައްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މިއަދު މުޅި ދައުލަތް ތެދުވެ، އެއް ރޫހެއްގައި މަސައްކަތް ކުރަން ފަށާފައިވާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނެ ކަަމަށެވެ.
"ފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުގެ ވެސް ހިމެނޭހެން އެންމެ ޖަވާބުދާރީ ވާން ޖެހޭ އަދި ކުރުވާނެކަން މިއަދު އިހުސާސްވޭ،" އިހުސާން ވިދާޅުވި އެވެ.
އެ ބޮޑު ބަދަލު ގެނެވުނީ ދިވެހި ރައްޔިތުންނާއި ފުލުހުންގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމުމަކީ މިވަގުތަށް ވަރަށް މުހިންމު ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.
ގާޒީ ފާއިޒް ވަކިކުރަން މަޖިލީހުން ފާސްކުރީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އޭނާ އަމަލުކޮށްފައިވާކާން ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވާފައި ވާތީ އެވެ.
މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީގައިވާ ގޮތުން، އެ ކޮމިޝަނުން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބެލީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން އެ ކޮމިޝަންގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެވެ.
އެ ބިލުގައިވާ ގޮތުން ދެ ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ. އެއީ އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު އެތެރެވި އިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް، ބިލަށް ކޮމިޓީން އިސްލާހު ގެނެސްފައިވާ ގޮތުން، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.
މި ބިލްގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިގަލި
04 December 2025
ހުރިހާ އައްޑާތަކެއްގެ ކައިރީގައި ފުނިޖެހިފައި، އޮފީސްގަ ހުންނަވާ އިރު އިޙުސާސްއެއް ނުކުރެވޭނެ. އެހިސާބަށް ވަޑައިގެންނެވީމަ އިޙްސާސް ކުރެވޭނެ
ޓިނޭ
04 December 2025
ވަޒީރުކަމުގެ މަސްތުން ސަލާމަތްވާނެ ގޮތެއްވެސް ހޯދަންޖެހޭނެ..
ފުންނާބު
04 December 2025
ކޮންމެ 5 މިނެޓކުން ފުލުހެއް ފެންނަކަން ވެސް އެބަ އިހްސާސް ކުރެވޭ. އެހެންމެ ރާއްޖޭގަ ގޭންގުތަށް އުވިއްޖެކަން ވަރަށް ބޮޑަށް އިހްސާން ކުރެވޭ.
ކުޑަކަމަނާ
04 December 2025
ގާނޫނެއް ފާސްކޮށްގެން ގައިން އިސްތަށްޓެއް ހެލިލާހެންވެސް ހިއެއް ނުވޭ. ދުންފަތާގުޅޭ ގާނޫނެއް ހަދައިގެން އެބައުޅޭ. އެކަމަކު ސިގިރެޓް ބޯ މީހުންގެ ފަރާތުން ވާ އުނދަގުލަށް ލުޔެއް ނުލިބޭ. ހުރިހާ ތަނެއްގަ ސިގިރެޓް ބޮނީ. އެމީހުންގެ ގައިން ދުވާވަހުން ނޯއް ދަމާލަން ނުކެރޭ. މިސްކިތަށް އެރިޔަސް އޭގެމީހަކު ކައިރީގަ މި ހުންނަނީ. ބަހަށް އެރިޔަސް އޭގެ މީހަކު ކައިރީގަ އިންނަނީ. ކޮންފަދަ މުސީބާތެއްމީ. އަމާކީތީ ފަރަށްދާގޮތަށް ގާނޫނު ހަދާނެކަމެއްނެތް.
ކަތްދައްތަ
04 December 2025
މުޅިންވެސް ކޮސް އަގަތެޅުމާއި ވައު ވެއްދުން. ޙާސިލުވި ނަތީޖާއެއް ނެތް. އެކަމަށް އެންމެ ފަހުން އިއުތިރާފުވީ ހޯމް މިނިސްޓަރު. ފުލުހުންނާ ބައްދަކޮށް ބުނި ނަތީޖާ ނުނެރެވެޔޭ. ދެން ފާޑެއްގެ ގާނޫނެއް ފާސްކޮށްފަ އިހުސާސް ވާނެ ބުންޏަސް އެކަންވެސް ވާނީ ގޭންގް ގާނޫނަށް ބީހެން. މިހާރަކު ނެތޭ ބުނީ ގޭންގަށް ޝަރުޠުހަމަވާ ކުއްޖަކު. ބުނިތާ 24 ގަޑިއިރުނުވޭ ތޫނު ޙަތިޔާރާއެކު މާރާމާރީ ހިންގާލީ. ގައިމުވެސް ދައިތަމެނެއްނޫން’
ކުޑާދަނު
03 December 2025
ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޖިލީހުން ފާސްކުރިޔަސް މަރުގެ ހުކުމް ތަންފީޒު ކުރެވޭ ދުވަހެއް އިހުސާނު ބުނެދީފިނަމަ ވަރަށް ރަގަޅު.
ފައުޒިއްޔާާ
04 December 2025
ފުރަތަމަ ކަންތަށް އެވީ. ދެވަނަ މަރުހަލާވެސް ކަނޑަތުކުރާނެ. މިއީ އެމްޑީޕީއެއްނޫނޭ ޑްރަގްގެ ބޮޑުންނާއި އެމީހުންގެ ވިޔަފާރިތަށް ހިމާޔަތްކުރަން.
ޢަރުތަ
03 December 2025
ތީއަހަރުމެން ވެސް ވަރަށް އެދޭ ގޮތެއް، މަސްތުވާ އެއްޗިހިގެ ވަބާއިން، ދިވެއްސަކަށްވިތީވެ އަހުރެންވެސް ފަޚުރުވެރިވާ މިދިވެހި ޤައުމު ސަލާމަތް ވުމަކީ އަހުރެން ހިތުން ކޮންމެ ދިވެހި ރައްޔިތަކުމެ ހިތުގެ އެންމެ އަޑިން އެދޭނެ ކަމެއް، މުޅި ޤައުމު އެދި ގޮވަނީ ތިޔަ މުސީބާތުން މިލޮބުވެތި ވަތަން ސަލާމަތް ކޮށްދިނުމަށް، ފޭރުނު ޑޮލަރު ދަބަހުގެ ކަންތައް ދިޔަގޮތަށް ތިކަން ނުގޮސްފިއްޔާ ނަސީބު.
އޭކުސަވާލް
03 December 2025
ޑޮލަރުގެ އަގު އެބަ އިޙްސާސް ކުރެވޭބާ؟
އަލީ ފ.
03 December 2025
މަސްތުވާތަކެއްޗާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)، (ކޮންސޮލިޑޭޓެޑް ނަންބަރު 2011-17) ގެ ތިންވަނަ ބާބު ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް - މިބާބަށް އަމަލް ނުކުރަނީ ކީއްވެބާ،
އިހުސާން 2028
03 December 2025
މިނިސްޓަރު އިހުސާން ސާބަހޭ،. ޒިންދާބާދު