ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ވަކިކުރި ހުސެއިން ފާއިޒު ރަޝާދު --- ފޮޓޯ: ނިޝާން އަލީ/މިހާރު
03 ޑިސެމްބަރ 2025 - 10:47
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވި މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފާއިޒު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ފަހު، އެ ކޮމިޓީން އިއްޔެ ވަނީ އޭނާ ވަކިކުރަން ނިންމާފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ، ފާއިޒު މަގާމުން ވަކިކުރަން ފެނޭތޯ މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހީ އެވެ.
ގާޒީ ކަމުން ފާއިޒު ވަކިކުރަން ފެންނަ ކަމަށް 56 މެންބަރަކު ވޯޓު ދެއްވި އެވެ. އޭނާ ވަކިކުރަން ނުފެންނަ ވޯޓު ދެއްވީ 8 މެމްބަރެކެވެ.
މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީގައިވާ ގޮތުން، އެ ކޮމިޝަނުން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބެލީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން އެ ކޮމިޝަންގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާ ކަމަށެވެ. އެ މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް މިދިޔަ މަހުން ފެށިގެން ސަސްޕެންޑުކޮށްފައި ވަނީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.
އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ އެ މަހުގެ 18 ވަނަ ދުވަހު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލީ އެވެ.
އަލީ އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާ އަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.
އަލީ އަންވަރު ކުރިން ހައްޔަރުކުރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ. އަލީ އަންވަރަކީ ވައްކަމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.
ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެ އެވެ. އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވެސް ލަމްހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.
އެކަމަކު ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސައިން ރިޟާ
04 December 2025
ކްރިމިނަލް ކޯޓު އައިޓީ ކިހާދުވަހަކަށޭ ސަސްޕެންޑް ކުރީ؟ ޖުލައި މަހުން ފެށިގެން މުސާރަ ލިބޭހެން ގޭގަ. ޗީފް އެޑްމިނިސްޓްރޭޓަރ އެހެން ކޯޓަކަށް އަރުވާލާފަ. ދެން ކޯޓުގެ ކޮންކަމެއް ރަނގަޅަށް ހިނގާނީ؟
އަމަތުﷲ
03 December 2025
ރަނގަޅު ނިންމުމެއް. ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރަން ޖެހޭ
ހުރިހާ
03 December 2025
ވަޒީފާއިން ވަކިކުރައްވާފައި މައްސަލަތައް ވެސް ބަލާ ފިޔަވަޅު އަޅަން ވީ، މި މީހުން މީ މާ މަތީ ގަ އުޅޭ ބައެއްގެ ގޮތުގައި އޮތް ގޮތުން ނިމުމަކަށް އަންނަން ޖެހޭ..
އަހަމްދު ސަނީހް
03 December 2025
ވަރަށް މުހިއްމު ނިންމުމެއް. ކޮރަޕްޓް ގާޒީން ވަކި ކުރަން ޖެހޭ
ޖިބްރީލް އަމީން
03 December 2025
ގާޒީން މި ފެންވަރަށް ދިޔައިމާ ދެން އެމީހުންގެ ދިފާއުގައި ނިކުތުންވެސް ފާފަ ވެރިވާނެ. ހަމަ ރަނގަޅަށް އެ ހެދީ.
އަލިބެގެހުއްތަ
03 December 2025
މިހާރު ދެން ގަބޫލު ކުރެވޭ، ފަޑިޔާރުންގެ މައްސަލަތައް ބެލިދާނެ ކަމަށް، މީން ދުވަހަކު މި މީހުން ކުއްވެރި ވާތަނެއް ނުފެނޭ..
ހަސަންބެއްޔާ
03 December 2025
މި މިސް މީހުން ފެނުނީމާ ވެސް ހިތާ ހިތުން ބުނާކަހަލައެވެ. ކުށްވެރިން ބަލާލީމަ ވެސް އެނގޭނެއެވެ. ސަޅި ނިންމުމެއް. ވަރަށް ވެދުން
އަސްލުތަ
03 December 2025
މިއަކީ މިން ދުވަހަކު ކުރާކަމެއް ނޫން، ފަޑިޔާރުންގެ ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މިސަރުކާރުން ކުރާ ކަންތައްތަކަށް ޝުކުރު
ކޮރަލް
03 December 2025
މައްސަލަ އެއް އޮތް ނަމަ ބަލަން ވެސް ޖެހެ އެވެ.
އަބްޑޫޅް +
03 December 2025
އެ 8 މިންބަރުންނަށް، ގާޒީ ފާއިޒު، ވަރުގަދަޔަކަށް ސަޔެއް ދޭން އެބަ ޖެހޭ.