ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލަައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ އޯޑިއޯއެއް ލީކުވެއްޖެ އެވެ.
ނޮވެމްބަރު 28، 2019ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ގާޒީ ފާއިޒުގެ އިތުރުން ރިޔާސަތު ބެލެހެއްޓެވި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމެވެ.
ގާޒީ ފާއިޒު އެހެން މީހަކާ އެކު ދެއްކެވި ވާހަކައެއްގެ ރެކޯޑިންއެއް މިއަދު ވަނީ ލީކްކޮށްލައިފަ އެވެ. އެ އޯޑިއޯގައި އިވެނީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅުވައި މީހަކު ފާއިޒަށް ކުރި ސުވާލުތަކަކާއި އޭގެ ޖަވާބުތަކެވެ. އެ އޯޑިއޯގައި އޭނާ ބުނެފައި ވަނީ އޭނާ މަސައްކަތް ކުރެއްވީ ޔާމީނާ އެއްކޮޅަށް ކަމަށެވެ. ނަމަވެސް، އޭނާއާ ދެކޮޅަށް މައްސަލަ ނިންމެވީ ވަރަށް ބައިވަރު ސަބަބުތަކާ ހެދި ކަމަށެވެ.
ހުކުމެއް ކޮށްފައި އެއާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ވަރަށް ކުރާ ހިތް ނުވާ ކަމެއް ކަމަށް ވެސް ފާއިޒު އޯޑިއޯގައި ވިދާޅުވި އެވެ. ނަމަވެސް، އޯޑިއޯގައި އޭނާއާ ސުވާލު ކުރި މީހާ ރައީސް ޔާމީންގެ ޝަރީއަތާ ގުޅުވައި ހުއްޓާ ނުލައި ސުވާލުތައް ކުރަމުން ގެންދިޔަ އެވެ.
އޭނާގެ ނިންމެވުން ދިފާއު ކުރައްވަމުން ފާއިޒު ވިދާޅުވީ، ސިޔާސީ މީހުން ނުހައްގުން ވިޔަސް ހައްގުން ވިޔަސް ޖަލަށް ލުމުން އެ މީހުންނަށް ލިބޭ ތާއީދު އިތުރުވާ ކަމަށެވެ. އެހެން ބުނުމުން ސުވާލު ކުރި މީހާ ބުނީ އެއީ އަނިޔާއެއް ދިނުން ކަމަށެވެ.
ޖަވާބުގައި، ރައީސް ޔާމީނަށް "ހުރިހާ ކަމެއް" އެނގޭ ކަމަށާއި ދެން އެހެން މީހުން މައްސަލަ ޖައްސަނީ ކީއްވެތޯ ފާއިޒު ސުވާލު ކުރެއްވި އެވެ. ދެން އެ މީހާ ސުވާލު ކުރީ ޔާމީން ޖަލަށް ލާން ފާއިޒު ތާއީދު ކުރެއްވީ، ޔާމީން އެދިވަޑައިގެންތޯ އެވެ. ފާއިޒު ވިދާޅުވި ގޮތުގައި އޭނާ ކުރެއްވި ކަމެއް ކުރެއްވީ ޔާމީންގެ މަސްލަހަތުގަ އެވެ.
"އޭނާގެ [ރައީސް ޔާމީންގެ] މަސްލަހަތުގައި މަ ކުރި ކަމެއް ކޮށްފައި ހުންނާނީ. ދެން އިތުރަކަށް މަ އެ ވާހަކައެއް ނުދައްކާނަން،" ފާއިޒު ވިދާޅުވި އެވެ.
އޭނާ ދެއްކެވި ވާހަކަ 2023 ވަނަ އަހަރު އިތުރަށް ތަފްސީލު ކޮށްދެއްވާނެ ކަމަށް ވެސް ފާއިޒު އެ މީހާ ގާތު ވިދާޅުވި އެވެ.
ރިޝްވަތު ނުނަންގަވާ ކަމަށާއި ބިރުދައްކާފައި ނުވާނެ ކަމަށް ފާއިޒު ވިދާޅުވެފައިވާތީ ފަނޑިޔާރުން ރަހީނު ކުރީތޯ ވެސް ފާއިޒުއާ ވާހަކަ ދެއްކި މީހާ ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި "އެހެން ކަމަށް ބަލަމާ"ހޭ ފާއިޒު ވިދާޅުވި އެވެ.
"ޕާސަނަލީ މަށެެއް ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނޭދޭނެ،" ގާޒީ ފާއިޒު
ފަސް ފަނޑިޔާރުންގެ ތިބި ބެންޗުގެ ތެރެއިން ހަތަރު ފަނޑިޔާރުން ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމުން އޭނާ އެކަމާ ދެކޮޅު ހެދުމުގެ ބޭނުމެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވެސް ފާއިޒު ވާހަކަ ދެއްކެވި އެވެ.
"ޕާސަނަލީ މަށެެއް ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނޭދޭނެ،" ފާއިޒު ވިދާޅުވި އެވެ.
އެހެންވެ، އެއީ އެހެން ބަޔަކު ކުރި ޕްރެޝަރެއްގެ ސަބަބުން ނިންމި ނިންމުމެއްތޯ އެ މީހާ ސުވާލު ކުރެއްމުން ފާއިޒު ވިދާޅުވީ، އެ ނިންމުން ނިންމުމުގައި ވަރަށް ބައިވަރު ސަބަބުތައް ހުރި ކަމަށެވެ.
އޭގެ އިތުރުން، އޭނާ ހުންނެވީ ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިންމަވަން ކަމަށާއި، ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިންމަވަން އިތުރު ދެ ފަނޑިޔާރުން ހޯދަން އެދިވަޑައިގެންނެވި ކަމަށް ފާއިޒު ވިދާޅުވި އެވެ. އެކަމަކު، އެކަނިމާ އެކަނި އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ދެ މީހުން ނުހޯދަންޏާ މަ ކިހިނެއް އެކަނިމާ އެކަނި އިނދެގެން..." ފާއިޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ފާއިޒު ވިދާޅުވި އެވެ. އެފަދަ މީހެއްގެ މައްސަލައެއް ބަލާފައި ނިދަން ވެސް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލަށްލި ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ.