ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމަށް ފަހު، އެ މީހުންނާ ވަކިވަކިން ސަލާން ކުރައްވައި މައްސަލަތައް އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
05 ޑިސެމްބަރ 2025 - 07:36
މިހާރު އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެ ތަން ދޫކޮށްލާފައި ސަރުކާރުގެ އެހެން ހައުސިން ސްކީމަކަށް ނުވަތަ ގޯއްޗަށް އެޕްލައި ކުރެވޭނެ ގޮތް ހޯދައި ދިނުމާ ގުޅޭ ގޮތުން ގޮތްތަކެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނުގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން އެއް ކޮޓަރީގެ ފްލެޓުގެ މައްސަލަ އަނެއްކާ ވެސް ތިލަ ކުރުމުންނެވެ.
ރައީސް ވިދާޅުވީ، އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލާ މަތިން އެހެން ހައުސިން ސްކީމަކަށް ކުރިމަތިލެވޭނެ ގޮތެއް ހެދުމަށް ޕޮޒިޓިވް ނުވަތަ އީޖާބީ ގޮތެއްގައި ސަރުކާރުގެ ތެރެއިން އެ ކަންކަން ބަލަމުން ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ކަމާ ބެހޭ ގޮތުން އަޅުގަނޑު ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާފައި ރައްޔިތުންނަށް ހާމަކުރާނަން. އަޅުގަނޑަށް އެނގޭ އެ ކަމުގައި ހުރި ކޮމްޕެކްސިޓީ. އެހެންވީމާ އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލާފައި ގޯއްޗަށް ކުރިމަތިލުން. އެ ކަމަށް ހަމަ ރަނގަޅު ހައްލެއް ގެނެސްދޭން އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނަން،" ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
މާފަންނު ރައްޔިތުންގެ ބައްދަލުވުމަށް ދިޔަ އާއިލާއެއްގެ ބައެއްގެ ވާހަކަތައް ރައީސް މުއިއްޒު އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
އަލަތު ކޮޓަރީގެ މީހުންގެ ފްލެޓުތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިއުލާންކުރި އެ ކެޓަގަރީ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި އުވާލާފައިވާ ކަމަށެވެ. އަދި ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އަލަތު ކޮޓަރީގެ ފްލެޓުތައް އިމާރާތްކުރި ނަމަވެސް އެ ތަންތަން އިބޫގެ ވެރިކަމުގައި "ދޭނެ ބަޔަކަށް ދީ ނިންމާފައިވާ" ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އެ ތަންތަން ނެތީ. އެހެން ނަމަވެސް އަޅުގަނޑުމެން ވެފައި އޮތް ވައުދެއް އެއީ މިދިޔަ ސަރުކާރުގެ ކުރިން، ރައީސް ޔާމީންގެ ވެރިކަމުގެ ސަރުކާރުން ދިން ބަޔަކަށް ވިއްޔާ މިދިޔަ ސަރުކާރުން ނުދީ އަތުލާފައި އޮތިއްޔާ މި ސަރުކާރުން އަޅާ ފްލެޓުތަކުގެ ތެރެއިން ނޫނިޔާ ހައުސިން ޕްރޮޖެކްޓުތަކުގެ ތެރެއިން އެ ފަރާތްތަކަށް ދޭނަމޭ،" ވައުދުތައް ހަނދާން އާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެ ވައުދު އެބައޮތް. އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެއްވެސް ފަރާތެއްގެ އަތުން އަތުލާފައި އޮތް އެއްޗެއް ވިއްޔާ އެ ގެއްލިގެނެއް ނުދާނެ. އެ ފަރާތްކަށް އަޅުގަނޑު ވައުދު ވެފައި އޮތް ގޮތަށް އެ ފުރުސަތުތައް ލިބިގެންދާނެ."
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް ވިދާޅުވި ގޮތުގައި، އެއްވެސް ބައެއްގެ އަތުން ފްލެޓެއް އަތުލާފައިވާ ނަމަ އެ ބަޔަކަށް ސަރުކާރުގެ އެހެން ހައުސިން ސްކީމެއްގެ ތެރެއިން ތަންތަން ދޫކުރާއިރު ބަލާނީ މިސާލަކަށް އެފްޑީސީގެ 4،000 ފްލެޓުގެ ތެރެއިން ފްލެޓެއް ލިބިފައިވުން ނުވަތަ އެފަދަ ސްކީމަކުން ގޯއްޗެއް ފުރުސަތެއް ލިބިފައިވޭތޯ އެކަންޏެވެ. އެފަދަ ކަމެއް ނެތް ކަމަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެ ވައުދު ފުއްދަވާނެ ކަމުގެ ކަށަވަރުކަން ރައީސް ރޭ ވެސް ދެއްވި އެވެ،
އެ މަނިކުފާނު ވިދާޅުވީ، މާލޭގައި ގޯތި ނެތް މައްސަލަ ހައްލު ކުރާއިރު، 10،000 ގޯތި ހާއްސަ ކޮށްފައި ވާނީ މާލޭގެ ރަށްވެހިންނަށް ހާއްސަ ކޮށްގެން ކަމަށެވެ.
މާލޭގެ ރަށްވެހިންގެ ގޮތުގައި ބަލަނީ މާލެ އަށް އުފަން މީހުންނާއި މާލޭގެ ގޯއްޗެއްގައި ރަޖިސްޓަރީ ވެފައިވާ މީހުންނާއި ދަފްތަރުގައި ޖައްސާފައިވާ މީހުންނެވެ.
މާފަންނު ރައްޔިތުންގެ ބައްދަލުވުމަށް ދިޔަ މީހެއްގެ ވާހަކަތައް ރައީސް މުއިއްޒު އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުން ވަނީ ރާއްޖޭގައި އެންމެ ބައިބޯ ސަރަހައްދު ކަމަށްވާ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ސިޔާސަތެއް އިއުލާންކޮށްފަ އެވެ.
އެއްވެސް ފަރާތެއްގެ އަތުން އަތުލާފައި އޮތް އެއްޗެއް ވިއްޔާ އެ ގެއްލިގެނެއް ނުދާނެ. އެ ފަރާތްކަށް އަޅުގަނޑު ވައުދު ވެފައި އޮތް ގޮތަށް އެ ފުރުސަތުތައް ލިބިގެންދާނެ."--- ރައީސް
ރައީސް ރޭ ވެސް ވިދާޅުވީ، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ މީހުންނަށް 3،000 ގޯތި އަދި މުޅި ގޯތި އެއްކޮށް ދޫކޮށްލާ މީހުންނަށް ލާޖައްސާ އުސޫލުން 1،500 ގޯތި އަދި މައިމުޅަވެފައިވާ މީހުންނަށް 450 ގޯތި ހާއްސަ ކޮށްފައިވާ ކަމަށެވެ.
"މި 15،000 ގޯތި ދީ ނިމޭއިރު ވަރަށް ބޮޑަށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ގޯތީގެ މައްސަލަ އަށް ހައްލެއް އަންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ރޭ ވަނީ ހުޅުމާލެ 3 އާއި ގިރާވަޅުފަޅު އަދި ގުޅިފަޅު ހިއްކުމުގެ ތާވަލް ވެސް ތަކުރާރު ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ބޮޑު ދެ ޑްރެޖަރެއް ބޭނުންކޮށްގެން ހުޅުމާލެ 3 ހިއްކަމުން އަންނަ ކަމަށް މި މަހުގެ ނިޔަކަށް އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އެއާ އެކު، އެ ތަނުން ގޯތި ލިބިފައިވާ މީހުންނާ މި ސަރުކާރުން ގޯތި ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ހުޅުމާލެ 3 މި މަހުގެ ނިޔަލަށް ހިއްކައި ނިމޭއިރަށް، ބޮޑު ދެ ޑްރެޖަރު އަންނަ މަހު މިސްރާބު ޖަހާނީ ރައީސް ވިދާޅުވި ގޮތުގައި ގިރާވަރުފަޅު ހިއްކާށެވެ. ގިރާވަރުފަޅު ހިއްކަން ނަގާނީ 2-3 މަސް ކަމަށް އެ މަނިކުފާނު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
"އެ ހިސާބުން [ގިރާވަޅުފަޅުން] ގޯތި ދޫކުރާނެ. ގުޅިފަޅުން މިހާރު އެ ވަނީ ގޯތި ލިބުނު އެންމެންނާ ބްރިޖު ސައިޓާއި މިހެން ހުރި ސައިޓުތައް ފިޔަވައި އެހެން ތަންތަނުން ހަވާލު ކުރަމުން އެދަނީ. މި އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން އިންފްރާސްޓްރަކްޗާ މަސައްކަތައް މި ފަށަނީ. އެ ތަނުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މި ހުރިހާ ކަމެއް ވެސް،" ތަފުސީލް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރަސްމާލެ ހިއްކަން ވެސް ދެ ޑްރެޖަރު ހަރަކާތްރިވަމުން އަންނަ ކަން ވެސް ރައީސް ރޭ ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ މިހާރު ހަލުވި ކޮށްފައިވާ ކަން މި މަހުގެ އެއްވަނަ ދުވަހު ރައީސް އިއުލާން ކުރެއްވި އެވެ.
ބޮޑު ޑްރެޖަރު ގެނެސް މަސައްކަތް ހަލުވި ކުރިއިރު ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން އޮތީ ހިއްކައިފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
حيًفلط
05 December 2025
މިހިޔާ ފުލެޓް ގުރޫޕް ފެތޭނީ ކޮންކެޓަގަރީއަކަށްތޯ؟ ގޭންގަކަށް ވެސްވެދާނެ ދޮށްތޯ! އެހެންވީމަ އެބަޖެހޭ ކޯޓަށް ގޮސްގެން މިމީހުން ނިސްބަތްވާ ޖަމާއަތެއް ބަލަން އެހެނީ ލައްކަ ނުފޫޒު ގަދަބައެއް މިބައިމީހުންނަކީ.
ޥާމިލު1
05 December 2025
1 ކޮޓަރި އެެއްނޫން - 2 ކޮޓަރި ވެސް - 3ކޮޓަރިވެސް ދޫކޮއް އެހެން ސްކީމް ތަކުގައި ބައިވެރި ވެވެންޖެހޭނެ. 2 ކޮޓަރި 4 ދަރިން އުޅޭތާ 10އަހަރު. ހާލަތު ބަދަލުވޭ !!!
ހިޔާނޮޓްއެކޮޕްލިޝްޑް
05 December 2025
ކޮބައިތޯ 2018އިން ސުރެ ފްލެޓް ލިބޭނެ ކަމަށް ގެޒެޓުކޮށް ނުލިބިވާ މީހުންގެ ހައްގު. 7 އަހަރު ކުލީގަ. ތި ލިބުނު ބަޔަކަށް ވިއްޔާ ދަށް ކުލީގަ ވެސް އެބަ ދިރިއުޅެވެ އެއްނު މި ފާއިތުވެދިޔަ 3 ނޫނީ ހަތަރު އަހަރު. ކުރިން ލިބޭނެކަމަށް ލިޔުން ދީފައިވާ މީހުންނަށް ކަނޑައަޅާފައިވަނީ 300 ޔުނިޓު. އެކަމަކު އަލަތު ކައިވެނި ކެޓަގަރީއިން އެކަނިވެސް 1000 ޔުނިޓް އުވާލާފައިވޭ. ކިހިނެއް ދައްކާ ވާހަކަ ހަމަޖެހެނީ؟
ޙެޔޮނުވާނެ
05 December 2025
ހެޔޮނުވާނެ ދެންވެސް އެއްޗެއް ނުލިބޭ މީހުންނަށް ބޯހިޔާވަހިކަން ދޭން އިސްކަން ދީފަ ތި ބައިގަނޑު ބޭނުން ގޮތަކަށް ކަން ކުރެވޭތޯ ބަލާބަލަ.
ޱރ ވާނުވާ
05 December 2025
ހެޔޮނުވާނެ މިޤައުމުގަ ބާކީތިބިމީހުންގެ ވެސްހައްގެއް އޮތްކަމަށްދެކިގެން ވެރިން އުޅެންއެބަޖެހޭ ތަންކޮޅެއް ހަރުދަނާގޮތަކަށް މާދަން ހުރެފަ ބުނެފާނެ ކުޱަ ގޯތި ދޫކޮށް ބޮޱު ގޯއއޗަކަށް ބަދަލުކޮށްދޭނެ ވާހަކަ މީހަމަ ވެދާނެކަމެއް މިވަރުންދާނަމަ.
އެނދިމަރިޔަނބު
05 December 2025
އަދިވެސް ދިން މީހުންނަށް ދެވޭނެ ގޮތެއްދޯ؟ މިހާރުވެސް ދެމަފިރިން ތެރޭން ކޮނެމެ މީހަކަށް ފްތެޓް ދީފަ އެތައް ބައެއް.
މަހުވައި
05 December 2025
ހިޔާ ފްލެޓޭ މިކިޔާ ގްރޫޕް ހިތް ފުރޭނީ ކޮންއިރަކުންބާ؟ އަހަރެމެންނަކީ ތިބުނާ ހިޔާ ފްލެޓްވެސް ނުލިބުނު މީހުން. ދެން އަހަރެމެންނަށް އަނެއްކާ ނުލިބި ތިބެމެ ކަލޭމެން ހިޔާ ފްލެޓްގަ އުޅެ ބާކޮށްފަ ބޮޑެތި ދަރިންނޭ ފަޅޮލޭ ކިޔާފަ އެހެން ތަނެއް ދޭންވީ. ތިތަން ހޯދައިގެން ދިޔައިރު ތިވަރު ނުވިސްނޭ؟ ހިތް ފުރޭނީ ކޮން އިރަކުން؟
ނަސްރު 123
05 December 2025
ހިޔާފްލެޓް ދޫކޮށްލާމީހުންނަށް އެހެން ސްކީމަކުން 3 ކޮޓަރީގެ ތަންތަން ލިބޭނެގޮތް ހެދުން ރަނގަޅު. ބޮޑެތި އާއިލާތައް ދިރިއުޅެން އެކަށީގެންވާ ތަނެއްނޫން ހިޔާފްލެޓަކީ، ހަމަ އެހެންމެ ބޮޑެތިވެފަތިބި ދަރިންނާއެކު ދިރިއުޅެންޖެހިފައިވާ އާއިލާތަކަށް ފަސޭހަގޮތެއް ހޯދައިދިނުން އެދެން.
ޓަކި
05 December 2025
ތިޔަތަނަށް ގޮސް ވަތްއިރު ތިކަން ނޭގުނީ ކީއްވެބާ
އަހުމަދުއީ
05 December 2025
ހިޔާ ފުލެޓަކީވެސް ބޮޑެތި އާއިލާތަކަށް ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން. އެތްންެވެސް ދޫކޮއްލާފާފަ އެހެން އޮޕްސަންތައް ހުރުން މުހިންމު