ދުނިޔެ / އިންޑިގޯ

ޕައިލެޓުން މަދުކަމުން އިންޑިގޯގެ ފްލައިޓްތައް ކެންސަލްވަނީ، މިއަދު 400 ފްލައިޓް ކެންސަލްވާނެ

އިންޑިއާގެ އިންޑިގޯގެ ދަތުރުތައް ރަސްމީކޮށް ރާއްޖެއަށް ފެށުމުގެ ގޮތުން ފުރަތަމަ މަތިންދާބޯޓު، ނޮވެމްބަރު 15، 2018 ގައި ކޮޗިންއިން އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި: މި އެއާލައިންގެ އެތައް ސަތޭކަ ފްލައިޓެއް ދަނީ ކެންސަލްކުރަމުން. ---ފޮޓޯ: މިހާރު

05 ޑިސެމްބަރ 2025 - 12:21

1 comments

ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނު އިރު އެ ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއަށް ތައްޔާރު ނުވެވި ޕައިލެޓުންގެ ދަތިކަން ބޮޑުވެ އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކުރަން ޖެހިއްޖެ އެވެ.

އިންޑިގޯގެ ފްލައިޓްތައް ކެންސަލްވުން ގިނަވެ އިންޑިއާގެ އެކި އެއާޕޯޓްތަކުގައި އާންމު ހަޅުތާލު ވެސް ކުރަމުން ދާއިރު މިއީ އެ މައްސަލައަށް ހައްލެއް ނުލިބި ހޭދަވާ ހަތަރު ވަނަ ދުވަހެވެ. އަދި އިންޑިއާގެ އޭވިއޭޝަން ތާރީހުގައި މިއީ އެންމެ ގިނަ ފްލައިޓް ކެންސަލްވި މައްސަލައަށް ވަނީ ވެފަ އެވެ.

އިންޑިގޯ އިން މިއަދު ވެސް މުމްބާއީ އެއާޕޯޓުން 104، ބެންގަލޫރުން 102، ދިއްލީން 85 އަދި ހައިދަރްއާބާދުން 92 ފްލައިޓް ކެންސަލް ކުރަން ނިންމާފައިވާ ކަމަށް އެކަމާ ބެހޭ މައުލޫމާތު އެނގޭ މީހަކު ރޮއިޓާސް އަށް ބުނެފައިވެ އެވެ.

އިންޑިގޯއިން ވަނީ ދިއްލީ އެއާޕޯޓުން ޑޮމެސްޓިކް ހުރިހާ ފްލައިޓެއް މިއަދު ކެންސަލްކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ބޮޑެތި އެއާޕޯޓުތަކުން ގިނަ ފްލައިޓްތައް ޑިލޭ ވެސް ކުރަންޖެހޭނެ އެވެ. މީގެ އިތުރުން، ޗެންނާއީ އެއާޕޯޓުން އިންޑިގޯގެ ހިދުމަތްތައް ހަވީރު 6:00 އާ ހަމައަށް އެއްކޮށް މެދުކަނޑާލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ 60 ޕަސެންޓް ހިއްސާކުރާ އިންޑިގޯ އިން ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އަށް އަންގާފައިވާ ގޮތުގައި މި މައްސަލަ އެއްކޮށް ހައްލުކުރެވޭނީ ފެބްރުއަރީ 10 އާ ހިސާބުގަ އެވެ. އެހެންވެ އިންޑިގޯ އިން ވަނީ ރޭގަނޑުގެ ވަގުތުތަކުގައި ޕައިލެޓުންގެ ޑިއުޓީ ގަޑި މަދުކުރަންޖެހޭ އުސޫލުން ލުޔެއް ދިނުމަށް ވެސް އެދިފަ އެވެ. އެކަމާ ގުޅިގެން ޑީޖީސީއޭ އިން މިހާރު ވަނީ އުސޫލަށް އަމަލުކުރުމުގައި ބައެއް ލުއިތައް ވެސް ދީފަ އެވެ.

އެ އެއާލައިނުން ޑީޖީސީއޭ އަށް އަންގާފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ފްލައިޓްތައް ކެންސަލް ކުރާނެ އެވެ. އަދި މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ފްލައިޓް މަދުކުރަން ފަށާނެ ކަމަށާއި އެއީ ފްލައިޓްތައް ކެންސަލްކުރަން ޖެހި މީހުން ކުރިމަތިވާ ދަތިތަކަށް ހައްލު ގެންނަން ކަމަށް ބުންޏެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ދުވާލަކު 2،200 އަށް ވުރެ ގިނަ ފްލައިޓް ދަތުރުކުރާ އެ އެއާލައިނުން މި މަހުގެ ދެވަނަ ދުވަހު ރެކޯޑް ކުރެވިފައިވަނީ އެންމެ 35 ޕަސެންޓެވެ.

ޑީޖީސީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިގޯ އިން ނޮވެމްބަރު މަހު 1،232 ފްލައިޓް ކެންސަލް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 755 ފްލައިޓް ކެންސަލް ކޮށްފައިވަނީ ކްރޫންނާއި ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަން (އެފްޑީޓީއެލް) އުސޫލަށް އަމަލުކުރެވެން ނެތިގެން ކަމަށެވެ. މިއީ ފެށުނީންސުރެ އިންޑިގޯއިން ދެކޮޅު ހަދަމުން ދިޔަ އުސޫލެކެވެ.

އެފްޑީޓީއެލްގައި ޕައިލެޓުންނަށް އެންމެ ގިނައިރު ފްލައިކުރެވޭނެ ވަގުތާއި އެއް ޕައިލެޓަކަށް ރޭގަނޑު ދަތުރުކުރެވޭނެ އަދަދާއި ފްލައިކުރެވޭނެ އަދަދު ވަނީ ކަނޑައަޅައިފަ އެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލައި މިދިޔަ އަހަރުގެ ޖެނުއަރީގައި ކަނޑައަޅައި ދެ ފިޔަވައްސަކަށް ބަހާލައިގެން ތަންފީޒުކުރި އުސޫލެކެވެ.

މި އުސޫލުގައި ކޮންމެ ޕައިލެޓަކަށް ވެސް ހަފްތާއަކު މެދުކެނޑުމެއް ނެތް 48 ގަޑިއިރު ހުސްކޮށް ދޭން ޖެހެ އެވެ. ރޭގަނޑުގެ ދަތުރުތައް ކަމަށް ކުރިން ބެލީ ދަންވަރު 12 އިން ފަތިހު 5 އަށް ނަމަވެސް މިހާރު ބަލަނީ ދަންވަރު 12 އިން ހެނދުނު 6 އަށެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

05 December 2025

"މުމްބާއީ އެއާޕޯޓުން" އެ ރަށަކީ ބުންބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454