މުނިފޫހިފިލުވުން

ނެޓްފްލިކްސް އިން ވޯނާ ބްރަދާޒް އާއި އެޗްބީއޯ 82 ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވެއްޖެ

05 ޑިސެމްބަރ 2025 - 20:02

ސްޓްރީމިންގެ ހިދުމަތް ދޭ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ނެޓްފްލިކްސް އިން ހޮލީވުޑްގައި ފިލްމާއި ސީރީޒް އުފައްދާ އެންމެ ވަރުގަދަ ދެ ކުންފުނި ކަމަށްވާ ވޯނާ ބްރަދާޒް އާއި އެޗްބީއޯ 82.7 ބިލިއަން ޑޮލަރަށް ގަންނަން މިއަދު އެއްބަސްވެއްޖެ އެވެ.

ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ސިފަކޮށްފައިވާ މި ނިންމުން އިއުލާންކުރީ ވޯނާ ބްރަދާޒް އާއި އެޗްބީއޯ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައިވާ ގޮތުން ނެޓްފްލިކްސް އިން ވަނީ ވޯނާ ބްރަދާޒްގެ ފިލްމާއި ޓީވީ ސްޓޫޑިއޯސްތަކާއި އެޗްބީއޯ އާއި އެޗްބީއޯ މެކްސް ވެސް ގަންނަން ނިންމައިފަ އެވެ.

އެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 82.7 ބިލިއަން ޑޮލަރު ކަމަށާއި އިކުއިޓީގެ އަގަކީ 72 ބިލިއަން ޑޮލަރު އެ ބަޔާނުގައި ބުންޏެވެ.

ވޯނާ ބްދަޒާސް އާއި އެޗްބީއޯ، ނެޓްފްލިކްސް އަށް ވިއްކާލަން ނިންމިކަން މި އިއުލާންކުރީ ހޮލީވުޑްގެ އިތުރު ދެ ކުންފުނި ކަމަށްވާ ޕެރެމައުންޓް ސްކައިޑާންސް އާއި ކޮމްކާސްޓް އިން ވެސް އެ ދެ ކުންފުނި ގަންނަން ބިޑް ހުށަހަޅައި ވާދަވެރިކަން އުފެދިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ތާރީޚީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ނެޓްފްލިކްސް އިން ބުނީ ވޯނާ ބްރަދާޒް ގަތް ނަމަވެސް، އެ ކުންފުނިން އުފައްދާ ފިލްމުތައް މިހާރެކޭ ވެސް އެއްގޮތަށް، މިވަގުތަށް އެންމެ ފުރަތަމަ ދައްކާނީ ސިނަމާތަކުގައި ކަމަށެވެ. އަދި މިވަގުތަށް އެޗްބީއޯ މެކްސް ބާއްވާނީ ވަކި ސްޓްރީމިން ޕްލެޓްފޯމެއްގެ ގޮތުގައި ނަމަވެސް، މުސްތަގުބަލުގައި އެޗްބީއޯ އާއި އެޗްބީއޯ މެކްސްގެ ކޮންޓެންޓެއް ނެޓްފްލިކްސް އަށް އަޅާނެ ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.

ނެޓްފްލިކްސް އިން ލަފާކުރާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މީގެ ތިން އަހަރު ފަހުން ކޮންމެ އަހަރަކު އެ ކުންފުނީގެ ހަރަދުން 2-3 ބިލިއަން ޑޮލަރު ކުޑަކުރެވޭނެ އެވެ. އަދި ދެވަނަ އަހަރުން ފެށިގެން ކުންފުނީގެ ކޮންމެ ހިއްސާއަކަށް ލިބޭ ފައިދާ ވެސް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ވޯނަ ބްރަދާޒްގެ ކޮންމެ ހިއްސާއަކަށް 27.75 ޑޮލަރު އަރަ އެވެ. އަދި މި އެއްބަސްވުމާ ގުޅިގެން ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތް އެއްކޮށް ނިމޭނީ ދޮޅު އަހަރު ދުވަހުންނެވެ.

ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސީރީޒްތައް ކަމަށްވާ "ދަ ބިގް ބޭންގް ތިއަރީ"، "ފްރެންޑްސް"، "ދަ ސޮޕްރޭނޯސް"، "ގޭމް އޮފް ތުރޯންސް"، "ދަ ވިޒާޑް އޮފް އޮޒް"އަކީ ވޯނާ ބްރަދާޒްގެ އުފެއްދުންތަކެވެ. "ދަ ލޯޑް އޮފް ދަ ރިންގްސް" އާއި "ހެރި ޕޮޓާ" އަކީ ވެސް އެ ކުންފުނީގެ އުފެއްދުންތަކެވެ. މި އެއްބަސްވުމާ އެކު ސުޕަހީރޯ ފްރެންޗައިޒް ޑީސީ ޔުނިވާސްގެ ފިލްމާއި ސީރީޒްތައް ވެސް ދާނީ 300 މިލިއަން ސަބްސްކްރައިބާސް މިވަގުތު ތިބި ނެޓްފްލިކްސްގެ ދަށަށެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ބޮޑު އެއްބަސްވުމާ ގުޅިގެން އެމެރިކާގެ ސިޔާސީ މަޝްރަހުގައި ކޮންމެ ވެސް ވަރަކަށް ނުތަނަވަސްކަން އުފެދިފައިވެ އެވެ. މި އެއްބަސްވުމުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާގެ ކަންކަމުގައި ނެޓްފްލިކްސް ނުފޫޒު މާ ވަރުގަދަވެދާނެ ކަމަށް ބުނެ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ރައީސް ޑޮނާލްޑް ޓްރަމްޕަށް މިދިޔަ މަހު 13 ގައި ސިޓީއެއް ވެސް ހުށަހަޅުއްވާފައިވެ އެވެ.

ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތް ކުރިއަށް ނުގޮސް، އަދި އެމެރިކާގެ އިދާރާތަކުން ލިބެން ޖެހޭ ހުއްދަތައް ނުލިބި އެއްބަސްވުން އުވާލަން ޖެހިއްޖެ ހާލަތެއްގައި، ނެޓްފްލިކްސް އިން ވޯނާ ބްރަދާޒް އަށް 5.8 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454