މިދިޔަ ހަފްތާގައި ލަންކާއަށް ކުރި ވިއްސާރާގައި މަގެއް ހަލާކުވެފައި: ލަންކާގެ ބައެއް ހިސާބުތަކަށް އަނެއްކާވެސް ވިއްސާރަކުރަން ފަށާފައި ވާތީ ބިންގަނޑު ކަނޑައިގެން ދިއުމުގެ އިތުރު ހާދިސާތަކެއް ހިނގާފާނެ ކަމަށް ވަނީ ބެލެވިފައި. -- ފޮޓޯ: އޭއެފްޕީ
05 ޑިސެމްބަރ 2025 - 19:49
މިދިޔަ ހަފްތާގައި ސްރީ ލަންކާއަށް އެރި ތޫފާާނުގައި ކުރި ވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 607 އަށް އަރާފައި ވާއިރު އެންމެ ބޮޑަށް ގެއްލުންވި ހިސާބުތަކަށް އަނެއްކާވެސް ވާރޭ ވެހެމުން ދާތީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައިފާނެ ކަމުގެ އިންޒާރު ދީފި އެވެ.
އުސް ސަރަހައްދުތަކުގެ ބިންގަނޑަށް އަންނަ ބަދަލުތައް ދިރާސާކުރާ ނެޝަނަލް ބިލްޑިންގް ރީސާޗް އޯގަނައިޒޭޝަން (އެންބީއާރްއޯ) އިން ބުނީ ލަންކާގެ މެދުތެރޭގައި އޮންނަ އުސް ސަރަހައްދުތަކަށް އަނެއްކާވެސް ނުރައްކާވެފައިވާ ކަމަށެވެ.
"މިދިޔަ 24 ގަޑިއިރު ވެހުނު ވާރޭ 150 މިލިމީޓަރަށް ވުރެ އިތުރުވެފައި ވާތީ، ކުރިއަށް އޮތް ތަނުގައި ވެސް ވާރޭ ވެހެންމުންދާ ނަމަ ބިންގަނޑު ކަނޑައިގެންދާނެ ކަމަށް ބަލައި އެ ސަރަހައްދުތަކުން މީހުން ބަދަލުކުރަންޖެހޭ،" އެންބީއާރްއޯ އިން ބުންޏެވެ.
ތޫފާނުގެ ވިއްސާރަ އަލިވެ ފެންގަނޑު ހިނދެމުން ދިޔަ ނަމަވެސް މިހާރު އަލުން ކުރަމުން ދަނީ މޫސުމީ ވިއްސާރަ އެވެ.
ލިބުނު ގެއްލުންތައް ވަޒަންކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ތޫފާނުގެ ތެރޭގައި ގެއްލިފައިވާ ބައެއް މީހުން މަރުވެފައިވާ ކަމަށް މިހާރު ބެލެވޭތީ، މަރުވި އަދަދު 607 އަށް މިހާރު އިތުރުވެފައިވާ ކަމަށެވެ. ގެއްލިފައިވާ ކަމަށް ކުރިން ރިޕޯޓްކޮށްފައިވާ 341 ގެ ބަދަލުގައި އެ އަދަދު މިހާރު ވަނީ 214 އަށް ދަށްވެފަ އެވެ.
ހާލަތު އެންމެ ގޯސްވި އިރު، ހާލުގައި ޖެހި 225،000 މީހަކު ސަރުކާރުގެ ވަގުތީ ހިޔާތަކުގައި އުޅުނަސް މިހާރު އެ އަދަދު ވަނީ 150،000 އަށް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy