ކުޅިވަރު / ރިޕޯޓް

ސީނިއާ ކުޅުންތެރިންގެ ޕްރެޝަރާ އެކު ވީއޭއެމަށް ހިފަހައްޓާލެވިދާނެތަ؟

ގައުމީ ޓީމުން ރިލީޒް ނުހޯދައި ޝަމާއިލް ހުސައިން، އެހެން މުބާރާތެއްގައި ކުޅެން ދިޔަ މައްސަލައިގައި އޭނާ އަށް ފިޔަވަޅު އަޅައި ގައުމީ ޓީމުން ބޭރުކުރި އެވެ. އެ "ރުޅިގަނޑު" އެސޯސިއޭޝަނަށް ފޮޅާލީ ސީނިއާ ކުޅުންތެރިންނެވެ. ސީނިއާ ބައެއް ކުޅުންތެރިންގެ އުދާސްތައް ވީއޭއެމަށް އޮއްސާލީ އެ އެސޯސިއޭޝަނުގެ މިހާރުގެ އެކްސްކޯ އަށް އިދިކޮޅު ހަރަކާތަކުން އެކަން ކުރާނެހާ ވަރުގަދަ "ބަސްމަގެއް" ބޭނުން ކޮށްގެންނެވެ.

އެސޯސިއޭޝަނެއް ގޯހުން ގޯހަށްދާ ނަމަ ކުޅުންތެރިން ވެސް ކަންބޮޑުވުން ފާޅުކުރަންޖެހެ އެވެ. އެކަމާ ދެކޮޅަށް ވާހަކަ ދައްކަންޖެހެ އެވެ. ފާޑުކިޔަން ވެސް ޖެހެ އެވެ.

ސީނިއާ ބައެއް ކުޅުންތެރިންގެ ފަރާތުން މިހާ ހަރުކަށި ބަސްމަގެއްގައި އެ ނުރުހުން ވީއޭއެމަށް މި ފަހަރު އަމާޒުވީ ކީއްވެ ހެއްޔެވެ؟

"ތެދެއް ވަރަށް ބޮޑަށް އެބައޮތް އަޅުގަނޑުމެންނަށް ފާޑުކިޔުން. އެކަމަކު އެ ގޮތަށް ފާޑު ކީ ކުޅުންތެރިންނަކީ މިހާރު ސީނިއާ ސްކޮޑްގައި ނުހިމެނޭ ކުޅުންތެރިން،" ވީއޭއެމްގެ އޮފިޝަލަކު ބުންޏެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު ޝަރަފް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ކުޅުންތެރިންނަށް "ހިތަކަށް" ލިބިފައި އޮތް ގައުމީ ޓީމަށް ވީއޭއެމުން ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން ސެޓަރުން ފިޔަވައި، އެހެން ސީނިއާ ކުޅުންތެރިން ގައުމީ ސްކޮޑުން ބޭރުކޮށް ޓީމު ޒުވާން ކުރުވައިފި އެވެ. ވީއޭއެމުން ބުނި ގޮތުގައި އެއީ ކޮންމެހެން، ސީނިއާ ކުޅުންތެރިން ދުރުކޮށް، ޓީމުން ބޭރު ކުރުމުގެ ނިޔަތުގައި ގެނައި ބަދަލުތަކެއް ނޫނެވެ. އެއީ ނިޒާމީ ގޮތެއްގައި ތަމްރީނުތައް ކުރިއަށް ގެންގޮސް ސަރަހައްދުގެ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ނެރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ގައުމީ ޓީމަށް ބޮޑު ބަދަލެއް ގެންނަން ވީއޭއެމުން ނިންމީ، އޮފިޝަލް ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ކާވާ މުބާރާތުގައި ރާއްޖޭގެ ޓީމުން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

"ހަ މެޗު ކުޅެގެން ހޯދުނީ އެންމެ ސެޓެއް. މިހާވަރު ވީމަ ކުޅުންތެރިން ވެސް އަދި ކޯޗުން ވެސް އެބަޖެހޭ ގަބޫލުކުރަން ދެން ބަދަލެއް ގެންނަން ޖެހޭކަން،" ބަންގްލަދޭޝާއި ނޭޕާލާއި ލަންކާ އާއި އަފްޣާނިސްތާނު އަދި ތުރުކްމެނިސްތާން ވެސް ކުޅުނު މުބާރާތަށް އިޝާރާތްކޮށް ވީއޭއެމްގެ އޮފިޝަލް ވާހަކަ ދެއްކި އެވެ.

"މިހާވަރަށް ނަތީޖާ ދަށްވެގެން ދިޔައީމަ މިކަމާ ހަވާލުވެ ތިބި ކޯޗުން ވެސް ޒިންމާނަގައި މަސައްކަތުން އެއްފަރާތްވެލައި އެހެން ފަރާތަކަށް ފުރުސަތު ދިނުމަކީ ކުޅިވަރުގެ ރީތި ސިފައެއް."

ކޯޗު އަހްމަދު ޝަރަފް އަތުން ސީނިއާ ޓީމު އަތުލައި، އެ މަސައްކަތް ހަވާލު ކުރީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު އީރާނުގެ ފަރްހާދު ނަޒާރީއާ އެވެ.

ގައުމީ ކޯޗު އިރާނުގެ ފަރްހާދު ނަޒާރީ

އޭނާގެ ބެލުމުގެ ދަށުން ތަމްރީނު ފެށި ޒުވާން ޓީމު، ސީނިއާ ޓީމުގެ މަގާމަށް ގެންގޮސް، ޝަރަފުގެ ކޯޗުކަމުގެ ދަށުން ސީނިއާ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން އުމުރުން 30 އަހަރުން ދަށުގެ ކުޅުންތެރިން ޓީމުގައި ބޭތިއްބި އެވެ. މި ބަދަލާ އެކު ސީނިއާ ޓީމުގައި ނަގާކިޔަން ތިބި ކުޅުންތެރިންނަށް ގައުމީ ޓީމުގެ ޖާގަ ގެއްލުނެވެ.

"ރާއްޖޭގެ ސެޓަރުން މަދުވީމަ އަޅުގަނޑުމެންގެ ނެޝަނަލް ޓީމު ޕާފޯމަންސް ކޮމިޝަނުން ނިންމީ ސެންޓަރުން ފިޔަވައި 30 އަހަރުން މަތީގެ ކުޅުންތެރިން އުނިކުރަން،" ވީއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ކުއްލި މި ބަދަލާ އެކު ސީނިއާ ކުޅުންތެރިންގެ ނުރުހުމާއި ކޯޗުންގެ ބަހުގެ ހަމަލާތައް ވީއޭއެމަށް އަމާޒުވާނެކަން ވެސް އެ އެސޯސިއޭޝަނަށް އެނގެ އެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކަން ހިނގާ ގޮތް ދެއްތޯ. އެއްވެސް ކަމަކަށް ބޮޑު ބަދަލުތަކެއް ގެންނަންޏާ ފާޑުކިޔުން އަންނާނެ. އެއީ އެކަން ހިނގާނެ ގޮތް،" އޮފިޝަލް ބުންޏެވެ.

"އެކަމަކު ނަތީޖާތައް މިހާ ހިސާބަށް ދިޔައީމަ އަޅުގަނޑުމެންނަށް ވިސްނުނުނު ބަދަލެއް ގެންނަންޖެހޭކަން. އޭގެ ދަށުން މިބަދަލު ގެނައީ."

ވީއޭއެމުން ކުރިން ބޭއްވި ކޮންގްރެސްއެއްގައި: --- ފައިލް ފޮޓޯ

ވީއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގައުމީ ޓީމުގެ ތަމްރީނުތައް ނިޒާމީ ގޮތެއްގައި ނުގެންދެވެ އެވެ. އަދި މުބާރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރު ނުވެވުމުން ޓީމުގެ ނަތީޖާތައް ދަށަށް ދިޔަކަން ފާހަގަކޮށްފައި އެވެ.

އެހެން ދިމާވަނީ ގައުމީ ޓީމު ހިންގުމުގައި އެ އެސޯސިއޭޝަނުގައި އޮތް ސަގާފަތުގެ ސަބަބުން ކަމަށް ވީއޭއެމުން ގަބޫލު ކުރެ އެވެ.

"ގައުމީ ޓީމުގެ މި ދެންނެވި ނަތީޖާ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ، ގައުމީ ޓީމުގެ ކަންކަން ހިންގުމަށް މި އެސޯސިއޭޝަނުގައި ޒަމާނުއްސުރެ އޮތް ވިސްނުމެއްގެ މައްޗަށެވެ." ވީއޭއެމްގެ ބަޔާނުގައި ވެ އެވެ.

"އެހެންކަމުން، ގައުމީ ޓީމުގެ ކަންކަން ހިންގުމަށް އާ ވިސްނުމެއް ގެނެސް، ގައުމީ ޓީމުގެ ފަރިތަކުރުންތައް އަހަރުގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއްގެ މަތިން އަލުން އިންތިޒާމްކޮށް، އާ އަޒުމަކާ އެކު ފަރިތަކުރުންތައް މިހާރު ކުރިއަށް އެބަގެންދެވެ އެވެ."

އާ ވިސްނުން ކަނޑައަޅަނީ ގައުމީ ޓީމުގެ ޕާފޯމަންސް ކޮމިޝަނުން!

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މީގެ ކުރިން ގައުމީ ޓީމުގެ ހިންގުމުގެ ގިނަ ބާރުތަކެއް އޮތީ ކޯޗަކަށް ހުންނަ މީހަކަށް އެކަނި ދޫކޮށްލާފައި ކަމަށެވެ. އޭގެ ބަދަލުގައި ޓީމުގެ ކަންކަން ރާވައި ހިންގާނީ ހައިޕާފޯމަންސް ކޮމިޝަނުންނެވެ.

އެ ކޮމިޓީގެ ޗެއާޕާސަނަކީ އެ އެސޯސިއޭޝަނުގެ ނައިބުރައީސް މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ލަތީފް ވިދާޅުވީ ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލުމާއި ތަމްރީނުތައް އިންތިޒާމު ކުރުމަކީ އެ ކޮމިޓީގެ މަސައްކަތެއް ކަމަށެވެ. އަދި ކުޅުންތެރިންގެ ޕާފޯމަންސާއި އޮފިޝަލުންނާއި ކޯޗުން އަދި ކުޅުންތެރިން ވެސް އަމަލު ކުރަންޖެހޭ އުސޫލުތައް އެކުލަވާލާނީ ވެސް ޕާފޯމަންސް ކޮމިޝަނުން ކަމަށް ވިދާޅުވި އެވެ.

ވީއޭއެމްގެ ބައްދަލުވުމެއްގެ ތެރެއިން ކާއްޓޭ (ވ) އާއި ލަތީފް --- ފައިލް ފޮޓޯ: ވީއޭއެމް

މިއީ އިންޑިއާގެ ކްރިކެޓް ބޯޑްގައި އޮންނަ ފަދަ ސެލެކްޝަން ކޮމިޓީގެ ދައުރު އަދާކުރާ ފަދަ ކޮމިޝަނެކެވެ.

ލަތީފް ވިދާޅުވި ގޮތުގައި، ގައުމީ ޓީމުގެ ކޯޗުންނާއި އޮފިޝަލުން ވެސް އެހެން ކަމަކަށް ދާ ނަމަ ރިލީޒް ހޯދަން ޖެހޭނެ އެވެ.

މި ބަދަލުގައި ވީއޭއެމަށް ހިފަހައްޓާލެވިދާނެތަ؟

ވީއޭއެމަށް މި ވަގުތު އޮތީ ސީނިއާ ކުޅުންތެރިންނާއި ބައެއް ކޯޗުންގެ ޕްރެޝަރު އެކަންޏެއް ވެސް ނޫނެވެ. އެއްފަހަރާ ބޮޑު ބަދަލެއް ގެންނައިރު، ނުކުމެދާނެ ނަތީޖާއަކާ މެދު ސަމާލުވާން ވެސް ޖެހޭނެ އެވެ. ވީއޭއެމުން ކުރިން ނުކުރާ މި ތަޖުރިބާއަކީ ބޮޑު ޓެސްޓެކެވެ.

މި ބަދަލުގެ ފުރަތަމަ އިމްތިހާނަކީ އަންނަ މަހު ނޭޕާލްގައި ބާއްވާ ކްލަބް ވޮލީބޯޅަ މުބާރާތެވެ. އެ މުބާރާތުގައި ގައުމީ ޓީމުން ވާދަކުރާނެ އެވެ.

"ޕާކިސްތާނާއި އިންޑިއާ އަދި ޔޫރަޕްގެ ކުޅުންތެރިން ވެސް ކްލަބް މުބާރާތުގައި ކުޅޭނެ. އެކަމަކު އަޅުގަނޑުމެންގެ ދާނީ ހަމަ މިހާރު މިއޮތް ގައުމީ ޓީމު،" ލަތީފް ވިދާޅުވި އެވެ.

ގައުމީ ޓީމުން މިދިޔަ އަހަރު ބޭއްވި ތަމްރީނުތަކުގެ ތެރެއިން .-- ފޮޓޯ: ކާވާ

"އީރާނުގެ ކޯޗާ އެކު އަޅުގަނޑުމެން ހަތަރު މަސް ވަންދެން މި ކުރި ތަމްރީނުތަކުން ޓީމަށް އައި ކުރިއެރުން އެ މުބާރާތުން ވަޒަން ކުރެވޭނެ."

ފުރަތަމަ މުބާރާތުގައި ބޭނުންވާ ނަތީޖާ ނުލިބިއްޖެ ނަމަ އެ ޕްރޮޖެކްޓް ދެމެހެއްޓުމުގެ ކެތްތެރިކަން ވީއޭއެމްގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ ނުވަތަ ޒުވާން ކުޅުންތެރިންނާ އެކު ނަތީޖާ ނުނިކުތުމުން ދެން ކުރިމަތިވާ ޕްރެޝަރުގައި ކުރިން އޮތް ސަގާފަތަށް ގައުމީ ޓީމު އަލުން އިޔާދަ ކުރާނީ ހެއްޔެވެ؟

ލަތީފް ވިދާޅުވީ ގައުމީ ޓީމު ބަދަލުކުރުމުގެ މި ޕްރޮޖެކްޓަކީ ދެ އަހަރުގެ ޕްލޭނާ އެކު ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

"މި ރިފޯމްގައި އަޅުގަނޑުމެން ކުރިއަށް ދާނެ. އަޅުގަނޑުމެން މި ގެންނަ ބަދަލުތައް ސްޕޯޓްސް މިނިސްޓްރީއާ ވެސް ހިއްސާ ކޮށްގެން ކުރިއަށް މިދަނީ،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓް ދެމެހެއްޓުމުގެ ކެތްތެރިކަން ވީއޭއެމްގެ ކިބައިގައި ހުންނާނެ އެވެ. ޕްރެޝަރުގައި ވެސް އެކަން ދަމަހައްޓައި ދެ އަހަރުގެ ތެރޭގައި ނަތީޖާ ދައްކާ ވަރުގެ ޕްރޮޖެކްޓަކަށް އެ މަސައްކަތް ހަދާނެ އެވެ.

އެކަމަކު، މިއީ އަދި ޓެސްޓެކެވެ. ސީނިއާ ކުޅުންތެރިންނަކީ ތަޖުރިބާކާރު ބަޔަކަށް ވާއިރު ޓީމު އެއްކޮށް ކަހަލަ ގޮތަކަށް އާކޮށްލައިގެން ތިބެވޭނެ މުއްދަތެއް އަދި ނޭނގެ އެވެ. ބައިނަލްއަގްވާމީ މުބާރާތެއް ކުރިމަތީގައި ވެސް އެބައޮތެވެ. އެ ހިސާބުން އަނެއްކާ "ރޫޅާނުލައިފި" ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަސި

06 December 2025

30 އަހަރުގެ ޓެގް އަޅުވާފަ ތިކަން ނުކުރިޔަސް ތިވެރިން ބޭނުން ބަޔަކަު ލައިގެން މުބާރަތަށް ދިޔާމަ ރަގަޅުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454