ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅާފައިވާ ފްލެޓްތައް: މިތަނުގެ އިތުރު ފަސް ޓަވަރަކުން ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
08 ޑިސެމްބަރ 2025 - 18:41
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަނުގެ އިތުރު ފަސް ޓަވަރަކުން ފްލެޓްތައް ހަވާލުކުރަން ފަށައިފި އެވެ.
މީގެ ކުރިން 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވާއިރު އެފްސީން ބުނި ގޮތުގައި މިއަދު ހަވާލުކުރަން ފެށީ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުގެ ފްލެޓްތަކެވެ. އެއިން ކޮންމެ ޓަވަރެއްގައި 120 ފްލެޓް ހުރެ އެވެ.
އެތަންތަން ހަވާލުކުރުމުގެ މަަސައްކަތް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:30 އިން މެންދުރު ފަހު 3:30 އަށް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެފްޑީސީގެ މެނޭޖިން ޑިރެެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުގެ އަމާޒަކީ ފްލެޓްތައް ހަވާލުކުރަން ކުރިން ކަނޑައެޅި ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިއުމެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ހުރިހާ ޓަވަރެއްގައި ވެސް ފެށުން،" ޝަކީލް ވިދާޅުވި އެވެ.
ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ފްލެޓުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އެ ޓަވަރުގައި މީހުން ވަނީ ދިރިއުޅެން ފަށައިފަ އެވެ.
އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ޑިސެމްބަރު މަސް ނިމޭއިރު އެ ޓަވަރަކުން ފްލެޓުތައް އެންމެންނަށް ހަވާލުކޮށް ނިމޭނެ އެވެ. އެކަމަކު މިހާރު އައިސްފައިވާ ބަދަލާ އެކު ފްލެޓުތައް ދީ ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށް ފަހުން ބުންޏެވެ.
- އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށް ހަވާލުކުރެވޭނީ މި މަހުގެ ދެވަނަ ހަފުތާ ހިސާބުގައި.
- އަމާން އުދަރެސްގެ 8 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 4 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 5 އަދި 6 ވަނަ ޓަވަރު ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 9 އަދި 10 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 5 ވަނަ ހަފުތާގައި.
- އަމާން ދޯދި 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރު - ޖެނުއަރީ ފަހު ހަފުތާގައި.
- އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު، ޖެނުއަރީ 2 ވަނަ ހަފުތާގައި.
- އަމާން ދޯދި 5، 6، 7، 8، 9، 10 އަދި 11 ގެ ޓަވަރުތައް ޖެނުއަރީ ފަހު ހަފުތާގައި ހަވާލުކުރެވޭނެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ. ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.
ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.
އެ ތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ނަގަނީ 11،500ރ. އެވެ.
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައުން
09 December 2025
ރައިސް ރޯދަމަހު ކުރިން ބަދިގެ ސެޓް ހަދާލެވޭ ވަރަށް, ކުރިން ތަނުގެ މިން ނަގަން ވަދަވޭގޮތް ހަދާލަ ދީބަށް, ޖެނުވަރީގެ ފަހު ހަފްތާ ދިނީމަ, ކިހިނެތްތޯ ތަން ހެދޭނީ? ފެބުރު އަރީ 18 ރޯދަމަސް ގެ ފުރަތަމަ ދުވަސް.
ހުސައިން
08 December 2025
ތިތަނުން ތަނެއް ލިބިދާނެ ކަމުގައި ހުއްޓާ ކެޓީ. ލިބޭނެ ކަމުގެ އުއްމީދު ލިބިފައި ފެނަށް ވެގެން ދިޔައީ. ފެނަށްވެގެން ދިޔައީ ކުރިން ބުނިގޮތާއި ޚިލާފަށް ނުބައިކޮށް ފޯރމް ފުރި މީހުންގެ ފޯރމްތައް ނުބަލައި އެމީހުނަށް ދޭ ގޮތަށް ހަމަ ޖެއްސުމުން.
ޖައިޝަމް ސލޑ
08 December 2025
މިވެރިކަމައް ހަމަ ސާބަސް ދަންނަވަން ހިންގުން ތެރިކަން ވަރަށް ފުރިހަމަ ކަމުގައި އަދާ ކުރާތަންފެނޭ.
ދޯދީ
08 December 2025
ކެކެކެ.... ކޮންމެ ޓަވަރަކުން 1 ފުލެޓު ހަވާލުކުރީމާ އެނިމުނީނުންތޯ... ވައުދު ފުރިހަމަވީ. "އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ހުރިހާ ޓަވަރެއްގައި ވެސް ފެށުން،" ޝަކީލް ވިދާޅުވި އެވެ.