09 ޑިސެމްބަރ 2025 - 11:27
މަޝްހޫރު އޫބާ ކުންފުންޏާ އެކު ބާސެލޯނާއިން ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއި ކުރުމުން އެ ކްލަބް ނިސްބަތްވާ ކެޓަލޯނިއާގެ އެހެން ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރަން ނިންމައިފި އެވެ.
ސަބް ސްޕޮންސަރެއްގެ ގޮތުގައި އޫބާ އާ އެކު ބާސާއިން ވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބސްވުމާ އެކު އެންމެ ރުޅި ގަދަވީ ކެޓަލޯނިއާގެ ޓެކްސީ ޔޫނިއަނުންނެވެ.
ތިން އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މިރޭ ކުޅޭނެ އެވެ. ކެޓަލޯނިއާގެ ޓެކްސީ ޔޫނިއަށް ކުންފުނި އެލީޓް ޓެކްސީން ހިތްހަމަނުޖެހުނީ ލޯކަލް ކުންފުންޏެއް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އިންޓަނޭޝަނަލް ޓެކްސީ ބްރޭންޑެއް ބާސާއިން ޕްރޮމޯޓް ކުރާތީ އެވެ.
ޗެމްޕިއަންސް ލީގުގައި އައިންޓްރަކްޓް ފްރެންކްފާޓާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން މަގުތައް ބަންދުވާގޮތަށް ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރަން އެލީޓް ޓެކްސީން ވަނީ ގޮވާލާފަ އެވެ. އަދި އެ ހަޅުތާލު މުޅި ކެޓަލޯނިއާގެ ސަރަހައްދުތަކުގައި ކުރުމަށް އެ ޔޫނިއަނުން ވަނީ ގޮވާލާފަ އެވެ.
އެކަމަކު ބާސާގެ އޮފިޝަލް ބުނީ ޓެކްސީ ޑްރައިވަރުން އެ ހަޅުތާލު ކުރަން ހަމަޖެހިފައިވާ ގަޑީގެ ގޮތުން މެޗަށް އަސަރު ނުކުރާނެ ކަމަށެވެ. މެޗު ފެށުމުގެ ވަކި ވަގުތެއް ކުރިން ހަޅުތާލު ނިންމާލަން ވަނީ ނިންމާފަ އެވެ.
އޫބާއާ އެކު ބާސާއިން އެއްބަސްވުން ހެދީ އޮކްޓޯބަރު މަހު އެވެ. އޭރު ބާސާގެ ހޯމް މެޗުތައް ކުޅުނު އޮލިމްޕިކް ސްޓޭޑިއަމް ކައިރިގައި އަދި ކޭމްޕް ނޯ ކައިރީގައި ވެސް ލޯކަލް ޓެކްސީ ކުންފުނިތަކުގެ ޑްރައިވަރުން ހަޅުތާލު ކުރި އެވެ.
އޮކްޓޯބަރު 21 ގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ބާސާ ކުޅުނު މެޗަށް ސަޕޯޓަރުން ސްޓޭޑިއަމަށް ދަތުރުކުރަން ހަމަޖެހިފައިވާ މަގުތައް ބަންދުކުރަން ވެސް ޑްރައިވަރުން އިއުލާން ކުރި އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް އެހެން ސަރަހައްދުތަކުގައި ހަޅުތާލު ކުރި އެވެ.
ހަޅުތާލު އެހެން ސަރަހައްދުތަކަށް ބަދަލު ކުރީ ޓެކްސީ ޑްރައިވަރުންގެ ޔޫނިއަންއާ އެކު މަޝްވަރާކުރަން ބާސާއިން ނިންމުމުންނެވެ.
އެ މެޗުގެ ކުރިން ބާސާގެ އޮފިޝަލުން ވަނީ ޓެކްސީ ޔޫނިއަންގެ ވެރިޔާ ޓިޓޯ އަލްވަރޭޒާ އެކު މަޝްވަރާތައް ކޮށްފަ އެވެ. އަދި ޓެކްސީ ޔޫނިއަންގެ ކަންބޮޑުވުން ލިޔުމުން ހުށަހެޅުމުން ބާސާއިން އެކަމަށް ރިއާޔަތް ކުރާނެކަމަށް ބާސާގެ ފަރާތުން އެއްބައްދަލުވުމުގައި ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓެކްސީ ޔޫނިއަންގެ ކަންބޮޑުވުން، ލިޔުމުން ހުށަހެޅި ނަމަވެސް އެއަށް އަދި މިހާތަނަށް ވެސް ބާސާއިން ޖަވާބު ނުދޭކަމަށް ވެސް ޔޫނިއަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy