އެއީ މިޔުޒިކްގެ ދާއިރާގައި މުޅި ރާއްޖެ ފަތަހަކުރި މަޝްހޫރު ފްރީޒް ބޭންޑުގެ ނިވަލުގައި އިބްރާހިމް ރަމީޒު (އިބޭ) އަށް ވެސް ލިބިފައި އޮތް މަޝްހޫރުކަމާއި މަގުބޫލުކަމުގެ ތަރި އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ ދުވަސްވަރެވެ. އެ މަޝްހޫރުކަމުގެ އެންމެ ކުރިބޯށީގައި ހުރެ އަލަތު ކައިވެންޏާ 2000 ވަނަ އަހަރު އޭނާ ކުރިމަތިލި އެވެ. "އިތުބާރާއި ހުވާ" ކޮށް އަދި އުމުރަށް އެކީ އުޅެން އުއްމީދުކޮށް ކުރި އެ ކައިވެންޏަށް ދެ އަހަރު ނުވަނީސް ރޫޅުނީ އެވެ.

"އަހަރެން މިވާ ލޯތްބާ ވަކި ނުވޭ" ގެ ނަމުގައި އިބޭގެ އަޑުން އަމުނާލި އާދޭހުގެ ލަވައިން ވެސް އެ ކައިވެނި ސަލާމަތެއް ނުކުރެވުނެވެ. އެކި ސަބަބުތަކުގެ ތެރޭގައި އެ ކައިވެނި ރޫޅުނީ އެވެ. ދެވަނަ ކައިވެންޏެއް 2002 ގައި ކުރި އެވެ. އެ ކައިވެންޏަށް މިހާރު 23 އަހަރުވީ އެވެ. އެކަމަކު، މިހާތަނަށް ދަރިއެއް ލިބުމުގެ ނަސީބު އަތަކު ނުހިފަ އެވެ.

ނަމަވެސް އެއީ އިބޭ އަށް އެހާ ފަސޭހަ ވާހަކައެއް ނޫނެވެ. މި އިންޓަވިއުގައި އަހަރެމެން އެ ސުވާލު އޭނާއާ ކުރިމަތިކުރުމުން ވެސް އެދުނީ އެ ވާހަކަ އެ ހާހިސާބަށް ބާއްވައި ދިނުމަށެވެ.

އެ ވާހަކަ މާބޮޑަށް ދެއްކުމުގެ ބޭނުމެއް ވެސް ނެތެވެ. އުފަން ދަރިޔަކު ނެތަސް އުމުރުން 52 އަހަރުގެ އިބޭއަކީ އެތައް ކުދިންނެއްގެ ދެވަނަ ބައްޕަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކުޅިވަރު އެސޯސިއޭޝަން ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ ރައީސްގެ ހައިސިއްޔަތުން އޭނާ އަށް އޮތީ ގައުމީ ބޮޑު މަސައްކަތެކެވެ. ގިނަ ކުދިންތަކެއް ބެލެހެއްޓުމުގެ ޒިންމާއާ އިބޭ ހަވާލުވެ ހުރީ އެކަމަށް ޖެހުނު ލޯތްބަކާއި ޝައުގުގެއް ބޮޑުކަމުންނެވެ.

ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ ޓްރޭނިން ސެޝަނެއްގައި އިބޭ ކޯޗުކޮށްދެނީ
ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ ޓްރޭނިން ސެޝަނެއްގައި އިބޭ ކޯޗުކޮށްދެނީ

މިޔުޒިކުގެ ސްޓޭޖުން ފައިބައި ދީނީ އަދި އިޖުތިމާއީ ކަންކަންކަމަށް އޭނާގެ ހިޔާލާއި ވިސްނުން ބަދަލުވުމުން ތަޖުވީދުގެ ހަމަތަކަށް ގުރުއާން ކިޔެވުމުގެ އިލްމު އުނގެނުމުގެ ދެ އަހަރުގެ ކޯހެއް މިސްރުގައި ފުރިހަމަކުރި އެވެ.

"އެ ކޯސް ނިންމައިފައި އައިސް ރޭޑިއޯ އެޓޯލަށް މި ވަނީ. އޭރަކު ނޯވޭ އެހާ ބޮޑަކަށް ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކެއް ވެސް ނުކުޅެދޭ މީހުން ބައިވެރި ކޮށްގެން ކުރިއަށްގެންދާ. އަޅުގަނޑު ހިތައް އެރީ އެކަމޭ އަޅުގަނޑު ކުރަނީ،" ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލޯބި ޖެހުނު ގޮތާ ގޮތުން އިބޭ ކިޔައިދިނެވެ.

"ދެން އެމްއޭޕީޑީ [މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕީޕަލް ވިތު ޑިސެބިލިޓީ] އާ ގުޅިގެން ނުކުޅެދޭ ކުދިން ޕްރޮގްރާމް ހުށަހެޅުމުގައި ވެސް ބައިވެރި ކޮށްގެން އެ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް އުފެއްދީ."

އެއީ ނުކުޅެދޭ މީހުން ޕްރޮގްރާމް ހުށަހަޅައި ދިނުމުގައި ސީދާ ބައިވެރިވެ، އެ މީހުންނަށް ހާއްސަ ޕްރޮގްރާމެއްގެ ގޮތުގައި، ރާއްޖޭގައި ގެނެސްދިން ފުރަތަމަ ޕްރޮގްރާމަށް ވެސް ވެދާނެ ކަމަށް އިބޭ ބުންޏެވެ.

އެ ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ހުށަހަޅައި ދިނުމުގައި ނުކުޅެދޭ މީހުންގެ އެކި އުމުރުފުރާތަކުގެ މީހުންނާ އެކު ގިނަ ވަގުތުތަކެއް އޭނާ ހޭދަ ކުރި އެވެ. އެ މީހުންގެ ވާހަކަތައް ފޫހިކަމެއް ނެތި ކަނުލައި އިބޭ އަޑު އެހި އެވެ. ލައްކަ ގިނަ މައުލޫމާތާއި ތަޖުރިބާތައް ނުކުޅެދޭ މީހުންގެ ކިބައިން އޭނާ އަށް ދަސްވި އެވެ.

އެ ތަޖުރިބާތަކާއި މައުލޫމާތުތަކުން އިބޭ އަށް އެނގުނީ ނުކުޅެދޭ މީހުންނަށް ކުޅިވަރުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ލިބޭނެ މާގިނަ ޖާގަތަކެއް ރާއްޖޭގައި ނެތް ކަމެވެ. އެއީ މުޖުތަމައު އަށް ކޮންމެހެން ބޭނުންވެފައި އޮތް ކަމެއްގެ ގޮތުގައި އޭނާ އަށް ފެނުނެވެ.

ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން
ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން

އެ ވިސްނުމުގެ ތެރެއިން ކުޅިވަރުގެ ދަނޑަށް ނުކުތެވެ. ނުކުޅެދޭ ކުދިން ކުޅިވަރުގެ ތެރެއަށް ނެރެ އެ ކުދިންނަށް ކޯޗު ކޮށްދޭނެ ހާއްސަ ކޯޗިން ކޯސްތައް އިބޭ ވެސް ފުރިހަމަކުރި އެވެ.

"އޭޝިއާ-ޕެސިފިކްގެ ތަޖުރިކާރުންތަކެއް އައިސް ހިންގި ކޯހެއްގައި އެންމެ ފުރަތަމަ ބައިވެރިވީ. ނުކުޅެދޭ ކުދިންނަށް ކުޅިވަރުގައި ކޯޗު ކޮށްދޭނެ ކޯޗުން ތަމްރީނު ކުރަން ހިންގި ކޯހެއް. އެގޮތުން އެންމެ ފުރަތަމަ އަމަލީ ގޮތުން އެކަމުގެ ތެރެއަށް ނުކުމެވުނީ،" ނުކުޅެދޭ ކުދިންނަށް ކުޅިވަރުގެ ތެރެއިން ފުރުސަތުތައް ހޯދައިދިނުމަށް ފެށި މަސައްކަތްތަކާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކި އެވެ.

"ސްޕެޝަލް ނީޑު ކުދިންނަށް ކޯޗު ކޮށްދޭނެ އިންޓަނޭޝަނަލް އެކި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރެވިއްޖެ. އެ ދާއިރާއިން އެންމެ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތައް ހެދި ދިވެއްސަކަށް ވާނެ އަޅުގަނޑު."

އޭނާގެ ހިތުގައި އެކަމަށް ޖެހުނު ލޯތްބާއި ޝައުގުވެރިކަމުގެ ނަތީޖާއަކީ 2019 ގައި ވުޖޫދު ކުރި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ މަސައްކަތެވެ. އިބޭއަކީ އެސޯސިއޭޝަން އުފެއްދުމުގެ މަސައްކަތުގައި އެއް ހިއްސާދާރެވެ.

ކޯޗެއްގެ ގޮތުގައި ފެށި މަސައްކަތް އެސޯސިއޭޝަނުގެ ރައީސްކަމާ ހަމައަށް އާދެވުނު ނަމަވެސް މިހާރު ވެސް އޭނާގެ ކޮންމެ ހަފުތާއެއްގެ ޝެޑިއުލްގައި ވެސް ނުކުޅެދޭ ކުދިންނަށް ކޯޗު ކޮށްދިނުމުގެ މަސައްކަތުގައި ދަނޑަށާއި ޓްރެކަށް ފައިބަ އެވެ.

އޭނާ ބުނިގޮތުގައި ރާއްޖޭގެ އާބާދީގެ ހަތް ޕަސަންޓަކީ ސިކުނޑީގެ ނުކުޅެދުންތެރިނަ ހުންނަ މީހުންކަން ތަފާސްހިސާބުންތަކުން ދައްކަ އަވެ. އޭގެ ތެރެއިން ތިން ޕަސެންޓު އޮތީ ސްޕެޝަލަ އޮލިމްޕިކް މޯލްޑިވްސްގެ ބެލުމުގެ ދަށުގައިކަން އިބޭ ކުރިން ދިން އިންޓަވިއުގައި ބުނެފައި ވެ އެވެ. އެކަމަކު އެ މަސައްކަތް މި ވަގުތަށް އޮތީ މަޑުޖެހިފަ އެވެ. ފައިސާގެ ދަތިތަކާ ހުރެ އެ އެސޯސިއޭޝަނުގެ ކޯޗުންނަށް ބަރާބަރަށް މުސާރަ ދެވޭނެ ގޮތެއް ނެތެވެ. އެހެންވެ، އާންމުންގެ އެހީ އަށް ވެސް އެސޯސިއޭޝަނުން އެދުނެވެ.

ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން
ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން

ތަމްރީނުތަކުގައި ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފީ އެއް ނުނަގަން އެ އެސޯސިއޭޝަން އުފެއްދި ދުވަހުން ފެށިގެން އޮތީ ނިންމައިފަ އެވެ. އެއީ އެސޯސިއޭޝަން އުފެއްދި ދުވަހުން ފެށިގެން ގަވާއިދުގައި ލިޔެފައި ވެސް އޮތް މާއްދާއެކެވެ.

އެ އެސޯސިއޭޝަނުގައި މަސައްކަތް ކުރާނެ ކޯޗުން ވެސް ލިބެނީ ކުޑަ ނަމަވެސް މުސާރައެއް ދީގެންނެވެ. އެކަމަކު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ އެ އެސޯސިއޭޝަނަށް އޮތް ޑިމާންޑާ އެއްވަރަށް ކޯޗުން ހަމަޖައްސައި މުސާރަ ދެވޭނެ ގޮތެއް ނެތެވެ.

އިބޭ ބުނީ އެ ސަބަބާ ވެސް އެކު އަންނަ ޖެނުއަރީގައި ދިރާސީ އަހަރު ފެށެންދެން، ކުދިންގެ ތަމްރީނުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

"އެކަމަކު މިކަންކަމުގައި އުޅޭ މީހަކަށް އެނގޭނީ މިގޮތަށް މެދުކަނޑާލީމާ އެ ކުދިންނަށް ކުރާ އަސަރު،" ކަންބޮޑުވުމާ އެކު އޭނާ ވާހަކަ ދެއްކި އެވެ.

"ޓްރޭނިން އަށް ނުދެވުނީމާ މި އަންނަ ބިހޭވިޔާ އަންނަ ބަދަލު އާދޭ. އެ ކުދިންގެ ނިދުމަށް އަސަރުކުރޭ. މިހެން ދުލުން ބުނެލީމަ ނުވެސް އެނގޭނެ ހަގީގަތުގައި މިކަން މެދުކަނޑާލި ކުދިންނަށް އަންނަ ބަދަލު."

އެކަން ހައްލު ކުރަން، ހިލޭސާބަހަށް އިޖުތިމާއީ މަސައްކަތް ކުރުމުގެ ސަގާފަތް ރާއްޖޭގައި ވެސް ދަމަހައްޓަންޖެހޭކަން އިބޭ ފާހަގަކުރި އެވެ.

އޭނާ ބުނި ގޮތުގައި އެހެން ގައުމުތަކުގައި ވެސް ސްޕެޝަލް އޮލިމްޕިކްސް އެސޯސިއޭޝަންތަކުގައި ކޯޗުން މަސައްކަތް ކުރަނީ ހިލޭސާބަހަށެވެ. އެފަދަ އެސޯސިއޭޝަންތަކުން ދަމަހައްޓާ އެންމެ ބޮޑު އަސަސަކީ ވެސް އިންސާނީ އެ ހިދުމަތް ހިލޭސާބަހަށް ކުރުމެވެ. ރާއްޖޭގެ އެސޯސިއޭޝަންގެ ތަމްރީނުތަކަށް އަންނަ ކުދިންގެ އަތުން އެއްވެސް އުޖޫރައެއް ނުނަގަނީ އެ އަސާސްތަކާ އެއްގޮތްވުމުގެ ގޮތުންނެވެ.

"އެކަމަކު ހިތާމައާ އެކު ބުނަންޖެހޭނީ އަޅުގަނޑުމެންގެ ރާއްޖޭގައި އެހާ ހިނގާ އެއްޗެއް ނޫނޭ ވޮލެންޓިއާއަކީ. އެ ހޭލުންތެރިންކަން އުފައްދަން ގައުމީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރަން ވެއްޖެ،" އިބޭ ބުންޏެވެ.

އިބޭ، އިވެންޓެއް ހުށަހަޅައި ދެނީ --- ފޮޓޯ: މަންފާ
އިބޭ، އިވެންޓެއް ހުށަހަޅައި ދެނީ --- ފޮޓޯ: މަންފާ

ނުކުޅެދޭ ކުދިންނަށް ކުޅިވަރުގެ ތެރެއިން ފުރުސަތު ހޯދައިދިނުމުގެ މަސައްކަތަށް ފަހު ދެން އޭނާގެ ޝައުގުވެރިކަން އޮތް އަނެއް މަސައްކަތަކީ ކުޑަކުދިންނާ ގުޅޭ އިވެންޓުތަކާއި ހަރަކާތްތައް ރޭވުމެވެ. އޭނާގެ ބޭބެ އަލީ ރަމީޒު އިސްވެ އުފައްދާފައިވާ އިޖުތިމާއީ އަދި ދީނީ ޖަމިއްޔާ "މަންފާ" ކުޅިވަރު އެކަޑަމީގެ ނައިބު ރައީސްގެ ޒިންމާތަކާ އެކު އިބޭ އަށް އެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މަންފާގެ މަސައްކަތްތަކުގައި ކޮންމެ ހަފުތާ ބަންދެއްގައި އޭނާ ވަގުތުތައް ހުސްކުރަނީ އެ ޖަމިއްޔާގެ އިވެންޓުތަކަށެވެ. އޭނާ އަށް އޮންނަ އެންމެ ބޮޑު އިވެންޓަކީ ވެސް ކުޑަކުދިންނާ ގުޅޭ ހަރަކާތްތަކެވެ. އޭނާ ބާއްވާ ކޮންމެ ހަރަކާތެއް ރާވަނީ ކުޑަކުދިން ބައިވެރިކޮށްގެންނެވެ.

ވީޓީވީގައި ކުރިން، ކުޑަކުދިންގެ ޕްރޮގްރާމެއް ވެސް ހުށަހެޅި އިބޭ ބުނީ ކުޑަކުދިންގެ އިވެންޓުތަކަކީ އޭނާގެ ޝައުގުވެރިކަން އޮތް މުހިންމު މަސައްކަތް ކަމަށެވެ.

"އެ ކުދިންނާ ގުޅޭ ގޮތަށް އެ ކުދިންގެ ވިސްނުމާ ގުޅޭ ވާހަކަތައް އަދި އެ ކުދިންގެ އިސްކޮޅާ ހަމައަށް ތިރިވެފައި އޯގާތެރިކަމާ އެކު ވާހަކަ ދެއްކީމާ އެ ކުދިންނަށް އިހުސާސް ކުރެވޭ ގޮތް ތަފާތު،" އޭނާ ބުންޏެވެ.

"އެ ތަފާތު ވަރަށް ކައިރިން ފެނުނީމާ އަޅުގަނޑަށް ކުރެވޭ އިހުސާސް. އެއީ ވަރަށް ހާއްސަ އުފަލެއް ލިބޭ ކަމެއް."

ކުޑަކުދިންނާއި ނުކުޅަދޭ ކުދިންނަށް އިބޭގެ ހިތުގައި އެ އޮތް ހާއްސަ ލޯތްބެއް އުފެދުނީ އޭނާގެ އުފަން ދަރިޔަކު ނެތުމުން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އުފަން ދަރިޔަކު ނެތަސް، އޭނާ އަކީ އެތައް ކުދިންނެއްގެ ބައްޕައެއް ފަދަ މީހެކެވެ. އިބޭ ހުރީ އެ މަތިވެރި ޒިންމާއާ ހަވާލުވެގެންނެވެ. އެއީ އޭނާގެ ލޯބި ގުޅިފައިވާ މަސައްކަތެވެ.