އެމެރިކާ ސަރުކާރުގެ ސީނިއާ އެޑްވައިޒާ ކުޝްނާ (ވ-3) އިރާގުގެ ބޮޑު ވަޒީރު އަބާދީއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
04 އެޕްރީލް 2017 - 11:33
ބަޣުދާދު (އެޕްރީލް 4) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ އިރާގަށް ވަޑައިގެންފި އެވެ.
ރައީސް ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ ކުޝްނާ، 36، އިރާގަށް ވަޑައިގެންނެވީ އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޖޯސެފް ޑަންފޯޑާ އެކު އެވެ. ކުޝްނާގެ ދަތުރުގައި އިރާގުގެ ހާލަތު އަމިއްލަ އަށް ވަޒަން ކުރައްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރާ ހަނގުރާމައާ ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވާނެ އެވެ.
ވައިޓްހައުސްގެ ތަރުޖަމާނަކު ވިދާޅުވީ ރައީސް ޓްރަމްޕުގެ ބަދަލުގައި ކުޝްނާ އިރާގަށް ވަޑައިގެންނެވީ އެމެރިކާގެ ތާއީދު އިރާގަށް އޮތްކަން ހާމަކޮށް ދިނުމަށް ކަމަށެވެ.
ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާއާ ކައިވެނި ބައްލަވައިގެން އުޅުއްވާ ކުޝްނާ ވަނީ، އިރާގަށް ވަޑައިގަތުމުގެ މަގުމަތީގައި، މަތިންދާ ބޯޓުގައި ނޫސްވެރިންނާ ވާހަކަ ދެއްކުމަށް ދެކޮޅު ހައްދަވައިފަ އެވެ.
އެމެރިކާ ސަރުކާރުގެ ސީނިއާ އެޑްވަައިޒާ އަދި ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ.
ކުޝްނާ އިރާގަށް ވަޑައިގެންނެވި އިރު އިރާގު ސިފައިން ދަނީ އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފުމަށް ވަރުގަދަ އަށް ހަމަލާތައް ދެމުންނެވެ.
ޑިޕްލޮމެޓިކް އަދި ސަރުކާރު ހިންގުމާއި އަސްކަރީ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރުގެ ހައިސިއްޔަތުން އެމެރިކާ ސަރުކާރުގެ ވަރަށް ގިނަ މަސައްކަތްތަކާ ކުޝްނާ ވަނީ ހަވާލުވެވަޑައިގެންފަ އެވެ. މި ހަފުތާގެ ފަހުކޮޅު ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބާއްވަވާ ބައްދަލުވުމުގައި ވެސް ކުޝްނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. ފެޑެރަލް ބިއުރޮކްރެސީ ރިފޯމް ޓާސްކް ފޯހުގެ މަސައްކަތް ވެސް މިދިޔަ ހަފުތާގައި ޓްރަމްޕް ހަވާލު ކުރައްވާފައި ވަނީ ކުޝްނާ އަށެވެ. އަދި އޭނާ އަށް ވަނީ މެދުއިރުމައްޗާއި ކެނެޑާ އަދި މެކްސިކޯއާ އެކު އޮންނަ ގުޅުމާ ބެހޭ އެމެރިކާގެ ޝެޑޯ ޑިޕްލޮމެެޓުގެ ރޯލު ވެސް ހަވާލުކޮށްފަ އެވެ. އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމްކުރުމުގެ މަސައްކަތުގެ އެންމެ އިސް ރޯލެއް އަދާކުރުމަށް ވެސް ހަމަޖައްސާފައި ވަނީ ކުޝްނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy