އިޓަލީ ގައުމީ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ. --ފޮޓޯ: އޭއެފްޕީ
17 މެއި 2016 - 11:07
ރޯމް (މޭ 17) - ޔޫރޯގައި އިޓަލީ އަށް ކޯޗުކޮށްދޭން ފެށުމުގެ ކުރިން އަދި އަންނަ ސީޒަނުގައި އިނގިރޭސި ގަދަބާރު ޗެލްސީއާ ހަވާލުވުމުގެ ކުރިން ތަޖުރިބާކާރު ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ؛ މެޗު ފިކްސިންގެ ތުހުމަތުތަކުން ސަލާމަތްވީ އެވެ.
ކޮންޓޭގެ މައްޗަށް ދައުވާކުރީ 2011 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގެ ސިއެނާ އަށް ކޯޗުކޮށްދިން އިރު އެ ޓީމާއި އަލްބިނޯލެފޭ އިން ފައިސާ ދީގެން މެޗުގެ ނަތީޖާ ހަމަޖައްސަން މަސައްކަތްކުރިކަން އެނގި ހުރެ އެކަން ރިޕޯޓްނުކުރުމުންނެވެ.
ޕްރޮސެކިއުޓަރުން ވަނީ ކޮންޓޭގެ މައްޗަށް ހަ މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއްކޮށް 8،000 ޔޫރޯ (141,627ރ.) އިން ޖޫރިމަނާކުރަން އެދިފަ އެވެ. އެކަމަކު ފަނޑިޔާރު ވަނީ ކޮންޓޭގެ މައްޗަށް ކުރީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ނިންމައިފަ އެވެ.
ކޮންޓޭ ސަލާމަތްވުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އިޓަލީ ފެޑެރޭޝަނުގެ ރައީސް ޓަވެޗިއޯ
މި މައްސަލަ ކޯޓުން އަވަހަށް ނިންމީ ވެސް ޔޫރޯގެ ކުރިން މައްސަލަ ނިންމައި ދިނުމަށް ކޮންޓޭ ކޯޓުގައި އެދުމުންނެވެ.
އިޓަލީ ގައުމީ ޓީމަށް 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު މިޑްފީލްޑަރުގެ ހުރިހާ ސަމާލުކަމެއް މި ވަގުތު ހުރީ ޔޫރޯގައި އިޓަލީ އަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމަށެވެ. އޭގެ ފަހުން އޭނާ ދެން ދާނީ އިނގިރޭސި ވިލާތަށެވެ. ކޮންޓޭ ވަނީ މިދިޔަ މަހު ޗެލްސީއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. އޭނާ ވަނީ ކުރިން ޔުވެންޓަސް އަށް ކޯޗުކޮށްދީ އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy