ކުޅިވަރު

ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީއަށް އުނދަގޫ މޮޅެއް

ޓީސީގެ ދާދު (ވ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓަރީގެ ނާވީ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޓީސީގެ ކެޕްޓަން އަލީ ނާފިއު ލީޑު ނަގައިދިނުމާ ހަމަޔަށް ޔުނައިޓެޑް ވިކްޓަރީން ވަނީ މުޅި ޓީމު ފަހަތަށް ޖެހިގެން ކަހަލަ ގޮތަކަށް ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ.

އެކަމަކު ކޯޗު އަހުމަދު އާތިފް އިސްތިއުފާ ދީފައިވާތީ އަދި އާ ކޯޗު މުހައްމަދު ނަޒީހު އަދި ރަސްމީކޮށް ޓީމާ ހަވާލުނުވާތީ އެސިސްޓަންޓް ކޯޗު އަލީ ހަސަންގެ އިރުޝާދުގެ ދަށުން ކުޅުނު ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން މެޗު ލަސްކުރިތަން ވަރަށް ބޮޑަށް ފެނުނެވެ. އެކަމާ ޓީސީގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މި މޮޅާ އެކު ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށް ޓީސީ ވަނީ ތާވަލުގެ ދެ ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ޓީސީ އަދި ތިން ވަނައިގައި އޮތް މާޒިޔާ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނިއު އަށް ކުރި ލިބެނީ ޖެހި ގޯލް ގިނަވުމުންނެވެ. މާޒިޔާގެ މައްޗަށް ޓީސީ ކުރި ހޯދީ ފައިދާ ގޯލުންނެވެ.

މިއަދުގެ މެޗުގެ ފަށައިގެން ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު އެންމެ ފުރަތަމަ ރަނގަޅު ފުރުސަތެއް ހޯދީ ނުވަ ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ސްޓެވާޓް ކޯނެލިއަސް ނެގި ހުރަހަކަށް އިބްރާހިމް މަހުދީ (އިއްބެ) ހުހަށް ހުރި ނަމަވެސް އެ ބޯޅަ އޭނާގެ ބޮލުގައި ލައްވާނުލި އެވެ. އެ ބޯޅަ އަލުން ހޯދައި ޓީސީން ހޯދި ފުރުސަތުގައި ނާފިއު ފޮނުވާލި ޝޮޓް ޔުނައިޓެޑް ވިކްޓަރީ ގޯލްކީޕަރު އާމިރޯފް ރުސްލާން މަތަކުރި އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 29 ވަނަ މިނެޓުގަ އެވެ. ޔުނައިޓެޑް ވިކްޓަރީން ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ ޓީސީގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގައި، އެ ޓީމުގެ ޒިވްކޮވިޗް ޓިހޯމިރް ބޯޅަ ހޯދި އޭނާ ޖެހުމުގެ ކުރިން ޓީސީގެ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ހިފި އެވެ.

ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ޓީސީގެ ސްޓެވާޓް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބާރު ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މަތަކުރި އެވެ.

ޓީސީގެ ނަސީބު ބަދަލުވީ ދެ ވަނަ ހާފުގައި، 66 ވަނަ މިނެޓުގައި ސްޓެވާޓް ނެގި ހުރަހަކާ އެކު އެވެ. އެ ބޯޅަ ޓީސީގެ އިއްބެ ޖަހަޖަހާ އޮއްވާ ކީޕަރު ޕަންޗުކޮށް ފޮނުވާލުމުން ލިބުނީ ނާފިއު އަށެވެ. އޭނާ އެ ބޯޅަ މެއިން ކޮންޓްރޯލްކުރުމަށް ގޯލުގެ ތިރީ ކަނަށް ވައްދާލި އެވެ.

އޭގެ ދެ މިނެޓު ފަހުން ޔުނައިޓެޑް ވިކްޓަރީން އެއްވަރުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ނެގި ހުރަސް ގޯލްކުރިމަތީ އެކަނިމާއެކަނި ހުރި ޒިވްކޮވިޗަށް ފޮނުވައެއް ނުލެވުނެވެ. ޓީސީން އޭގެ ފަހުން ފޮނުވާލި ދެ ހަމަލާ ވެސް ޔުނައިޓެޑް ވިކްޓަރީ ކީޕަރު މަތަކުރި އެވެ. އެގޮތުން 71 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އިއްބެ އެކަނިމާއެކަނި ހުރެ ޖެހި ޝޮޓް މަތަކުރިއިރު އޭގެ މިނެޓެއް ފަހުން ޔުނައިޓެޑް ވިކްޓަރީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ސްޓެވާޓް ފޮނުވާލި ބޯޅަ ވެސް މަތަކުރި އެވެ. ކިރްގިސްތާން ގައުމީ ޓީމަށް ކުޅޭ ކީޕަރު ރުސްލާން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ޝަފްލޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. ޓީސީ އަށް މެޗުގެ ފަހުކޮޅު ތަފާތު ބޮޑުކުރަން ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު 88 ވަނަ މިނެޓުގައި ނާފިއު ޖެހި ޕެނަލްޓީ ޖެހުނީ ހުރަސް ދަނޑީގަ އެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ އިއްބެ އަށް ޔުނައިޓެޑް ވިކްޓަރީ ޑިފެންޑަރަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން 89 ވަނަ މިނެޓުގައި އިއްބެ އަރިމަތިން ކުރި ހުރަހަށް ނާފިއު އެރި ނަމަވެސް އެ ބޯޅަ ވެސް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ޔުނައިޓެޑް ވިކްޓަރީން އިތުރު ވަގުތުގެ ތެރޭގައި ނުރައްކާކުރި އެވެ. އޭރިއާ ތެރެއިން ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު މުހައްމަދު (އައްމަޑޭ) އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

ޓީސީގެ ދެ ވަނަ ލަނޑު ޖެހީ އަލީ ބަދަލު ކުޅުންތެރިޔާ އަލީ ނަސޫހު ރަޝީދެވެ. ޓީސީން އުފެއްދި ކައުންޓާ އެޓޭކެއްގައި، އޭރިއާގެ ކަނާތް ފަޅިން ޒުވާން ފޯވާޑް ނަސޫހަށް ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން ކުރިއަށް ޖެހި އޭނާ ވަނީ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޔުނައިޓެޑް ވިކްޓަރީގެ 10 ކުޅުންތެރިން ފަހަތަށް ޖެހިގެން ކުޅުމުން، އޭނާގެ ޓީމަށް ކުޅެން ވަރަށް އުނދަގޫވި ކަމަށާއި ހުރިހާ ޓީމަކުން ވެސް ޓީސީއާ ދެކޮޅަށް ކުޅޭއިރު އަބަދުވެސް އިތުރު ހިތްވަރެއްލާ ކަމަށެވެ.

"ޓީސީގެ ކުޅުންތެރިން މަސައްކަތްކުރާނެކަން 100 ޕަސެންޓް ޔަގީން. ޓީސީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީއްސުރެ ޓީސީއާ ދެކޮޅަށް އެހެން ޓީމުތަކުން އިތުރު މަސައްކަތެއް ކުރޭ. ހާއްސަކޮށް އެންމެ ފަހުން ބޭރުގެ މުބާރާތުގެ ތަށި ހޯދި ފަހުން ޓީސީއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެއްޖެ. ދަނޑު ބޭރުން ވެސް ޓީސީއާ ދިމާލަށް ހަޅޭއްލަވާ ގްރޫޕްތައް ވެސް އުޅޭ. މީގެން އެނގެނީ ފުޓްބޯޅައިގެ ފޯރިގަދަވާކަން އަދި ޓީސީއަކީ ވެސް ޓީމެއްކަމަށް އެހެން މީހުން ވެސް ދެކޭކަން،" ނިޒާމްބެ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ އެސިސްޓަންޓް ކޯޗު އަލީ ހަސަން ބުނީ އުއްމީދުކުރީ އެއް ޕޮއިންޓް ހޯދަން ކަމަށާއި އެކަމަކު ބަލިވި ނަމަވެސް ކުޅުންތެރިން ކުރި މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

"މިއީ ހަމަ އާތީ ކޯޗު (ކުރީގެ ކޯޗު) ގެ މަސައްކަތް. އަޅުގަނޑު މިތާ މިއަދު ހުއްޓަސް މިއީ އާތީ ކޯޗުގެ ޕްލޭނާއި ޓެކްޓިކްސް،" އޭނާ ބުންޏެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

08 April 2017

މިޔަދު ކުޅޭ ޓީމު ތަކަކީ ކޮބާ؟ ހޮނިހިރުދުވަހު ހަވީރު

The name is already taken The name is available. Register?

ށިރު

07 April 2017

މީ މިޤައުމުގެ ޙާލަތު. މިޤައުމުޤެ އެންމެ ބޮޑު ލީގު އަދި އެތައް ސްޕަންސަރުންނެއް ހޭދަކުރާ ލީގު މެޗް ޓީވީއެމް އިން ދައްކާނެކަމަށް ހީކުރީ. ނަމަވެސް ޕީއެސްއެމްގެ ޔެސް ޓީވީއެމް އިން ދެއްކީ ކުލަބު މޯލްޑިވްސްގެ މެޗް. މީ ދިވެހި ސަރަކާރުން މި ފުޓްބޯޅަ ލީގަށްދޭ ސަމާލުކަން. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެޤައުމެއްގެ ޤައުމީ ލީޤުގެ މެޗްތައް ކުޅޭއިރު، އެޤައުމުގެ ޤައުމީ ޓީވީގެ ކުޅިވަރު ޗެނަލްތަކުން އެ މެޗް ނުދައްކާ އެހެން މެޗް ދައްކާކަމެއް ނޭނގޭ. މި ގޮތަށް ލީގަށް އަހުމިއްޔަތުކަށް ނުދޭ ޤައުމެއްގައި ކޮން ފުޓްބޯޅައެއް ތޯ ކުރިއަރާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454