ޚަބަރު / ރައްޔިތުންގެ މަޖިލިސް

ގަވައިދަށް ބަދަލު ގެނެސް މަސީހާއި މޫސަ ސަލާމަތްކޮށްފި

މަޖިލިހުގެ ރައީސް މަސީހް އަދި ނައިބު ރައީސް މޫސަ

10 އެޕްރީލް 2017 - 11:01

53 comments
10 އެޕްރީލް 13:44

މަޖިލިހުގެ ގަވައިދަށް ގެނައި މި އިސްލާހު ފާސްވުމާއެކު، މަޖިލިހުގެ ރިޔާސަތުން މަސީހް ވިދާޅުވީ އެއަށް މިހާރު އަމަލު ކުރަން ފަށާފައިވާ ކަމަށް. އެހެންވެ ފާސްކުރި އިސްލާހުގެ ދަށުން "ސައްހަ އެއްވެސް މައްސަލައެއް" މަޖިލިހުގައި ނެތް ކަމަށް މަސީހް އިއުލާން ކުރެއްވި. އޭގެ މާނަ އަކީ މަސީހް އާއި މޫސަ މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ މި ހިސާބުން މަޖިލިހުގެ ތަޅުމުން ބޭރުވުން.

10 އެޕްރީލް 13:41

މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިއެއް ނުވޭ.

10 އެޕްރީލް 13:39

މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް 46 ވޯޓުން ފާސްކޮށްފި.

10 އެޕްރީލް 13:35

މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ގަވައިދަށް އިސްލާހު ގެނައުމުގެ ވޯޓަށް މަޖިލިހުން ތައްޔާރުވެއްޖެ.

10 އެޕްރީލް 12:09

ގަވައިދަށް ގެންނަން ހުށަހެޅުއްވި މައްސަލައިގެ ބަހުސް މަރުހަލާ ނިންމާލައިފި. ވޯޓަށް އެހުން އޮންނާނީ މެންދުރު 1:30 ގައި.

10 އެޕްރީލް 12:09

މާރިޔާ: އަޅުގަނޑުމެން މި އިސްލާހަށް ތާއީދެއް ނުކުރަން. މަޖިލިހުގެ މަސައްކަތް ކުރިއަށް ދާނެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތަސް. ގާސިމް މިތަނަށް ހާޒިރު ނުކުރައްވައި ތިޔަ ގެންދަވަނީ މަނިކުފާނު ތިޔަ ގޮނޑީގައި އިންނަވަން.

10 އެޕްރީލް 12:07

އަބްދުއްރަހީމް އަބްދުﷲ: ޑިމޮކްރެސީ އަކީ އެކި ދުވަހު އެކި ގޮތަށް ބަަދަލުވާ އެއްޗެއްތޯ؟ ވެގެން މިއުޅެނީ ވެރިކަން ނޫން އެއްވެސް ކަމެއް ބޭނުން ނުވެގެން އުޅޭ މީހުންނަށް ކެތް ނުވެގެން. ވިދާޅުވާހާ ގޮތަކަށް ރައީސް ޔާމީން ކަންކަން ނުކުރައްވާތީ އޭގެ އުދާހެއް މިއުޅެނީ. ކިތަންމެ އަސަރެއް ކުރިޔަސް ރައީސް ޔާމީނަށް ތާއީދު ނެތޭ ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލު ކުރަނީ ކޮން ބައެއްތޯ؟ އެންމެ ފަހުން މަޖިލިހުގައި ނެގި ވޯޓުގައި 48 މެމްބަރުން ވިދާޅުވީ މަސީހަށް އިތުބާރު އެބައޮތޭ. މިކުރާ ކަމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ތިމާ އަށް ނޭނގޭ ކަންކަން އެނގޭ ކަމަށް ހަދައިގެން ވާހަކަ ދެއްކުން. ތަރައްގީ ހުއްޓުވަން މިތަނުގައި ޖަހަން އުޅޭ ސަކަރާތް ޖެހުމަށް ފުރުސަތު ނުދޭނަން. މި ތިބީ ރައްޔިތުންނަށްޓަކައި ތަރައްގީ އަށް ފުރުސަތު ދޭން. މިއަދު ކިތަންމެ ވަރަކަށް ތަރައްގީ ނާދެއޭ ބުންޏަސް އެކަން ގަބޫލުކުރާނެ މީހަކު ނެތެއް ނޫންތޯ؟ ގާސިމް ހައްޔަރުކުރީ މި ސަރުކާރުން އެކަނިތޯ؟ އޮގަސްްޓް 12، 13 ގައި ގާސިމް ހައްޔަރުކުރީ ކޮން ބައެއްތޯ؟ މިއީ ރައްޔިތުން ދަންނަ ކަންކަން. މި ގައުމުގެ ތަރައްގީ އާއި ލާބަ އާއި މަންފާ އަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން. ދިވެހި މާހައުލަށް، އިސްލާމްދީނާ ފުށުއަރާ ގޮތަށް ކަންކަން ނިންމާނީ ދިވެހިން. މިއީ އަޅުގަނޑުމެންގެ ކެމްޕެއިންގައި ދެއްކި ވާހަކަ. އަޅުގަނޑުމެންގެ އެންމެ އާދައިގެ މީހާ ހައްޔަރުކޮށްފައި، ބޮޑެތި ފައިސާ ހުރި މީހާ އެފަދަ ކަމެއް ކުރީމާ އެ މީހާ ވެސް މި ސަރުކާރުން ހައްޔަރު ކުރާނެ. މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް މަގުމަތީގައި ހަމަޖެހިގެން ހިނގޭނެ މާހައުލެއް ގާއިމް ކޮށްދިނުން. މިފަދަ އެތައް އިސްލާހެއް މަޖިލިހުގެ ގަވައިދަށް ގެންނަންޖެހޭ. މިއީ ފެށުން. މީގެ ކުރިން ވެސް މެމްބަރުން ހައްޔަރުކުރި. ގާސިމް ހައްޔަރުކޮށްގެން މިހާރު މިވަރަކުން މިއުޅެނީ ސިޔާސީ މަގުސަދެއްގައި.

10 އެޕްރީލް 11:47

އަލީ އާޒިމް: ލަދެއް، ހަޔާތެއްގެ އެއްވެސް ކަންފުޅެއް ނެތީތޯ؟ މިއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހެއް. ތިޔަ މަގާމުގެ އިއްޒަތް، ލަގަބު، ހަށިފާރަވެރިން މުހިންމިއްޔާ މަސީހް ހަމަ ތި ގޮތަށް ކަންތައް ކުރަން. އަޅުގަނޑުމެން ކަންބޮޑުވަނީ މި ގައުމުގެ ވެރިން ރައްޔިތުންނަށް އަނިޔާކުރާތީ. އެއްގޮތަކަށް ވެސް މިއުޅެނީ ތަރައްގީއާ ހެދި ކަންބޮޑުވެގެން ނޫން. ތަރައްގީގެ ބޮޑު ބައެއް ދަނީ ވެރިންގެ ޖީބަށް. ރައްޔިތުންގެ ކަންކަން އެންމެ ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މުހިންމީ ހަމަ ތިޔަ ވަޒީފާތޯ؟ ނިކަން ބައްލަވާ ރައްޔިތުން އުޅޭ ހާލު؟ މީހުންނަށް ދަރާފައިވާ މީހުން ގިނައީ މި ގައުމުގައި. ހަތަރު ގަޑީގައި ރަނގަޅަށް ކާން ނުލިބޭ މީހުން ގިނައީ؟ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނުއަސާސީގައި ލިޔެލަން އަޅުގަނޑަށް ފެނޭ. ރައްޔިތުންގެ ތާއީދު ނެތްކަން އެނގޭތީ މިއުޅެނީ ލޯކަލް އިންތިޚާބު ބާއްވަން ނުކެރިގެން. ތިޔަ ގޮނޑީގައި ބަހައްޓާފައި އިން ތަން ފެންނަނީ ޕަޕެޓެއް. ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ މަޖިލިހުގެ ރައީސެއް ނޫން. އެއީ ސަރުކާރުން މިތާނގައި ބަހައްޓާފައި ހުންނަ މީހެއް.

10 އެޕްރީލް 11:41

އަލީ އާރިފް: އަޅުގަނޑުމެން އާ ކަމެއް ނުކުރަން. އެ ބޭފުޅުން ލާންވީ ނޫންތޯ 42 ސޮއި ހޯދާފައި. ރައްޔިތުންނަށް ތަރައްގީގެ އެތައް ޕްރޮގްރާމެއް ހުއްޓުވަން މިއުޅެނީ. އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވާ ކަންތައްތައް މިކުރަނީ. ކުޑަ އަދަދެއް ޖަހާފައި އޮތީމާ ދުވާލަކު އެއްޗެއް ލާތީ ތަރައްގީ ހުއްޓުވާތީ މިއުޅެނީ. އަޅުގަނޑުމެން އައީ ސަރުކާރު ދިފާއު ކުރަން. ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދޭން އައީ. ޕާޓީ ވެގެނެއް ނޫން އަޅުގަނޑުމެންނަށް ވޯޓު ދިނީ. ސަރުކާރަށް ނިސްބަތްވާ ބަޔަކަށް ވާތީ ބޮޑު ސިންގާ މެޖޯރިޓީއެއް ރައްުޔިތުން އަޅުގަނޑުމެންނަށް ދިނީ. ވެރިކަން ބޭނުމިއްޔާ މި ފަސް އަހަރު ނިންމަން ޖާގަ ދެއްވާ.

10 އެޕްރީލް 11:38

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ބައެއް މެންބަރުން މަޖިލީހުގެ ގޯތި ތެރޭގައި. ފޮޓޯ: ނިޝާން އަލީ/މިހާރު

10 އެޕްރީލް 11:36

އަބްދުﷲ ރިޔާޒް: މަޖިލިހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، ގަވައިދު ބަދަލުކުރުމަކީ ޑިމޮކްރެސީއެއްގައި ކުރާނެ ކަމެއް ނޫން. މިއަދު ވެސް ސަރުކާރާ ދެކޮޅު މަޖިލިހުން އެ ތިއްބެވީ ޖަލުގައި. ކިތަންމެ ވަރެއް އެރިޔަސް، އަޅުގަނޑުމެން މި މަސައްކަތް ކުރާނަން. މި ގައުމު އަލުން ޑިމޮކްރެސީ އަށް ގެންދާނަން.

10 އެޕްރީލް 11:34

އަލީ ނިޒާރު: މަޖިލިހުގެ ގަވައިދުގެ މުޅި ނިޒާމު ކިލަނބު ކުރާ ތަން މި ފެންނަނީ. ގާނޫނުއަސާސީ އާއި ގަވައިދުތަކާއި ގާނޫނުތައް ހިމާޔަތް ކުރަން އުޅޭއިރު ފެންނަނީ ސިކުނޑި ހަމަނުޖެހޭ މޮޔައިން ކަންކަން ކުރާ އުސޫލުން ކަންކުރާ ތަން. އުިއްތިފާގެއްތޯ ހުރިހާ ސިޔާސީ ލީޑަރު ޖަލުގައި ތިބުމަކީ؟ 50 މިލިއަނަށް ކުރެވޭކަން 150 މިލިއަނަށް ކުރާއިރު ޖަވާބުދާރީ ކުރެވޭތޯ؟ ޕީޕީއެމްގެ ސިޔާސީ ފިކުރެއްގައި އައި އިރު ރައްޔިތުން އުންމީދެއް ކުރި. އެކަމަކު މިއަދު ފެންނަނީ ތިޔަބޭފުޅުން އެހެން ވިސްނުމެއްގައި، ހުދުމުހުތާރު ގައުމަކަށް މުޅި ގައުމު ބަދަލުކޮށްލާތަން. ގަވައިދު ބަދަލުކުރަނީ ރައީސް މީހާ އަށް ބާރު ދިނުމަށްޓަކައި. ރައީސް ޔާމީނަށް ތިޔަބޭފުޅުން އިތުރަށް ބާރު ތިޔަ ދެނީ، އިތުރަށް ހުދުމުހުތާރު ކުރުވަނީ. ތީ ރައީސް ޔާމީނަށްޓަކައި ބަސް ބުނާ ބޭފުޅުން. ގާނޫނުއަސާސީގެ އެއްވެސް ބާރެއް ނެތް ތަން މި ފެންނަނީ.

10 އެޕްރީލް 11:29

އިބްރާހިމް ދީދީ: ގަވައިދު ހުއްދަ ދޭ ގޮތަށް ގަވައިދު އިސްލާހު ކޮށްގެން ކުރިއަށް ގެންދެވޭނެތީ މިއަށް ތާއީދުކުރަން. މަޖިލިހުގެ ރައިސާއި ނައިބު ރައީސްގެ މަގާމަށް ފޭރިގަންނަން އުޅެނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭ. މިއަދު މި ތަންތަނަށް ފާޑުކިޔައި ކޮރަޕްޝަނޭ ކިޔާތީ ހިތާމަކުރަން. ވެރިކަމަށް ދަހިވެތިވެ އެތައް ދުވަހެއް ވަންދެން ވެރިކަމަށް ބަގުޑި ބައްދައިގެން ތިބި ބައެއް މިކަމާ މިއުޅެނީ.

10 އެޕްރީލް 11:26

މޫސާ މަނިކު: ޑިމޮކްރެސީ އެއް ނުގެނޭވެ މި ގައުމުގައި އަނިޔާވެރިކަމުގައި ތިބި ބަޔަކަށް. ޑިމޮކްރެސީއެއް ނުގެނެވޭނެ ރައީސް މައުމޫނާ އެކު. ޑިމޮކްރެސީއެއް ނުގެނެވޭނެ އަބްދުﷲ ރިޔާޒްއާ އެކު

10 އެޕްރީލް 11:23

އަނާރާ ނައީމް: އެއްވެސް ހާލެއްގައި މިއަދުގެ މި މައްސަލަ އަށް ތާއީދު ކުރެވޭކަށް ނެތް. އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅުގައި މިފަދަ އިސްލާހެއް ގަވައިދަށް ގެނައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. މިފަދަ އިސްލާހުތައް ހުށަހެޅުމުން މިއީ މި ދަނޑިވަޅާ ގުޅޭ ކަމެއްތޯ ބަލަންޖެހޭ. މަޖިލިހުގެ ގަވައިދަށް އިސްލާހު ގެނެސްގެން މެމްބަރުންގެ އަމިއްލަ ހައްގުތައް ވެސް ގެއްލިފައިވޭ. މިއީ އެފަދަ އިސްލާހެއް.

10 އެޕްރީލް 11:21

މަސީހް: ގާސިމް ހައްޔަރުކުރުމާ ގުޅޭ ގޮތުން ހައްޔަރުކުރި ފަރާތުން މަޖިލިހުގެ ގަވައިދުގައިވާ ގޮތަށް އަމަލު ކޮށްފައިވާ ވާހަކަ ދަންނަވަން. އަދި ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރިޔާސަތުން އަމަލުކޮށްފައިވާ ކަމަށް ދަންނަވާލަން.

10 އެޕްރީލް 11:19

ހުސެއިން މުހައްމަދު: މަނިކުފާނަށް ސާބަސް. ގާސިމް ވަނީ ސައްހަ ނޫން ކޯޓު އަމުރެއްގެ ދަށުން ދޫނިދު އަށް ގެންގޮސްފައި. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން 15 މިނިޓް ތެރޭގައި މަޖިލިހުގެ ރައީސަށް ނުވަތަ އަމީން އާންމަށް އަންގަން ވާނެ. އަދި މިގޮތަށް އެންގުމާ އެކު 24 ގަޑިއިރުގެ ތެރޭގައި އިމްތިޔާޒް ކޮމެޓީ އަށް އަންގަން ޖެހޭނެ ގަވައިދުގައިވާ ގޮތުން. މަނިކުފާނަށް މިކަން އެންގެވިތޯ. އަދި އިމްތިޔާޒް ކޮމެޓީ އަށް އަންގާފައެއް ނެތް.

10 އެޕްރީލް 11:17

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ބޭނުންވާ ސޮއިގެ އަދަދު އިތުރުކުރުމަށް ވޯޓު ނެގުމުގެ ޖަލްސާ. ފޮޓޯ: މެމްބަރު އަހުމަދު ނިހާން

10 އެޕްރީލް 11:17

އަލީ ހުސެއިން: އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިއްޒަތްތެރި ރައީސަށް ތިޔަ ގޮނޑިކޮޅުގައި ހުންނެވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް. ތިޔަ ގޮނޑިކޮޅު ދިފާއު ކުރަން ތިޔަ މަސައްކަތް ކުރައްވަނީ އެ ނޫން ގޮތެއް ނެތިގެންތޯއޭ؟ ތާކުންތާކު ނުޖެހޭ އިންސާނީ ބުއްދި ގަބޫލުނުކުރެވޭ ކަންތައް ކުރިޔަސް މީ ތަންފުކެއް ބޮޑުވަރު. ސާޅީސް ދެ މެމްބަރުންގެ ސޮޔާއެކު މިތަނަށް ހުށަހެޅިއްޖިއްޔާ މަނިކުފާނު އޮޓަމެޓިކުން ވަކިވާނެ. މަޖިލިހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކަށް ހެދުމުން ހުރިހާ ކަމެއް ނިމުނީ. ތިޔަބޭފުޅުން ނުކުރެވިގެން އުޅެނީ ކޮން ކަމެއްކަން އަޅުގަނޑުމެންނަށް އެނގޭ. ތިޔަބޭފުޅުންނަށް ވެސް ޔަގީންވެއްޖެ މި ގައުމު ބަދަލުވެއްޖެ ކަން. މެޖޯރިޓީ ވެސް ބަދަލުވެއްޖެ ކަން އެނގިގެން ތިޔަ އުޅެނީ. އެންމެ ފަހަރަކު ވެސް ފުރުސަތު ދީފިއްޔާ މިކަން ނިންމާލާނަން.

10 އެޕްރީލް 11:14

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ބޭނުންވާ ސޮއިގެ އަދަދު އިތުރުކުރުމަށް ވޯޓު ނެގުމުގެ ޖަލްސާ. ފޮޓޯ: މެމްބަރު އަހުމަދު ނިހާން

10 އެޕްރީލް 11:14

ރޮޒެއިނާ: ތާއީދު ނެތަސް ގަދަކަމުން ތިޔަ ގޮނޑީގައި އިންނަވަން ތިޔަ ކުރައްވާ މަސައްކަތާ މެދު ހައިރާންވެ އަންތަރީސް ވަން. ސާޅީސް ދެ މެމްބަރުން ސޮއިރަން ޖެހޭ އެއްވެސް ހަމައެއް ނެތް. ރައްޔިތުންގެ ތާއީދު ނެތި ތިހެން ތިއްބެވޭނެ ކަމަކަށް ނުދެކެން. މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަން ކުރެވެން ޖެހޭ ކަމެއް ނޫން. ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ސިމްޕަލް މެޖޯރިޓީން ވިން ކުރެވޭނެ ވޯޓެއްގައި 42 ސޮއި ހޯދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.

10 އެޕްރީލް 11:13

މަޖިލީހުގައި މިހާރު ކުރިއަށް ދާ ޖަލްސާގައި ބައިވެރިވާ ބައެއް މެންބަރުން. --ފޮޓޯ ނިހާން

10 އެޕްރީލް 11:10

ނިހާން: ރައްޔިތުންނަށްޓަކައި ނިންމަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. މި މަސައްކަތަށް އެކަށީގެންވާ ވަގުތު ލިބޭނީ މަޖިލިސް ކުރިއަށް ގެންދެވޭ ގޮތް ހަދައިގެން. އަޅުގަނޑުމެން މި މައްސަލަ ހުށަހެޅީ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތަކެއް ހުރުމުން. މި މަސައްކަތް ކުރުމަށްޓަކައި ގަވައިދަށް އިސްލާހު ގެނައުމަކީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެއް. މިއީ ފެއްސާއި ރަތާއި ހުދުގެ އިސްލާހެއް. މި މައްސަލަ މަޖިލިހުގައި އަވަސްކޮށް ގެންގުޅޭ އުސޫލުގެ ތެރެއިން ނިންމަން ހުށަހަޅަން.

10 އެޕްރީލް 11:07

މާރިޔާ: ގާސިމް އެ އިންނެވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ވާއިރު، ގާސިމް މިތަނަށް އޭނާ ހާޒިރު ކުރައްވަން ޖެހޭނެ. އެއީ މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތް. ތަހުގީގަށް ހައްޔަރުކޮށްފައިވާ މެމްބަރުން މީގެ ކުރިން ވެސް މަޖިލިހަށް ހާޒިރުކުރި. މިކަމުގައި ތަފާތު ގެންގުޅެގެން ނުވާނެ.

10 އެޕްރީލް 11:06

ގަވައިދަށް ގެންނަ އިސްލާހަށް ބަހުސް ކުރަން ދިނީ އެއް ގަޑިއިރު.

10 އެޕްރީލް 11:05

ގާސިމް މަޖިލިހަށް ހާޒިރުނުކުރާ މައްސަލައިގައި ކުއްލި މައްސަލައެއް މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި. އެކަމަކު އެ މައްސަލަ މަޖިލިހުގެ ރިޔާސަތުން ބަލައެއް ނުގަތް.

10 އެޕްރީލް 11:04

މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް މިއަދުގެ ޖަލްސާ އަށް ހާޒިރު ނުކުރާނެ ކަމަށް ފުލުހުން ދެންމެ ބުނެފި. އެކަމަކު އޭގެ ސަބަބެއް ނުބުނޭ.

10 އެޕްރީލް 11:03

އާންމު ކޮމެޓީގެ ރިޕޯޓް އެ ކޮމެޓީގެ މުގައްރިރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހަޅުއްވައިފި.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައިން އެ ދެ ބޭފުޅުން ސަލާމަތް ކުރުމަށްޓަކައި މަޖިލިހުގެ ގަވައިދަށް ކުއްލި ގޮތަކަށް އިއްޔެ ގެނައި އިސްލާހަށް ވޯޓަށް އެހުމުގެ ޖަލްސާ ފަށައިފި އެވެ.

އާންމު ކޮމެޓީން ފާސްކޮށްފައިވާ އިސްލާހުގައިވާ ގޮތުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ. ގަވައިދުގައި މިހާރު އޮތް ގޮތުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ވަކިކުރުމަށް ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާ އެކު އެވެ.

މަޖިލިހުގެ ގަވައިދަށް އިސްލާހު ގެންނަން ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މެމްބަރުން ހުށަހެޅިއިރު، މަޖިލިހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވަނީ ދެވަނަ ފަހަރަށް މަޖިލިހަށް އިއްޔެ ވައްދައިފަ އެވެ.

މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މިއަދުގެ ޖަލްސާ އިން ފާސްވެއްޖެ ނަމަ، މަސީހް އާއި މޫސަގެ މައްސަލަ އޮޓަމެޓިކުން މަޖިލިހުން ބޭރުވާނެ އެވެ. ސަބަބަކީ އާންމު ކޮމެޓީން އެ އިސްލާހު ފާސްކޮށްފައި ވަނީ މިހާރު މަޖިލިހަށް ހުށަހަޅާފައިވާ އެ ދެ މައްސަލަ އަަށް ވެސް އެޕްލައި ކުރެވޭ ގޮތަށް ކަމަށް ވާތީ އެވެ.

މި އިސްލާހާ ގުޅޭ ގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނީ 42 މެމްބަރެއްގެ ސޮއި ހޯދާކަށް ނުޖެހޭނެ ކަމަށާއި ގަވާއިދަށް ގެންނަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ.

53 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 2%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާ

10 April 2017

މޫސާ މަނިކު: ޑިމޮކްރެސީ އެއް ނުގެނޭވެ މި ގައުމުގައި އަނިޔާވެރިކަމުގައި ތިބި ބަޔަކަށް. ޑިމޮކްރެސީއެއް ނުގެނެވޭނެ ރައީސް މައުމޫނާ އެކު. ޑިމޮކްރެސީއެއް ނުގެނެވޭނެ އަބްދުﷲ ރިޔާޒްއާ އެކު ޢަޅެ ރައީސްމީހާދެކެ ގަންނާ ކުރައްވާ ބިރުން މައުމޫނަށް ރައީސްމައުމޫނޭވެސް މީނަ ކިޔަން ފެށީތަ. ހަމަހިނިއަންނަނީ....

The name is already taken The name is available. Register?

ހަމަ

10 April 2017

މިއީ ސަލާމތްވުންބާ ނޫނީ ފެތުންބާ

The name is already taken The name is available. Register?

ހަސަދު

10 April 2017

ދިވެހި ގައުމާ މެދު ހިތާމަ ކުރަން. ދުވަހަކުވެސް ހިތަކަށް ނާދޭ މިފެންވަރަށް ގައުމު ވެއްޓިދާނެ ކަމަކަށް.

The name is already taken The name is available. Register?

ކޮއްމެގޮތެއް ވަރިހަމަ

10 April 2017

46ވޯޓަކީ މަދުއެއްޗެއްނޫން ދެން އިދިކޮޅުމީހުން ހިއްވަރެއް ހުރިއްޔާ 47ހަމަކޮއްލާ ފަ ނިކަން މަސީހު ބޭރުކޮއްލަން މަޖިލީހައް ނިކަން ވައްދަބަލަ އަހަރެމެން ބުނާ ނަން އިދިކޮޅު ފަރާތްތަކައް އައްސެރިބަހާ ސާބަހޭ ޕީޕީމީހުން މަޖިލީހުގަ އެދެއްކި ކުލަވަރުގަ ހިޔެއްނުވޭ އިދިކޮޅު މީހުނައް މަސީހު ބޭރުކުރެވި ދާނެހެން ގިރާވަރު މީހުން ބުނާހެން ދެންޖަހާބަލަ ދެންޖަހާބަލަ އައް މިކަންމިޔޮތީ ވެނިމިފަ ކަންނޭން ގެއެވެ

The name is already taken The name is available. Register?

ބޭމިސާލު

10 April 2017

ކަލޯ ގްރޭޑް 1 ގައި ހިސާބުން ފާސްވިތަ؟ 85 މެންބަރުން ތިބި މަޖުލީހުން 46 ބައިތިއްބާފައި 47 ހޯދަނީ ކިހިނަކުންތަ؟

The name is already taken The name is available. Register?

ބޮޑު ސުވާލު

10 April 2017

މިދަނޑިވަޅުގައި މުއައްސަސާއެއްގެ ތެރެއިން މިނާއިންސާފު ހުއްޓުވޭ ފަދަ މީހަކު އެކަމައިގެން ނިކުމެފި ނަމަ އެމީހާ ވާނީ އަންނަން އޮތް ޖީލުތަކަށް ދާންދެން ބަތަލަކަށް. ހީރޯއަކަށް. އެފަދަ މީހަކު އެބަ ހުރިބާ؟ އެފަދަ އެންމެ ދަރިއެއްވެސް މިގައުމުގައި ނުވޭބާ؟ މައިންބަފައިންނަށް މިކުރެވުނީ ކީއްބާ؟ މިއީ ހައްތާވެސް ވިސްނާލުން ރަގަޅު ސުވާލު.

The name is already taken The name is available. Register?

ސަލާމް

10 April 2017

އަބްދުއްރަހީމަށް ސަލާމާއެކު ބުނެލަން އޮތީ ހޫނުފެން އަޅާނަމޭ ބުނި މީހާ ހައްޔަރު ނުކޮށް ތިޔައުޅެނީ ކިހާ ފައިސާއެއް ހުރި މީހަކަށް ވާތީތޯ ނުވަަތަ އާދައިގެ ކިޔަމެއްޗަކަށް ވާތީތޯއެވެ.

The name is already taken The name is available. Register?

ދީދިބެ

10 April 2017

ތަރައްގީގެ މަޝްރޫއުތައް ހިންގަވަނީ މަޖިލިސްގެ ރައީސްތޯ؟ މިހާރު އޮޅިއްޖެ. އެއްވެސް ލީޑަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާކަށް ގޮވާނުލައްވާ. ހިތައްއެރީމާ ހިތަށް އެރިހާ ގޮތަކަށް މިއަދު ކަންތައް ކުރެވިދާނެ. މާދަމާ ޖެހޭނެ ޖަވާބު ދާރީވާން. ގާނޫނާ ޚިލާފަށް މީހުން ހިފާ ހައްޔަރުކުރާތީ އެވާހަކަ ދައްކާނީ. ކޮރަޕްޝަން ހުއްޓާލުމަށް ގޮވާލަނީ.

The name is already taken The name is available. Register?

އާބުރުޒު

10 April 2017

ތިކަހަލަ ތަނަކުން ތިގޮތަށް ތިނަގާ ވޯޓަކުން ނޫނަސް ތިމީހުން ތިކުރާ ނުބައި ކަންތައްތައް ނުކުރެވޭ ވަރަށް ނިކަމެތިކޮށް އެންމެހާ ފޮރުވިފައިވާ ކަންތައްތައް ހާމަ ކުރެއްވުމަކީ ހެއްދެވި ފަރާތައް އެއްވެސް ކަމެއްނޫން.

The name is already taken The name is available. Register?

ސައިނު

10 April 2017

ޑިމޮކްރަސީގައި ކަންކަން ކުރާގޮތެއްނޫންކަމަށާއި، ޤާނޫނު އަސާސީ އާއި ޚިލާފުކަމެއްކަމަށް ބައެއް ޢިއްޒަތްތެރި މެމްބަރުން ބަހުސްކުރެއްވުމުގައި ވިދާޅުވަމުން ގެންދަވާތަންފެނެއެވެ. ލޮބުވެތި ޢިއްޒަތްތެރި މެމްބަރުން، ޤާނޫނު އަސާސީ އާއި ޚިލާފު ކަމަށް ވާނަމަ ޚިލާފުވަނީ ޤާނޫނު އަސާސީގެ ކޮން މާއްދާ އެއްކަން ވިދާޅުވީމާ އަޑު އަހާމީހުންނަށް ޤަބޫލް ކުރަން ފަސޭހަވާނެ، އަދި ޑިމޮކް ރަސީ އަކީ އެކި ޤައުމުތަކުގައި އެކިގޮތަށް ހިންގާ ޢަމަލު ކުރަމުންދާ ފިތުނަވެރި އެއްޗެއް އެހެންކަމުން، ވަކި ޤައުމެއްގައި ވަކިގޮތަކަށް ޢަމަލު ކުރުމަކީ މިޤައުމުގައި ހަމަ އެގޮތަށް ޢަމަލު ކުރަންޖެހޭ ކަމެއްނޫން، އަދި އެއީ ޑިމޮކް ރަސީ އާއި ޚިލާފު ކަމެއްވެސްނޫން، އެއީވެސް ތިޔަ ވިދާޅުވާ ޑީމޮކްރަސީ

The name is already taken The name is available. Register?

ރައީސް

10 April 2017

އިއްތިހާދަށް ދަންނަވަން އޮތީ. ކޮބާތޯއޭ ތިޔަބޭފުޅުން ތިޔަ ވިދާޅުވާ 42 ވޯޓް؟ ތިޔަބޭފުޅުން މި އިސްލާހްވެސް ފެއިލް ކޮށްލަންވީނު. ވިދާޅުވި ތިމަންނާމެން އަތުގަ މެޖޯރިޓީ ކޮބާތޯ؟ އޮތްނަމަ ފެއިލް ނުކޮށްލީ ކީއްވެތޯ؟ ތީހަމަ ހަލަބޮލި ކުރަން ދައްކާ ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454