ކުޅިވަރު / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޮލިމްޕިކް ކޮމިޓީއަށް އިހުތިރާމްކުރަން: ލަތީފް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ވާހަކަތަކަށް ރައްދުދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އޮލިމްޕިކް ކޮމިޓީ އަށް އިހުތިރާމް ކުރާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޝަވީދު ދާދި ފަހުން ވިދާޅުވީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަމުން ލަތީފް ވަކިކުރިޔަސް، އެސޯސިއޭޝަނުގެ ރައީސްގެ މަގާމް އޭނާ އަތުން ނުގެއްލޭނެ ކަމަށާއި އެކަމަކު އެ ހާސްކަމުގެ ތެރޭގައި ލަތީފަށް ވެސް ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އެގޮތުން ކްލަބްތަކެއްގެ މެމްބަޝިޕް ގެއްލޭ ހިސާބަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެސޯސިއޭޝަނަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި މެމްބަޝިޕް ގެއްލުނު މައްސަލަ ހިނގި ގޮތް އޮލިމްޕިކް ކޮމިޓީގެ އެތިކްސް ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެ ކޮމިޝަނުގެ ރިޕޯޓް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އަށް ހުށަހެޅުމުން އެ ފަރާތުން މައްސަލަ ބަލައި ގޮތެއް ނިންމާނެ ކަމަށް ޝަވީދު ވިދާޅުވި އެވެ.

ޔޫތު ސްޕޯޓްސް ކްލަބުގެ ފަރާތުން ވީއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައި ލަތީފް އިންތިހާބު ކާމިޔާބު ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. އެހެން ނަމަވެސް ފަހުން އުފެދުނު ހިޔާލު ތަފާތުވުން ތަކެއްގެ ތެރެއިން ލަތީފް ރައީސްގެ މަގާމުން ދުރުކުރަން މިދިޔަ ފެބްރުއަރީ މަހު ޔޫތުން ވަނީ އެ ކްލަބްގެ މެންބަރު ކަމުން އޭނާ ވަކިކޮށްފަ އެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓަރީ ވެފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

ވީއޭއެމްގެ އިސްލާހީ އެޖެންޑާ އިއުލާން ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަތީފް ވިދާޅުވީ އޮލިމްޕިކް ކޮމިޓީ އާއި ޝަވީދަށް އިހުތިރާމް ކުރާ ކަމަށެވެ.

"އޮލިމްޕިކް ކޮމިޓީގެ ރައީސަކީ އަޅުގަނޑުމެން އެސޯސިއޭޝަންތަކުގެ ބައްޕަގެ ގޮތުގައި އަޅުގަނޑު ދެކެނީ. މައިންބަފައިން ރުޅިއައީމަ ދަރިންނާ ދޭތެރޭގައި ރުޅީގެ ބަސްތައް އަންނާނެ. އެކަމަކު އެއީ ދަރިން ބައްޕައިންގެ ގަދަރު ކަނޑާލަން ޖެހޭ ކަމެއް ނޫން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އެއްވެސް ކްލަބެއްގެ މެމްބަޝިޕް ބާތިލެއް ނުކުރާ ކަމަށާއި ވޮލީބޯޅައިގެ 100 ކްލަބެއްގެ މެމްބަޝިޕެއް އެބައުޅޭ ކަމަށެވެ.

"ހިންގާ ގަވާއިދުގައި ސާފުކޮށް އެބަބުނޭ ޗަންދާއެއް ދައްކަން ޖެހޭ ވާހަކަ. އެ ޗަންދާ ގަޑިއަށް ނުދައްކާ ކްލަބްތައް ބާތިލް ކުރުމުގެ ހައްގު އެބަ ލިބިގެންދޭ އެގްޒެކްޓިވް ކޮމިޓީ އަށް. އަޅުގަނޑުމެން ގަސްދުގައި ވަކި ކްލަބެއްގެ މެމްބަޝިޕެއް ބާތިލް ނުކުރަން،" ޝަވީދުގެ ވާހަކަތަކާ ގުޅިގެން ލަތީފް ވިދާޅުވި އެވެ.

ވީއޭއެމުން އިއްޔެ އިސްލާހީ އެޖެންޑާ އިއުލާންކޮށް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ލަތީފް ވިދާޅުވީ އޮލިމްޕިކް ކޮމިޓީ އާއި އޭވީސީގެ ކޮންމެ ނިންމުމެއް ވެސް ބަލައިގަންނާނެ ކަމަށެވެ.

"އޮލިމްޕިކް ކޮމިޓީން އަޅުގަނޑު ކުރާ މަސައްކަތް ގޯހޭ ބުނެފިއްޔާ އަޅުގަނޑު އެ ހިސާބުން ހުއްޓާލާނަން. އަދި އަޅުގަނޑު ކައިރީގައި ގޭގައި މަޑުކޮށްލާށޭ ބުންޏަސް އަޅުގަނޑު މަޑުކޮށްލާނަން. އަޅުގަނޑު ވޮލީގެ ތެރެއަށް އައީ މިތާގައި ދިގު މުއްދަތެއްގައި ހުންނާކަށެއް ނޫން. އަޅުގަނޑު އައީ ވޮލީގެ އާއިލާއިން އަޅުގަނޑު ކައިރީގައި އެދުމުން،" ލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ވެސް ހިއެއް ނުވޭ އަޅުގަނޑުމެން މި ކަހަލަ އިސްލާހީ އެޖެންޑާއެއް ފަށައިގެން ރަނގަޅު މިސްރާބަށް ދަނިކޮށް އޮލިމްޕިކް ކޮމިޓީން ހޯހޯ ތިދަނީ ގޯސްކޮށޭ ކިޔާފައި އަނެއްކާ ވެސް އެއްކަލަ ޕޭޕަރު ކްލަބްތަކަށް ބާރުދޭން މަސައްކަތް ކުރާނެ ހެނެއް،" އޭނާ ވިދާޅުވި އެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ވީއޭއެމްގެ އިސްލާހީ މަސައްކަތްތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާއިރު، ވޮލީބޯޅަ އަށް ގެންނަން ޖެހޭ އެންމެ ފުރިހަމަ ބަދަލުތައް ގެނެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ލަތީފް ވިދާޅުވި އެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިލިޔާސް

21 April 2017

ހިތުހުރިގޮތަކަށް ލަތީފަށް ވޮލީގެ ކަންކަން ކުރެވުނު ދުވަސް މަޒީއާއި އެކުވާން ދެން އޮތީ ކުޑަ ކުޑަ ދުވަސްކޮޅެއް... ބަލަންތިއްބަވާ... ލަތީގެ ސަފްހާ ވޮލީން އެއްލެނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454