19 އެޕްރީލް 2017 - 16:59
މޮސްކޯ (އެޕްރީލް 19) - ބާރުގަދަ ތޫފާނެއްގައި ޖެހި ކަޅު ކަނޑުގެ ރަޝިޔާގެ ބޭރުން ކާޗް ކަނޑުއޮޅި އަށް 12 މީހުންނާ އެކު ކާގޯ ބޯޓެއް އަޑިއަށް ހިނގައްޖެ އެވެ.
ރަޝިޔާގެ މެރިން އެޖެންސީން ބުނީ 3،500 ޓަނުގެ ބޯޓު ރޭ ފަތިހު އަޑިއަށް ދިޔައީ ދެ ފަޅިވެގެން ކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަނުގައި މިއަދުގެ ވަގުތެއްގައި ބޯޓުގެ އެއް ފަޅުވެރިއަކު ސަލާމަތުން އޮއްވާ ކަނޑުން ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ. ދެން ތިބި ފަޅުވެރިންނަށް ވީ ގޮތެއް އަދި ނޭނގެ އެވެ. މީހުން ހޯދަން ދަތިވެފައި ވަނީ ވައި ގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީހުން ހޯދުމުގެ މަސައްކަތުގައި ވަރަށް ގިނަ ބޯޓު ފަހަރާއި ދެ ހެލިކޮޕްޓަރު ދަނީ ބޭނުން ކުރަމުންނެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓު އަޑިއަށް ދިޔައީ ޓަމާން ޕެނިންސުލާގެ ދެކުނުން 19 ނޯޓިކަލް މޭލް (35 ކިލޯ މީޓަރު) ބޭރަށެވެ. ބޯޓުގައި ތިބި ފަޅުވެރިންގެ ތެރޭން ނުވަ މީހުންނަކީ ޔޫކްރޭން މީހުންނެވެ. ދެ މީހުންނަކީ ރަޝިޔާ މީހުންނެވެ. އަދި ބޯޓުގައި ދެން ހުރީ ޖޯޖިއާ މީހެކެވެ. ބޯޓު ދަތުރު ކުރީ ރަޝިޔާގެ އަޒޯވް ބަނދަރުން ގޮދަން ހިފައިގެން ތުރުކީ އަށެވެ.
ރަޝިޔާ އިން މިހާރު ދަނީ ޔޫކްރޭންގެ ބައެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިއާއާ ގުޅުވާލުމަށް ކާޗް ކަނޑުއޮޅި މަތިން ބްރިޖެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ރަޝިޔާ އިން 2014 ވަނަ އަހަރު ވަނީ ކްރައިމިއާ އަކީ އެ ގައުމުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy