އިރުފުށި ރިސޯޓް: އެތަން ހިންގުމުގެ އެއްބަސްވުން އުވާލީ ގޯސްކޮށް ކަމަށާއި ގެއްލުމުގެ ބަދަލަށް 24 މިލިއަން ޑޮލަރު ހިލްޓަނަށް ދޭންޖެހޭ ކަމަށް އާބިޓްރޭޝަނުން ވަނީ ނިންމާފައި
20 އެޕްރީލް 2017 - 11:55
އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި ހިލްޓަން އިންޓަނޭޝަނަލަށް ލިބެންޖެހޭ ކަމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކަނޑައަޅާފައިވާ 24 މިލިއަން ޑޮލަރުގެ ބަދަލު ތަންފީޒުކޮށް ދެވޭނީ ސިވިލް ކޯޓަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ ހަވާލުކޮށްފައި ވަނިކޮށް ސަން ޓްރެވަލްސް އެންޑް ޓުއާސް އިން އެ އެއްބަސްވުން 2013 ގައި ބާތިލް ކުރުމުން ސިންގަޕޫރު އާބިޓްރޭޝަނުން އެންގީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ހިލްޓަނަށް ލިބެންޖެހޭނެ ކަމަށެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރެވޭނީ ހައި ކޯޓަށް ކަމަށެވެ. އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ބުނެ ހިލްޓަން އިން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އާބިޓްރޭޝަންގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރާނީ "ކަމާބެހޭ ކޯޓުން" ކަމަށް އާބިޓްރޭޝަންގެ ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އާބިޓްރޭޝަންގެ މައްސަލަތައް ބެލުމާ ގުޅޭގޮތުން ހައި ކޯޓުން ހަދާފައިވާ ގަވާއިދަށާއި ހުކުމްތަކާއި އަމުރުތައް ތަންފީޒު ކުރުމުގައި އަމަލުކުރާ ގޮތަށް ބަލާއިރު ވެސް އެ ގާނޫނުގައި ބުނާ "ކަމާބެހޭ ކޯޓަކީ" ސިވިލް ކޯޓު ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ސަން ޓްރެވަލްސް އިން ބުނަނީ އާބިޓްރޭޝަންގެ ނިންމުން ގަބޫލުނުކުރާ ކަމަށާއި އެއީ ތަންފީޒު ނުކުރެވޭނެ ބާތިލް ނިންމުމެއް ކަމަަށެވެ. އެކަމަކު ހިލްޓަން އިން ބުނެފައި ވަނީ އާބިޓްރޭޝަންގެ ނިންމުން ގަބޫލު ނުކުރާ ނަމަ އެކަމަށް ޗެލެންޖް ކުރުމުގެ ފުރުސަތު ލިބުމުން ވެސް ސަން ޓްރެވަލްސް އިން އެ ފުރުސަތު ދޫކޮށްލީ ކަމަށެވެ. އަދި އެ ނިންމުން ގަބޫލު ނުކުރާ ކަމަށް ބުނެ މިހާރު ވާހަކަ ނުދެއްކޭނެ ކަމަށް ވެސް ހިލްޓަން އިން ބުންޏެވެ.
ހިލްޓަނާ އެއްކޮޅަށް އާބިޓްރޭޝަނުން މައްސަލަ ނިންމިފަހުން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ވަނީ އެ މައްސަލާގައި ހިލްޓަން އިން އަމަލުކުރި ގޮތުން ސަން ޓްރެވަލްސް އަށް ގެއްލުންވެފައިވާ ކަމަށް ކަނޑައަޅައި، 16 މިލިއަން ޑޮލަރު ސަން ޓްރެވަލްސް އަށް ދިނުމަށް ހިލްޓަންގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ މައްސަލަ ވެސް ހިލްޓަން އިން ވަނީ އިސްތިއުނާފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤުއްޓޭ
20 April 2017
ކޮންމެ އެއްޗެކޭ ކިޔަސް މިފަހަރު ހިލްޓަން އަށް ފައިސާ ދައްކަން ނުޖެހޭނެ ގޮތެއް އެއީ ނެތްގޮތެއް. ފައިސާ ޖެހޭނީ ހިލްޓަން އަށް ދައްކަން. މަޖުލިހުގެ މެމްބަރަކަށް ވާތީ އޭ ކިޔާފާ މި ފަހަރު ސަލާމަތެއް ނުވާނެ. މީހުން ގެ ހައްޤުތައް އެމީހުނަށް ޖެހޭނެ ދައްކަން. އެހެން ނޫނިއްޔާ މި ރާއްޖެ އަށް ބޭރުގެ އެއްވެސް އިންވެސްޓަރެއް އިންވެސްޓް އެއް ނުކުރާނެ.
GAN Island
20 April 2017
ރާއްޖޭގެ ކަންކަން ހަމައިން ނެއްޓި ޤާނޫނު އަސާސީ ކޮށާ ކުދިކުދިކުރުމުން އަދި އެކަން ހުއްޓުވަން ބައެއްފަރާތް ތަކުން ކުރިމަސަކަތް ނާކާމިޔާބުކޮށްލުމަށް ދުނިޔެއާއި އެކަހެރިވެގަތުމަށް Commonwealth ފަދަ ޖަމާއަތްތައް ދޫކޮށްލުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރި ''މަދު ދިވެހިންނާއި އެކު'' ސަރަހައްދުގެ ޤައުމުތަކާއި އެކުވެރިދައުލަތް އަދި އިޤިރޭސިވިލާތް ފަދަ ރާއްޖެއާއި ޒަމާނުއްސުރެ ގުޅުން ބޮޑު ޤައުމު ތަކުން ކުރި މަސައްކަތުގެ ނަތީޖާ ފެންނަންފަށައިފި. . . . ދައުލަތުގެ 3 ބާރު މަސްހުނިވެ އެކެއްގެ އަތުގައި ބާރުއޮތް އޮތުން ބަދަލުވެ ރާއްޖެ އަލުން ހަމަމަގަށް އެޅުމަށް މަގުތަނަވަސްވަމުންދާކަމުގެ ހެއްކަކަށް މިމަސައްލައަށް އިއްވި ހުކުމް ފުދޭ. . . އެހެން ނަމަވެސް ވޭތުވެދިތަ 3 އަހަރު ދައުލަތުގެ ބާރުތަކަށް ކުރިމަތިވިފަދަ ގޮތް ތަކެއް ތަކުރާރުނުވާނެ ފަދަ އިތުބާރުހުރި ބަދަލުތަކެއް މިފަހަރު ގެންނާންޖެހޭ.
ހިލްޓަން
20 April 2017
4,922 ހޮޓެލް ޢާ ރިސޯޓް. 169,000 މުވަޒިފުން. ށިޔާމު ކިހިނެއް ވެގެން ތިއުޅެނީ.
ކުޑަދޫއަހްމަދު
20 April 2017
ދުނިޔޭގެ އެއްވެސް ތާކުން ހިލްޓަން އަކަށް މީނޫނީ މިކަހަލަ ކަމެއް ދިމާނުވާކަމަށް މައުލޫމާތުލިބޭ! މިއީ ވަރަށް ދެރަކަމެއް. ހިލްޓަން އިން ދިވެހިރާއްޖޭގައި ވިޔަފާރިކުރާތާ އެތަށް ދުވަހެއް ވެއްޖެ. ކްރައުން ކުންފުންޏާއެކު ހިލްޓަންއިން އދ. ރަންގަލި ރިސޯޓު ހިންގާތާ ލައްކަ ދުވަސްވެއްޖެ. ނަމަވެސް ސަންޓްރަވެލް އަކާއި ޖެހުނީމާ، މިހިރީ ކަންކަން ވެގެންދިޔަ ގޮތް، ޝިޔާމުމެން ލަދު ގަންނަންޖެހޭ، ޓުއަރިޒަމް ބޯއިކޮޓްކުރަނީ އޭ ކިޔައިގެން ވާހަކަ ދައްކަން. ޝިޔާމުމެންގެ މިކަހަލަ ހަޑިމުޑުދާރު އަމަލުތަކުން ދިވެހިރާއްޖެ ބަދުނާމުވެ، މުޅި އިންޑަސްޓްރީ ހަލާކުވެގެންދަނީ
ހަބީބު
20 April 2017
ސިޔާމުމެން ތިހާ އަމިއްލަ އެދުން ބޮޑުވާކައްނުވާނެ ހިލްޓަން ވަނީ ވަރައްބޮޑައް ރިސޯޓު ތަރުތީބުކޮއްދީފަ ސްޓާފު ކޮޓަރިތަކުގަ އެއާކޯން ހަރުކޮއް ހޫނުފެން ލިބޭނެ ގޮތްވެސް ހަދައިދެއްވާފަ އަދި ސްޓާފުންނައް ބޮޑު ސުވިމިންޕޫލެއް ގާއިމުކޮއް 5 ލޯންޗު ގަނެ މިސްކިތުގެ ޖާގަބޮޑުކޮއް ކާޕެޓުއަޅާ ސްޓާފު ޖިމްވެސް ރަނގަޅުކޮއްފަ މިނޫނަސް ގެސްޓު ކޮޓަރި ތަކުގެ ހުރިހާ ޓީވީތަކެއް ބޮޑެތިކޮއް އެތައްބޮތެތި މަސަތްކަތް ތަކެއްކޮއްފަ ހުރިހާ ކަމެއް ފުރިހަމަ ވުމުން ދަހިވެތިކަން އިސްކޮއް ބޭރުގެ އިންވެސްޓުތައް ރުޅިއަރުވާ ހެދުމުން ހުރިހާ ފައިދާއެއް ސަންޓްރަވަލްއައް ދިވެހި ވިޔަވާރި ވެރިން ބޭނުންވަނީ ހުރިހާ ބާރެއް އަމިއްލަ ޖީބައް އަޅަން ބިދޭސީން ހިންގާ ރިސޯޓުތައް މާބޮޑައްރަނގަޅު ދިވެހިން ހިންގާ ރިސޯޓުތަކައްވުރެ