ސެޓާންގެ ރިންގުތަކުގެ ތެރެއިން ކުޑަކުޑަ އަލި ތިއްކެއްގެ ގޮތުގައި އެ ފެންނަނީ ދުނިޔެ
22 އެޕްރީލް 2017 - 11:31
ޕްލެންޓް ސެޓާންގެ ދިރާސާތައް ކުރުމުގައި 12 އަހަރު ހޭދަކުރުމަށް ފަހު ސެޕްޓެމްބަރު މަހު ފުނޑުވުމުގެ ކުރިން ނާސާގެ ކެސިނީ ޖައްވީ އުޅަނދު ނެގި ދުނިޔޭގެ ފޮޓޯ އިން ބައެއް މީހުންގެ ހިތަށް އަސަރުކުރި އެވެ. ފިނި، ބިޔަ، އަނދިރި ޖައްވުގެ އެހާ ދުރުން އަހަރެމެންގެ ދުނިޔެ ފެންނަ ގޮތް، ރޭގަނޑު މި ބިމުގައި ތިބެ އުޑުމައްޗަށް ނަޒަރު ހިންގާލާ އިރު، މާ ދުރުން ދައްކާލާ ކުޑަކުޑަ އަލި ތިއްކެކޭ އެއްގޮތެވެ.
ޖައްވުގެ ތެރެއިން އަހަރެމެންގެ ލޯ އަމާޒުވާ އަލިތަކަށް ސަމާލުކަމެއް ނުދެވެ އެވެ. އެއީ ތަރިއަކަށް ވިޔަސް، ޕްލެނެޓެއް ނުވަތަ އެހެން އެއްޗަކަށް ވިޔަސް، ވަކި ތަފާތެއް ނުފެނެ އެވެ. ޖައްވުގެ ކަނު އަނދިރީގެ ތެރޭގައި ވިދަމުން ދާ އެއްޗެހިތަކެކެވެ.
އެކަމަކު ކެސިނީ އޭގެ ފަހު ދުވަސްތައް ފެށިއިރު، މި މަހު 12 ގައި، ސެޓާންގެ ރިންގުތަކުގެ ބޭރުން ނެގި ދުނިޔޭގެ ފޮޓޯ އެތައް މެސެޖެއް ގެނެސްދެ އެވެ. މި ކާއިނާތުގައި ކޮންމެ އެއްޗަކީ ވެސް އޭގެ ޒާތުގައި އެކަނިވެރިއެކެވެ. ދުނިޔޭގައި އަހަރެމެން ތިބޭ އިރު ހަނދަކީ އަވަށްޓެރިއެއްގެ ގޮތުގައި ބެލުނަސް، އެތައް މިލިއަން ކިލޯމީޓަރެއްގެ ދުރުން ފެންނަ އިރު ދުނިޔެ ވެސް އެ ކިޔައިދެނީ، އަނދިރީގެ ތެރޭގައި އިހުސާސްވަމުން ދާ އެކަނިވެރިކަމުގެ ވާހަކަ އެވެ.
މި ފޮޓޯ އިން ދުނިޔެ އާއި ދުނިޔޭގެ ހަނދު ވެސް ތިއްކެއްގެ ގޮތަށް އަރާފައިވޭ
މި ފޮޓޯ ކެސިނީ ނެގީ ދުނިޔެއާ 1.4 ބިލިއަން ކިލޯމީޓަރު ދުރުންނެވެ. ސެޓާންގެ ރިންގްތަކުގެ ތެރެއިން ފޮޓޯގައި ފްރޭމްވެފައި އެ ވަނީ އޭ އަދި އެފް ރިންގެވެ. އެއް ފޮޓޯ އިން ހަމައެކަނި ދުނިޔެ ފެންނަ އިރު، ދެވަނަ ފޮޓޯ އަށް ފުންކޮށް ބަލައިލައިފި ނަމަ، ދުނިޔެ ކައިރީގައި އެއަށް ވުރެ ކުޑަކުޑަ ތިއްކެއްގެ ގޮތަށް ހަނދު އިނދެ އެވެ.
ދެ ފޮޓޯ ވެސް އޭގެ ޒާތުގައި ހިތްގައިމެވެ. ސައިންސްވެރިންގެ މަސައްކަތަށް ތައުރީފް ހައްގެވެ.
ދުނިޔެ އިން 1997 ގައި ޖައްވަށް ދޫކޮށްލި އަދި 2004 ގައި ސެޓާންއާ ހަމައަށް ފޯރި ކެސިނީގެ ދަތުރު ނިންމާލުމުގެ ގޮތުން ސެޓާންގެ ރިންގްތައް ހުރަސްކޮށް ގޮސް އެޓްމޮސްފިއާގެ ތެރެއަށް ގެއްލި، ފުނޑިގެން ދާ ދުވަސް މިހާރު މި ވަނީ ގުނަން ފަށައިފަ އެވެ. މިއަދުގެ ވަގުތެއްގައި އެ އުޅަނދު، ސްޓާންގެ އެންމެ ބޮޑު ހަނދު ކަމަށްވާ (މި ޕްލެނެޓްގައި 60 އަށް ވުރެ ގިނަ ހަނދު ހިމެނޭކަން ހަނދާންކޮށްލައްޗެވެ) ޓައިޓަން ހުރަސްކޮށް، ބިޔަ ޕްލެނެޓާ ދިމާއަށް މިސްރާބު ޖަހާނެ އެވެ.
އަހަރެމެންގެ ދުނިޔެ ހިމެނޭ އިރުގެ ނިޒާމް ތެރޭގައި ދުނިޔެ ފިޔަވައި އެހެން ތަނެއްގައި އެއްވެސް ކަހަލަ ދިރުމެއް ވާ ނަމަ ސައިންސްވެރިން އެންމެ ބޮޑަށް އުއްމީދުކުރާ ތަންތަނަކީ ސެޓާންގެ ބައެއް ހަނދުތަކެވެ.
ކެސިނީގެ އިންޖީނުގެ ހުރިހާ ތެލެއް ގާތްގަނޑަކަށް މިހާރު ވަނީ ހުސްވެފަ އެވެ. އެހެންކަމުން އެއިން ހަނދަކަށް އެ ވެއްޓި، އެބިންތައް ތަގައްޔަރުވާކަށް ސައިންސްވެރިން ބޭނުމެއް ނުވެ އެވެ. ސެޓާންގެ ބައެއް ހަނދުތަކުގައި ދިރުމެއް ވޭތޯ ކަށަވަރުކުރަން ކުރިމަގުގައި ބައެއް އުޅަނދުތައް ފޮނުވާނެ އެވެ. އެކަހަލަ ދަތުރަކަށް ތައްޔާރުކޮށްފައި ނުވާ ކެސިނީ އެއިން ތަނަކަށް ވެއްޓި މާހައުލު ކިލަނބުކޮށްލުމުގެ އެއްވެސް ފުރުސަތެއް ދޭކަށް ސައިންސްވެރިން ނޭދެ އެވެ.
ސެޓާން އާއި އޭގެ ރިންގްތަކާއި ކެސިނީ ފެންނަ ގޮތަށް ކުރަހާފައިވާ ކުރެހުމެއް: ސެޓާންގެ މާހައުލު ދިރާސާކުރަން ކެސިނީ ވަނީ 12 އަހަރު ހޭދަކޮށްފައި
އެހެންކަމުން ނިންމީ ޓައިޓަންގެ ދަމާބާރުގެ ބޭނުންކޮށް، ސެޓާންގެ ރިންގުތަކާ ދިމާއަށް ކޮއްޕާލުމުގެ މަރުހަލާ މިއަދު ފަށާށެވެ.
"އޭގެ ތެޔޮ މުޅިން ހުސްވެއްޖެ ނަމަ އަހަރެމެންނަކަށް އެ ކޮންޓްރޯލެއް ނުކުރެވޭނެ. އެކަހަލަ ހާލަތެއްގައި ޓައިޓަން ނުވަތަ އެންސެލެޑަސް ހަނދަށް އެ ވެއްޓުމަކީ ވަރަށް ގާތް ކަމެއް،" ކެސިނީ ޕްރޮގްރާމްގެ މެނޭޖަރު ޑރ. އާލް މެއިޒް ވިދާޅުވި އެވެ.
ސެޓާންއާ ވަރަށް ދުރަށް ކެސިނީ ގެންދެވެން ވެސް އެބަ އޮތެވެ. އެކަމަކު އޭގެ ބަދަލުގައި ބިޔަ ސެޓާންގެ ރިންގުތަކާއި އެޓްމޮސްފިއާއާ ވީހާވެސް ކައިރިއަށް ގެންގޮސްގެން ލިބޭނެ ސައިންސްގެ މައުލޫމާތު މާ މުއްސަނދިވާނެ ކަމަށް މެއިޒްގެ ޓީމުން ގަބޫލުކުރެ އެވެ. އެހެންކަމުން ސެޕްޓެމްބަރު 15 ގައި، ސެޓާންގެ ވަރުގަދަ ދަމާބާރު ތެރެއަށް ދަމައިގަނެ، ފުނޑުވުމުގެ ކުރިން، ޕްލެނެޓާއި އޭގެ ރިންގްތަކާ ބެހޭ އިތުރު މައުލޫމާތު ސައިންސްވެރިންނަށް ފޯރުކޮށްދޭނެ އެވެ.
ގަނޑުފެނުން ފުރިފައިވާ ސެޓާންގެ ހަނދު އެންސެލަޑޫސް: ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ގަނޑުފެންތަކުގެ އަޑީގައި ދިޔާ ކަނޑުތައް އުފެދިފައިވުން ވަރަށް ކައިރި
ސެޓާންގެ ރިންގުތަކުގެ ތެރެއަށް މީގެ ކުރިން އިންސާނުން އުފެއްދި އެއްވެސް އެއްޗެއް ވަދެފައެއް ނުވެ އެވެ. މި ދަތުރުގައި ސެޓާންގެ އެޓްމޮސްފިއާ އަށް ވަނުމުގެ ކުރިން ރިންގުތަކުގެ ތެރެއަށް 22 ފަހަރު ކެސިނީ ދެމިގަންނާނެ އެވެ. އެއީ ސެޕްޓެމްބަރު 15 އާ ހަމައަށް، ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށެވެ.
ކެސިނީ އަކީ ކާއިނާތުގެ ސިއްރުތައް ދެނެގަތުމުގެ ކާމިޔާބު ދަތުރެއް ނިންމާލާ އުޅަނދެކެވެ. އެ އުޅަނދު މެދުވެރިކޮށް އެތައް ހާސް ފޮޓޯއަކާއި ސައިންސްގެ ދިރާސާތައް ސައިންސްވެރިން ވަނީ ކޮށްފަ އެވެ. އެގޮތުން ސެޓާންގެ ބައެއް ހަނދުތަކުގައި ދިޔާ ފެން ހުރިކަން ހޯދުން ހިމެނެ އެވެ. އެއްވެސް ކަހަލަ ދިރުމެއް އުފެދޭ ނަމަ ފެނަކީ، މިހާތަނަށް ސައިންސް ބުރަވާ ގޮތުން، މައިގަނޑު އެއް އަސާސެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްލިމްމީހާ
23 April 2017
އާލަމްތަކުގެ ވެރި ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމާއެވެ.
އަހްމަދު
23 April 2017
އެތީސްޓުންނަކީ މޮޔަ ވިސްނުންކޮށި ޖާހިލުކަމުގައި ހައްދެއްނެތް ގޮތްކުޑަ ނާތަހުޒީބު ބޯދާ ބައެއް.
ގައުމު
22 April 2017
"އެއްވެސް ކަހަލަ ދިރުމެއް އުފެދޭ ނަމަ ފެނަކީ، މިހާތަނަށް ސައިންސް ބުރަވާ ގޮތުން، މައިގަނޑު އެއް އަސާސެވެ." ސައިންސްގެ ފިކުރެއްވެސް ނެތް ޒަމާނެއްގައި މީގެ ސާދަސަތޭކަ އެތަކެއް އަހަރުކުރިން ބާވައިލެއްވި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުން ފެނަކީ ދިރޭ ތަކެތީގެ އަސްލެވެ. އެކަމަކުވެސް މިއުޅޭ ރޯނުއެދުރު އެތީސްޓުންނަށްކަށް އެއްޗެއް ނުވިސްނޭނެ.
ވޯޓަރު
22 April 2017
އިންތިހާބު ބޯމަތިވެފައިވަނިކޮށް މިހިރީ ކުރާ ކަންތައް.
ޑޯން
22 April 2017
އެވެރިން ބޮޔެގެންކުރާކަންތައްމޮލޭ އަހަރުމެން ދިވެހިން ބޮއެގެން ފާހާނާއައް ބާރުބޮޑުކުރަނީ...
ޖަމީލް
22 April 2017
ތިޔަ ފޮޓޯ ނެގި އިތުރު ތަރިއެއް/ޕްލެނެޓެއް ޖައްވުގައި ނެތީބާ؟ ނާސާ ގަލަމަކުން ތިއްކެއް ޖަހާފަ ދެއްކިޔަސް އަހަރުމެން ޖެހޭނީ ގަބޫލު ކޮއްލައިގެން ތިބެން..
ގާފިލުވިޔަސް
22 April 2017
ތި ބޮޑުވަރު...
ގެދާނޯމޮސް
22 April 2017
ﷲ އައް އަޅުކަން ބިރުވެތި ކަމާއެކު ކުރަން ޖެހޭސަބަބަކީ މިއެވެ. މަނިތިއްކަކުން އިންސާނާ ހައްދާފައި ވާކަން އެއްވެސް ނަފްސަކަށް އިހްސާސް ވެ ނޫލެއެވެ. ތިމާގެ ދުނިޔެ ނަމާދަށް ހުންނަ މުސައްލާގެ ނިތްޖަހާ ތަނުގައި އޮންނަ ހިމުން ފެލިފުކެއްވަރު ކަން ހިތައްގެނެވޭ ނަމަ ކަރުނައިން ލޯތެމޭނެ އެވެ. މިއަށް ވުރެދުރުން ސިފަކުރާނަމަ މިދުނިޔޭގައި އިންސާނާގެ މަނިތިއްކެއްގެ މިންވަރު ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ދުނިޔޭގެ އެނބުރުން ހުންނާނެ އަވަސްމިންވަރު މިހާދުރުމިނުން ބަލާނަމަ ސިކުންތަކު ފަސްދޮޅަސް ފަހަރު ދުވާލާއި ރޭގަނޑު ދައުރު ވެދާނޭ ކަމުގަ ބަލާނަމަ ހަޔާތަކީ ކިހާކުޑަމިންވަރެއްކަން އިޙްސާސް ކުރެވޭނެ އެވެ.
ޒުވާނާ
23 April 2017
އަސަރުކުރުވަނިވި ސިފަކުރުމެއް. ތިބާއަށް ހެޔޮޖަޒާ މިންވަރުކުރައްވާ ޢަޤީދާ އިތުރަށް ވަރުގަދަކުރައްވާށި