އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން (ކ) އާއި ލީބިއާގެ ލީޑަރު ގައްޒާފީ.
24 އެޕްރީލް 2017 - 11:12
ބަޣުދާދު (އެޕްރީލް 24) - މަރުގެ އަދަބުން ސަލާމަތް ކުރުމަށްޓަކައި އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ބަޣުދާދުން ނެރެގެން ގެންދަން އެމެރިކާގެ ގާޑުންނަށް ރިޝްވަތު ދިނުމަށް ލީބިއާގެ ލީޑަރު މުއައްމަރުލް ގައްޒާފީ މަސައްކަތް ކުރައްވާފައިވާ ކަމަށް ސައްދާމުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ފަނޑިޔާރެއް ކަމަށްވާ މުނީރު ހައްދާދު ވިދާޅުވެއްޖެ އެވެ.
އަލް އަރަބިއްޔާއާ ވާހަކަ ދައްކަވަމުން ހައްދާދު ވިދާޅުވީ ސައްދާމުގެ މަރުގެ އަދަބު ތަންފީޒު ކުރުން އަވަސްކުރީ އޭނާ ވަގަށް ނަގައިގެން ގެންގޮސްފާނެތީ ކަމަށެވެ. އޭގެ ބަދަލުގައި އެމެރިކާ އިން ދިޔައީ ސައްދާމަށް އަދަބު ތަންފީޒު ކުރުން ލަސްކުރަމުން ކަމަށް ވެސް ހައްދާދު ވިދާޅުވި އެވެ.
ސައްދާމުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ސްޕެޝަލް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ހައްދާދު ވިދާޅުވީ ސައްދާމު މެރުމުގެ ހުއްދަ އިރާގުގެ ކުރީގެ ރައީސް ޖަލާލް ތަލަބާނީ ދެއްވާފައިވާތީ އެކަން ފަސްކުރެވެން ވެސް ނެތް ކަމަށެވެ.
ސައްދާމުގެ ޝަރީއަަތް ކުރިއަށް ގެންދިޔަ އިސް ފަނޑިޔާރު އަލް އަރަބިއާ އަށް އިންޓަވިއު ދެއްވަނީ.
"ސައްދާމް ދަން ޖެއްސީ ޑިސެމްބަރު 30، 2006 ގައި. އެއީ އިރާގުގައި އަޟުހާ އީދު ފާހަގަ ކުރަން ފެށި ދުވަސް. އީދު ދުވަހު މަރުގެ އަދަބު ދިނުމަށް އިރާގުގެ ގާނޫނުތައް ހުއްދައެއް ނުކުރޭ. އެކަމަކު ސައްދާމު ޖަލުން ފިލައިފާނެތީ އޭނާގެ މައްޗަށް އަދަބު ތަންފީޒު ކުރަން ލަސްކުރެވެން ނެތީމަ އެ ދުވަހު އެކަން ކުރީ،" ހައްދާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައްދާމުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ މިިނިވަންކޮށް ކަމަށެވެ. އަދި ސައްދާމުގެ މައްޗަށް އަދަބު ތަންފީޒު ކުރި އިރު ސުންނީ އެއްވެސް ލީޑަރެއް ނެތް ކަމަށް ވިދާޅުވި އެވެ. ހައްދާދު ވިދާޅުވީ އެންމެ ފަހުގެ ވަސިއްޔަތަކީ ކޮބައިތޯ ސައްދާމު ގާތު އެހުމުން އޭނާ ވިދާޅުވީ ފަނޑިޔާރަށް ފުރިހަމަ ސިއްހަތަކަށް އެދޭ ކަމަށެވެ.
ހައްދާދު ވިދާޅުވީ ސައްދާމަކީ ސުންނީއެއް ކަމަށް ގަބޫލްކުރަން ދަތިކަމަށާއި އޭނާ އަކީ ވަރަށް ގިނަ ބަޔަކު މަރާފައިވާ ޚުދުމުހުތާރު މީހެއް ކަމަށެވެ. އަދި ސައްދާމު ހުސައިންގެ ބާސް ޕާޓީ އަކީ ވެސް ޝިއައީ ބައެއް ކަމަށާއި އެ ޕާޓީ ގާއިމްކޮށްފައި ވަނީ ވެސް ޝިއައީ ސިޓީއެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުސްތޮ
25 April 2017
މިފަހަރު ހައްދާދަށް ކިހާވަރެއްދީގެން ފަތުރަސންއުޅޭ ޕްރެޕަގެންޑާއެއްގެ ފެށުންބާ ތިޔައީ
ކކ
24 April 2017
ކަލެއައް ތިއޮތީ ވަރައްމޮޅުކަމެއްކުރެވިފަ
ފީފަންހާ
24 April 2017
ހައްދާދު ވިދާޅުވީ އެންމެ ފަހުގެ ވަސިއްޔަތަކީ ކޮބައިތޯ ސައްދާމު ގާތު އެހުމުން އޭނާ ވިދާޅުވީ ފަނޑިޔާރަށް ފުރިހަމަ ސިއްހަތަކަށް އެދޭ ކަމަށެވެ.
ޢީދު
24 April 2017
ޢީދު ދުވަހު ތިކަން ކުރީ މުސްލިމުންނަށް ހަޖޫޖެހުމަށް. ޢީދަށް ކަތިލާ ކަތިލުމަށް މަލާމާތް ކުރުމަށް.
ސައުދު
24 April 2017
އަނެއްކާ އަނެއް ގޭސް ހަމަ އެމެރިކާގެ ބުރުސޫރަ ރީތިކޮށް