ކުޅިވަރު / މާލޭ ލީގް 2017

އީގަލްސް އަތުން ޓީސީ އަށް މުހިއްމު މޮޅެއް

ޓީސީގެ ކެޕްޓަން ނާފިއު (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ޒާދު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވާދަވެރި ކްލަބް އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ޓީސީ ވަނީ 10 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. ހަތަރު ވަނަ އަށް ވެއްޓުނު ގްރީން ސްޓްރީޓްސް އަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު ޓީސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ޖެހިޖެހިގެން ދެ ވަނަ މެޗުން ބަލިވި އީގަލްސް އޮތީ ހަތް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗުގެ ހަމައެކަނި ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދިނީ 15 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކޮނޭނިއަލް ސްޓެވާޓެވެ. މިއީ އޭނާ އަށް އޭރިއާ ތެރެއިން ސްޓެވާޓަށް އީގަލްސްގެ މަހުމޫދު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ކުރިން 6 ވަނަ މިނެޓުގައި ވެސް ޓީސީން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. ސްޓެވާޓް ދިން ބޯޅަ އަރިމަތިން ކެޕްޓަން އަލީ ނާފިއު ހުރަސްކުރުމުން، އެ ބޯޅައަށް އެރި އިބްރާހިމް މަހުދީ (އިއްބެ) ގެ ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ.

އަހުމަދު ނާޝިދު (ނައްޓޭ) އާއި އިބްރާހިމް މުބީން (މުއްކި) ފަދަ މުހިއްމު ބައެއް ކުޅުންތެރިން ނެތި ކުޅުނު އީގަލްސްގެ މުހިއްމު ކުޅުންތެރިޔާ އިބްރާހިމް ރިޒްވާން (ރިޒޭ) ވެސް ވަނީ، ފުރަތަމަ ހާފުގެ ފަހުކޮޅު ބާލައިފަ އެވެ. އޭނާ މެޗަށް އެރިއިރު ވެސް މުޅިން ފިޓެއް ނޫނެވެ.

ފުރަތަމަ ހާފުގައި އީގަލްސްގެ އިބްރާހިމް އައިސަމް އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އަދި ޓީސީގެ މަހުދީ އަށް ވެސް އޭރިއާ ތެރެއިން ރަނގަޅު ބޯޅައެއް ލިބި ބޭކާރުވި އެވެ.

ދެ ވަނަ ހާފުގައި ވެސް ޓީސީ އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އޭގެ ތެރޭގައި މަހުދީ އާއި ނާފިއު އަށް ހާފުގެ ކުރީކޮޅު ލިބުނު ދެ ފުރުސަތާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އެގޮތުން 67 ވަނަ މިނެޓުގައި އިއްބެ އޭރިއާ ތެރެއިން އީގަލްސްގެ ކުޅުންތެރިއެއް ކައިރިން ދެމި ގަތުމަށް ފަހު ޖެހި ބޯޅަ އީގަލްސްގެ ޑިފެންޑަރުން މަތަކުރީ ގޯލް ރޮނގު މަތިންނެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޕޮއިންޓުގެ ގޮތުން އެއްވަރެއްގައި އޮތް ޓީމެއްގެ އަތުން މި ލިބުނީ ވަރަށް މުހިއްމު މޮޅެއް ކަމަށެވެ. އަދި ލީގުގެ ކުރީކޮޅާ ހިލާފާށް ފަހަކަށް އައިސް ލަނޑުގެ ރޭޓް ދަށްވި ނަމަވެސް ކުޅުމަށް ބަދަލު ނާންނަ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ޓީމުގެ ޕާފޯމަންސަށް ބަދަލެއް ނާދޭ. ކޮންމެ ގޮތެއް ވިޔަސް އެންމެ މުހިއްމީ ތިން ޕޮއިންޓް ލިބުން،" ނިޒާމްބެ ބުންޏެވެ.

އީގަލްސްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝާކިރު (ޝާކިއްޓެ) ބުނީ މި މެޗުން ބަލިވުމުން ކުރިއަށް އެރުމަށް އިތުރު އުނދަގުލެއް ކުރިމަތިވާނެ ކަމަށާއި އެކަމަކު އިތުރު ބުރެއް އޮތުމުން އުއްމީދު ކަނޑާނުލާ ކަމަށެވެ.

"މިއަދު ފެށުން ވަރަށް ލަސްކޮށް ދިޔައީ. އަޅުގަނޑުމެންގެ ގޭމް ނުކުޅެވުނު. ބަދަލުތަކެއް ގެނެސްގެން ކުޅުނުއިރު ބަދަލުގައި އެރުވި ކުޅުންތެރިންނަށް ވެސް، ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވި ދިޔައީ. އެ ކުޅުންތެރިންނަށް ބޭނުންވާނެ ވަގުތު،" ޝާކިއްޓެ ބުންޏެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454