ކުޅިވަރު

ޔުނައިޓެޑް ވިކްޓަރީ އަތުން މާޒިޔާ އަށް ހަނި މޮޅެއް

ޔުނައިޓެޑް ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން މާޒިޔާގެ އަސަދުﷲ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފްގައި އަސަދުﷲ އަބްދުﷲ ކާމިޔާބުކުރި ލަނޑާ އެކު 1-0 އިން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް މާޒިޔާ އިން މިއަދު ހަނި މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު މާޒިޔާ އިން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން ހަަމަކޮށްފަ އެވެ. ނިއު އަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ 15 ޕޮއިންޓް ހަމަކުރީ ފަސް މެޗުންނެވެ. މާޒިޔާ ދެ ވަނައިގައި އޮތީ ޖެހި ގޯލުން ނިއު އަށް ކުރި ލިބޭތީ އެވެ. މި ބައްޔާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތީ ހަ މެޗުން ތިން ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. މިރޭ ވެލެންސިއާ އާއި ވިކްޓަރީ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ޔުނައިޓެޑް ވިކްޓަރީ ހަތް ވަނަ އަށް ވެއްޓޭނެ އެވެ.

މެޗަށް ނުކުތްއިރު މާޒިޔާ ފުރަތަމަ އެގާރަ އަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު ދެ މެޗު ގެއްލުނު ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް ވަނީ ހިމަނައިފަ އެވެ. އަދި ސަސްޕެންޝަންގެ ސަބަބުން ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި ނުކުޅެވުނު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗު ފަށައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ މިޑްފީލްޑަރު ހުސެއިން ޝުއައިބް ވަނީ މިއަދުގެ މެޗަށް ސަސްޕެންޑްވެފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޔުނައިޓެޑް ވިކްޓަރީންނެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން މުހައްމަދު ނައްޒާމް ފޮނުވާލި ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ.

މާޒިޔާގެ ފުރަތަމަ ފުރުސަތު ލިބުނީ އެ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) އަށެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ އޭރިއާ ތެރެއިން އާއްކޮ އަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އެ ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ.

މެޗުގެ 25 ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ލިބުނު ކޯނަރަކުން އަލެކްސަންޑަ ރަކިޗް ނަގައިދިން ބޯޅަ އޭރިއާ ތެރެއިން ކޯޑޯސް ބޮލުން ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މާޒިޔާގެ ރަކިޗް (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓަރީގެ ވާޑު މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާްން އަލީ/ މިހާރު

ފުރަތަމަ ހާފްގައި މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި ޔުނައިޓެޑް ވިކްޓަރީގެ ބިދޭސި ޑިފެންޑަރު ކުޑޫސް ކެލާނީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މާޒިޔާގެ ފޯވާޑް އަސަދުﷲ އަށް ލިބުނު ގިނަ ބޯޅަތަށް ބޭނުންނުކުރެވުނީ ކުޑޫސް ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ 39 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ނާވީ މުހައްމަދު އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް ހުސްކޮށްވަދެ ނާވީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ދެ ވަަނަ ހާފް ފަށައިގެން ފަސް މިނިޓް ތެރޭ މާޒިޔާ އިން ވަނީ އާއްކޮގެ ބަދަލުގައި ހަސަން ޝިފާޒް (ޑޫންގާ) ކުޅެން އަރުވައިފަ އެވެ. ދެ ވަނަ ހާފްގައި މާޒިޔާގެ ފުރަތަމަ ފުރުސަތު ލިބުނީ ރަކިޗަށެވެ.

މެޗުގެ 56 ވަަނަ މިނިޓްގައި މުހައްމަދު އުމެއިރު ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ތެރެއިން މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ރަކިޗް ފޮނުވާލި ބޯޅަައިގައި ބާރެއް ނެތުމުން ފަސޭހަކަމާ އެކު ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އާމިރޯފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ އަޑުބަރޭގެ ބަދަލުގައި ހުސެއިން ނިޔާޒް (ބޮކުރީ) ކުޅެން އަރުވައިފަ އެވެ. އޭގެ މިނިޓެއް ފަހުން ބޮކުރީ ނަގައިދިން ހުރަހަކުން އުމެއިރު ވަނީ ގޯލެއް ޖަހައިފަ އެވެ. އެހެން ނަމަވެސް އުމެއިރު އެ ލަނޑު ޖެހީ އޮފްސައިޑްގައި ހުރެކަމަށް ލައިންސްމަން ނިންމުމުން ރެފްރީ އެ ލަނޑު ނުގުނަ އެވެ.

އޭގެ ނުވަ މިނިޓް ފަހުން އަސަދުﷲ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. އަރިމަތިން ނައްޒާމް ކައިރިން ނައްޓާލުމަށް ފަހު ބޮކުރީ ނަގައިދިން ބޯޅަ އަސަދުﷲ ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލަނޑަށް ފަހު ޔުނައިޓެޑް ވިކްޓަރީން މާޒިޔާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްނުކުރެވުނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު މާޒިޔާގެ އަމްދާން (ކ) އަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މާޒިޔާ ކަަހަަލަ ޓީމަކާ ދެކޮޅަށް އެ ޓީމުން ދެއްކީ ތައުރީފްކުރުން ހައްގު ކުޅުމެއް ކަމަށެވެ.

"ކުޅުންތެރިން ފިސާރި ކުޅެފި. ވަރަށް ސާބަސްދެން މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް މި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް. ހަގީގަތުގައި ބަލިވީ ތަޖުރިބާ އާއި ފިޒިކަލް ފިޓްނަސްގެ ތަފާތުން މިއަދު. މާޒިޔާ އިން ބޮކުރީ ކުޅެން އެރުވުމުން އޭނާގެ ސްޕީޑުގެ ބޭނުންކޮށްގެން އެ ޓީމުން މެޗު ބަދަލުވީ. އެގަޑީގައި އަޅުގަނޑުމެންގެ ކުޅުންތެރިންގެ ސަމާލުކަން ވެސް ދަށްކޮށް ދިޔައީ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ މިއަދުގެ މެޗުގައި ކުޅުނު ފެންވަރުގައި ކުރިއަށް ހުރި މެޗުތަށް އިތުރު ކަންތައްތައް ރަނގަޅުކޮށްފިނަަމަ ލީގުގެ ރަނގަޅު ހިސާބެއްގައި ޔުނައިޓެޑް ވިކްޓަރީ އަށް ނިންމާލެވޭނެ ކަމަށެވެ.

އޭއެފްސީ ކަޕްގައި އަންނަ ބުދަ ދުވަހު މޯހަން ބަގާންއާ ކުޅޭ މެޗަށް ތައްޔާރުވާން މިއަދުގެ މެޗު ލަސްކޮށްދިނުމަށް މާޒިޔާ އިން އެދުނެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ކޮށްދޭން އެފްއޭއެމުން އެއްބަހެއްނުވި އެވެ. މެޗުގެ ކުރިން ވެސް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވަނީ ކޮންމެ ގޮތަކަށް ވެސް ބޭނުންވަނީ މޮޅެއް ކަމަށެވެ.

"މިއީ އަހަރެމެން މިދިޔަ 30 ދުވަހުގެ ތެރޭގައި ކުޅުނު ނުވަ ވަނަ މެޗު. މިއީ ފަސޭހަކަމެއް ނޫން. ހަގީގަތުގައި ކޮންމެ ނަތީޖާއަކުން ވެސް މިއަދު މޮޅުވާން ބޭނުންވީ،" މެޗަށް ފަހު ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މާޒިޔާ އަށް މި ފަަދަ އުނދަގޫ ހާލަތެއްގައި ވެސް މެޗުތަކުން މޮޅުވުމަކީ އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަ އާދަޔާހިލާފު ހިތްވަރެއް ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ވެލެންސިއާ އެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލާން

01 May 2017

މާާޒިޔާ ބައްޔެއް ނުކުރެވޭނެ! މާޒިޔާ ގެ ހަވަނަ މެޗުކުޅުނީމަ އެއް ވަނައަށް އަރާނެ!!! !_! @_@ #_# %_% ^_^ &_& *_*

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454