އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް.
30 އެޕްރީލް 2017 - 15:00
ވޮޝިންޓަން (އެޕްރީލް 30) - އިންތިޚާބީ އެއްވެސް މަގާމަކަށް ވާދަކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވިދާޅުވެއްޖެ އެވެ.
ފިރިކަލުން ބަރަކް އޮބާމާގެ ރިޔާސީ ދެ ދައުރަށް ފަހު ވައިޓް ހައުސް އިން ނުކުމެވަޑައިގެންނެވި ފަހުން ތިން މަސް ތެރޭ ފުރަތަމަ ފަހަރަށް އާއްމު ފެނިލުމުގައި އޯލެންޑޯގައި އޮތް ސުވާލާއި ޖަވާބު ސެޝަނެއްގައި މިޝޭލް ވިދާޅުވީ މަތީ މަގާމަކަށް ވާދަކުރުމަކީ ހަމައެކަނި އެމީހެއްގެ އަމިއްލަ ކަމެއް ނޫން ކަމަށާއި އެއީ މުޅި އާއިލާއާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އެކަމަކު ސަރުކާރުގެ ޚިދުމަތަކީ އެންމެ އިސްކަން ދެއްވާ ކަންތައް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އާއްމުންގެ ތެރޭގައި މިޝޭލް ވާހަކަ ދެއްކެވި އިރު ރައީސް އޮބާމާ ވެސް މިދިޔަ ހަފުތާގައި ވަނީ ޝިކާގޯ ޔުނިވާސިޓީގައި ދަރިވަރުންތަކަކާ މުޚާތަބް ކުރައްވާ ތަގްރީރެއް ދެއްވައިފަ އެވެ.
އެމެރިކާގެ ފަސްޓް ލޭޑީއެއްގެ ގޮތުގައި ހުންނެވިއިރި ވެސް މިޝޭލް ވަނީ ވެރިކަމަށް ވާދަކުރައްވަފާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. ވައިޓް ހައުސް އިން ނުކުމެވަޑައިގެންނެވި އިރު އޮބާމާ އަށް ވުރެ މިޝޭލްގެ މަގްބޫލްކަން ބޮޑެވެ. އެކަމަނާ ވަނީ ހިލަރީ ކްލިންޓަންގެ ރިޔާސީ ކެމްޕޭނުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެހެންވެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ ބާރުގަދަ ހަތިޔާރަކަށް ވާނީ މިޝޭލް ކަމަށް ބެލެވުނެވެ. އެކަމަކު މިއީ ރިޔާސީ އިންތިޚާބަށް ފަހު، މިޝޭލް މި މޭރުމުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy