މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ސަންކަރްލާލް ޗަކްރަބަތީ ނޫސްވެރިންނާ ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
02 މެއި 2017 - 13:34
އިންޑިއާ ލީގު ހޯދުމުގެ މަސައްކަތް ފަހު ވަގުތު ފެނަށް ދިއުމުން ކުޅުންތެރިން ކޮންމެވެސް ވަރަކަށް މާޔޫސްވެފައިވާ ކަމަށާއި އެކަމަކު އޭއެފްސީ ކަޕުގައި މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނަން ތައްޔާރު ކަމަށް އިންޑިއާގެ މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ސަންކަރްލާލް ޗަކްރަބަތީ ބުނެފި އެވެ.
އޭއެފްސީ ކަޕުގެ ގްރޫޕުގެ އެއް ވަނަ ހޯދަން ކުރާ މަސައްކަތުގައި މާދަމާ މެޗު ދެ ޓީމަށް ވެސް ނުހަނު މުހިއްމެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އިންޑިއާގެ ބެންގަލޫރު އެފްސީ އޮތްއިރު މާޒިޔާ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ތިން ޕޮއިންޓާ އެކު ތިން ވަނައިގައި ބަގާން އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ.
ސިއްހީ ހާލަތު ތަންނުދޭތީ ކޯޗު ސަންޖޯއީ ސެން އަށް ރާއްޖެ އާދެވެން ނެތުމުން މާދަމާ މެޗުގައި ޓީމަށް އިރުޝާދުދޭ ޗަކްރަބަތީ ބުނީ އެ ޓީމުން އޮތީ އައި ލީގަށާއި އޭއެފްސީ ކަޕަށް ކުރިއާލާ ތައްޔާރުވެފައި ކަމަށެވެ.
"އެކަމަކު މިވަގުތު ހާލަތަކީ ކުޅުންތެރިން ތިބީ ކުޑަކޮށް މޯރަލީ ދަށްވެފައި. އެއީ އިންސާނީ ތޮބީއަތް މުހިއްމު ތަށްޓެއް ގެލުމުން މާޔޫސްވުމަކީ. އެކަމަކު އަދިވެސް އަހަރެމެން ޒިންމާ އަދާކުރަން ޖެހޭނެ އަހަރެމެން ކުޅުންތެރިންނަށް ހިތްވަރުދޭން ޖެހޭނެ ސަބަބަކީ ކާމިޔާބަކީ އެއްވެސް އިރަކު ކަށަވަރުކަމެއް ނޫން. އަހަރެމެން ޖެހޭނީ ކުރިއަށް ހުރި މެޗުތަކުގައި ފައިޓްކުރަން އެގޮތުން މާދަމާގެ މެޗަށް ވެސް ތައްޔާރު،" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗަކްރަބަތީ ބުންޏެވެ.
ކަލްކަތާގައި ބަގާން އަތުން މާޒިޔާ 1-0 އިން މޮޅުވި މެޗުގައި މާޒިޔާ އިން ދެއްކި ކުޅުމަށް ޗަކްރަބަތީ ތައުރީފްކުރި އެވެ. އޭނާ ބުނީ މާޒިޔާ އިން ކުޅުނީ މޮޅު ފުޓްބޯޅައެއް ކަމަށާއި އެ ޓީމުގެ ޑިފެންސް އެހާމެ އޯގަނައިޒް ކަމަށާއި އަދި ކޮމްބިނޭޝަން ކުޅުން ވަރަށް މޮޅު ކަމަށެވެ.
"މާޒިޔާ އަކީ މި ގްރޫޕުގެ އެންމެ ވަރުގަދަ އެއް ޓީމު،" ޗަކްރަބަތީ ބުންޏެވެ. "އަހަރެމެން އަމިއްލަ ދަނޑުގައި މާޒިޔާ އަތުން ބަލިވި. އެހެންވެ (ގްރޫޕުގައި) ހާލަތު އަހަރެމެންނަށް ދަށްކޮށް އޮތީ. އެކަމަކު މި ހާލަތުގައި އޮތީ އެންމެ ގޮތެއް އެއީ މޮޅުވުން. ވަރަށް އުނދަގޫވާނެ މާދަމާގެ މެޗު އެކަމަކު މޮޅުވާން ޖެހޭ."
އޭނާ ބުނީ ބައެއް ކުޅުންތެރިން ހުރިހާ މެޗެއް ކުޅޭ ކަމަށާއި އެހެންވެ ވަރުބަލިކަން ހުރުމާއި އަނިޔާގެ މައްސަލަތައް ހުރުމުން، ފިޓްކޮށް ތިބި ކުޅުންތެރިންނަށް ބައެއް މެޗުތަކުން ފުރުސަތުދޭ ކަމަށެވެ. ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅުމުގެ ސަބަބުން ޖުމްލަކޮށް ވަރުބަލިކަން ބޮޑުތޯ އެހުމުން އޭނާ ބުނީ އެއީ އުޒުރެއް ނޫން ކަމަށެވެ.
"މިދިޔަ ތިން އަހަރު އަހަރެމެން ގަވާއިދުން ދަތުރުކުރަން ޖެހޭ. އެހެންވެ އެފަދަ އުޒުރެއް ދައްކާކަށް ނެތިން ދަތުރު ނުވަތަ މޫސުމާ ގުޅިވައިގެން،" އޭނާ ބުންޏެވެ.
ބަގާން އިން އައި ލީގު ކާމިޔާބުކުރާނެ ކަމަށް ބެލެވުނަސް ފަހު ވަގުތު އެ ޓީމު ފަހަތަށް ޖައްސާލައި ލީގު ކާމިޔާބުކުރީ އިންޑިއާގެ އާދައިގެ ޓީމެއް ކަމަށްވާ އައިޒަވާލް އެފްސީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy