ކުޅިވަރު / އޭއެފްސީ ކަޕް 2017

ފައިދާ ނެގޭނީ ސަޕޯޓަރުންގެ އެހީ ލިބިގެން: އަސަދުﷲ

މާލޭ ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މާޒިޔާގެ ފޯވާޑް އަސަދުﷲ (ވ) ބޯޅަ ހިފައިގެންދަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕްގައި މިއަދު ހަވީރު މޯހަން ބަގާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ ނެގޭނީ ސަޕޯޓަރުންގެ އެހީ އެންމެ ފުރިހަމަ އަށް ލިބިގެން ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އޭއެފްސީ ކަޕްގައި އެންމެ ފަހުން މާޒިޔާ މާލޭގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވި މެޗުގައި ސަޕޯޓަރުންގެ ފަރާތުން މާޒިޔާ އަށް މާ ބޮޑު ފައިދާއެއް ނުނެގޭތީ އެކަން މި މެޗުގައި ރަނގަޅުވުމަކީ މާޒިޔާގެ އެދުމެކެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ސަޕޯޓަރުން އައިސް މާޒިޔާ އަށް ސަޕޯޓް ކޮށްދިނުމަކީ. ދަނޑަށް އައިސް އިދިކޮޅު ޓީމަށް ސަޕޯޓްކުރުމަށް ވުރެ މާޒިޔާ އަށް ކޮށްދީފިއްޔާ ވަރަށް ބޮޑު ހިތްވަރަކަށްވާނެ،" އަސަދުﷲ ބުންޏެވެ.

އޭއެފްސީ ކަޕްގެ މި ޒޯނުގެ ގްރޫޕްތަކުން ދެ ވަނަ ބުރަށް ދެވެނީ އެއް ޓީމަކަށެވެ. ގްރޫޕް އީގެ އެއް ވަނައިގައި މި ވަގުތު ބެންގަލޫރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބަގާނަށް ލިބިފައިވަނީ ތިން މެޗުން ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މާޒިޔާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކަލްކަތާގައި ބަގާންގެ މައްޗަށް 1-0 އިން ކުރިހޯދައިފަ އެވެ. މިއީ ފަހަކަށް އައިސް ރާއްޖޭގެ ޓީމަކުން އިންޑިއާ ކްލަބެއްގެ މައްޗަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

އަސަދުﷲ ބުނީ އެ މެޗުގެ ނަތީޖާއިން މާ ބޮޑު އަސަރެއް މި މެޗަށް ނުކުންނާނެ ކަމަށެވެ.

"އެ މެޗު އެއޮތީ ނިމިފައި. މި މެޗުގެ 90 މިނިޓް ދެން އޮންނާނީ. ކުރިން ކުޅެފައި އިން މެޗުގެ މާބޮޑު އެޑްވާންޓޭޖެއް ނޯންނާނެ. އެކަމަކު އެ ޓީމު ބަލިކޮށްފައި އިނީމަ ކޮންމެ ކުޅުންތެރިއެއްގެ ހިތުގައި އިންނާނެ އެއީ ނުވާނެ ކަމެއް ނޫންކަން. އެ ކޮންފިޑެންސް އިންނާނެ،" އަސަދުﷲ ބުންޏެވެ.

ގާތްގާތުގައި ގިނަ މެޗުތައް ކުޅެން ޖެހުމަކީ މާޒިޔާ އަށް މި ވަގުތުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. އަސަދުﷲ ބުނީ މި ހާލަތުގައި ވެސް ކުޅުންތެރިންގެ ވިސްނުމަކީ މެޗު ކާމިޔާބު ކުރުން ކަމަށެވެ.

"ވަރަށް ވަރުބަލިކޮށް ހުރިހާ ކުޅުންތެރިން ވެސް ތިބީ. ގާތްގާތުގައި ގިނަ މެޗުތަކުގައި ކުޅުނު އަށް ވަރަކަށް ކުޅުންތެރިން ވަރަށް ވަރުބަލިކޮށް ތިބީ. އެކަމަކު އެއީ މެޗަށް ނުކުމެފައި ވިސްނާނެ ކަމެއް ނޫން. ހުރިހާ ހިތްވަރެއް ލައިގެން މެޗުން މޮޅުވާން ނުކުންނާނީ. އެ ވިސްނުމުގައި ކުރިން މެޗުތަކުގައި ހެދިފައި ހުރި ގޯސްތައް ރަނގަޅުކޮށް އެއް އަޒުމެއްގައި މޮޅުވާން މިތިބީ،" އޭނާ ބުންޏެވެ.

މިއީ މާޒިޔާ އޭއެފްސީ ކަޕްގައި ވާދަކުރާ ފަސް ވަނަ އަހަރެވެ. މީގެ ކުރިން އެ ޓީމު އޭއެފްސީ ކަޕްގައި ވާދަކޮށްގެން އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވެ އެވެ. އެކަމަކު އެ ކްލަބްގެ ތާރީހުގައި ގެނައި ފުރަތަމަ ބިދޭސީ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީގެ ކޯޗުކަމުގައި މިހާތަނަށް އޭއެފްސީ ކަޕްގައި އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ.

"ކޯޗުދޭ ކޮންފިޑެންސާއި ޓީމު ބިނާކޮށްފައި އިންނަގޮތާއި މިހުރިހާ ކަމެއް ތަފާތު. މިސާލަކަށް ރަށުން ބޭރުގައި ދެ މެޗުން މި މޮޅުވީ އޭއެފްސީ ކަޕްގެ އެއް ސީޒަނެއްގައި ފުރަތަމަ ފަހަރު. ކޯޗުގެ ވިސްނުން ހުރޭ އިދިކޮޅު ޓީމު ކުޅޭނެ ގޮތުގެ ވެސް. އެކަމަކު އެއަށް ވުރެ ބޮޑަށް އޭނާ ވިސްނަނީ މާޒިޔާ ކުޅުންތެރިންގެ ސްޓްރެންތަށް،" އޭނާ ބުންޏެވެ.

"އެ ކުޅުންތެރިއެއްގެ ހުރި ކޮލިޓީއެއް އެންމެ ރަނގަޅަށް ދައްކަން ކޯޗު އެހީވެދޭ. އޭނަ އަށް އެނގޭ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކަން ކުޅުވަންވީ މަގާމުތައް ވެސް."

މިދިޔަ އަހަރު ބަގާން އާއި މާޒިޔާ މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަަދި މި ފަހަރުގެ އޭއެފްސީ ޕްލޭއޮފް ބުރުގައި ވެލެންސިއާއާ ދެކޮޅަށް މާލޭގައި ބަގާން ކުޅުނު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

މާޒިޔާ އާއި ބަގާން ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޕޯޓަރު

03 May 2017

ސަޕޯޓަރުން ނެތި މިހާރު (63ވަނަމިނެޓްގަ) އެއޮތީ 1-5 . ފަންސާހަކަށް މީހުން އެއޮށް ބޮޑު ސްޓޭޑިއަމްގަ. މީ މިހާރު ފުޓްބޯޅަައިގެ ފޯރި ނެތްކަން އެނގޭ ސާފު ހެއްކެއް. ޢަދި އަމުދުން ބޭރު ޓީމަކާ ކުޅޭއިރު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454