ވިމެން ފޯ ވިމެން އިވެންޓުގައި ހިލަރީ. --ފޮޓޯ:ރޮއިޓާސް
03 މެއި 2017 - 11:29
ވޮޝިންޓަން (މެއި 3) - އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ދެ މީހަކު ކަންތައް ކުރި ގޮތުން ކަމަށް ޑޮނަލްޑް ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
ޗެރިޓީ އިވެންޓެއްގައި އެކަމަނާ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 27 ވަނަ ދުވަހު ބޭއްވި ނަމަ ކާމިޔާބު ކުރެވުނީސް ކަމަށެވެ.
"އޮކްޓޯބަރު 27 ވަނަ ދުވަހު އިންތިޚާބު ބޭއްވި ނަމަ އަޅުގަނޑު ވާނީ ތިޔަ ބޭފުޅުންގެ ރައީސް އަށް. އެފްބީއައިގެ ޑިރެކްޓަރު ޖިމް ކޯމޭ އޮކްޓޯބަރު 28 ވަނަ ދުވަހު ސިޓީ ފޮނުވުމާ ހަމައަށް އަޅުގަނޑު އުޅުނީ ކުރީގައި. އެ ސިޓީ އަށް ފަހު އަޅުގަނޑަށް ވޯޓުލާން ތިބި ބައެއް މީހުންގެ ޚިޔާލު ބަދަލުވި،" ނިއު ޔޯކުގައި ބޭއްވި ވިމެން ފޯ ވިމެންގެ އަހަރީ ބައްދަލުވުމުގައި ސީއެންއެންގެ ކްރިސްޓިއާނާ އަމްޕޯއާ އެކު ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއްގައި ހިލަރީ ވިދާޅުވި އެވެ.
ވިމެން ފޯ ވިމެން އިވެންޓުގައި ސީއެންއެންގެ ކްރިސްޓިއާނާ އެކު ހިލަރީ ވާހަކަ ދައްކަވަނީ. --ފޮޓޯ:ރޮއިޓާސް
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން 10 ދުވަހަށްވެފައި ވަނިކޮށް، ރޭހުގެ ކުރީގައި އުޅުއްވި ހިލަރީގެ އީމޭއިލްގެ އާ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ އެފްބީއައި އިން ވަނީ ކޮންގްރެސްގެ މެންބަރުންނަށް ސިޓީ ފޮނުވައިފަ އެވެ. އަދި ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ސާވާ ބޭނުންްކުރި މައްސަލައިގެ އާ ތަހުގީގެއް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ދެ ވަނަ މީހެއް ކަމަށް ހިލަރީ ވިދާޅުވެފައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކަމަށެވެ. ކެމްޕޭނުގެ އިންޓާނަލް އީމެއިލް ހެކްކޮށް ވިކިލީކްސް މެދުވެރިކޮށް ރަޝިޔާ އިން ބައެއް މައުލޫމާތު ބޭޒާރު ކުރުމުން ވެސް ވޯޓުލާން ތިބި ބައެއް މީހުންގެ ޚިޔާލު ބަދަލުވި ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"އޭނާ (ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން) ވަނީ އެމެރިކާ އިންތިޚާބަށް ނުފޫޒު ފޯރުވަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި. އޭގެ ސަބަބުން އަޅުގަނޑަށް ގެއްލުންވެ ވާދަވެރިންނަށް ފައިދާކުރި،" ހިލަރީ ވިދާޅުވި އެވެ.
އިލެކްޓޯރަލް ކޮލެޖް ވޯޓުން އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީ ވަނީ އާއްމުންގެ ތިން މިލިއަން ވޯޓު ހޯއްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
03 May 2017
ތީ ކޮންކަހަލަ ހަމއެއް ކޮން އިލެކްޓޯރަލް ވޯޓެއް/ ޑިމޮކްރަސީ އަކީ ރައްޔިތުން
ރޯލްކޯލް
03 May 2017
އެއީ ޑިމޮކްރަސީ އެއްނޫން އެއަށް ކިޔާނީ އެހެން ނަމެއް.
♞ އަސްގެ
03 May 2017
އެމެރިކާގައި އޮތީ ޑިމޮކްރެޓިކް ގަވަނިން ސިސްޓަމްއެއް. ރައީސުން އިންތިހާބު ކުރަނީ ޕޮޕިއުލާ ވޯޓަކުން ނޫނެވެ.
ބަކުރު އެންޑް ޒުބޭރް
03 May 2017
އަސްލު މީހުންގެ މީހުންގެ ވޯޓުން ހިލަރީއަށް ކާމިޔާބުވި. ދެން "އިލްކްޓޯރަލް ކޮލެޖުން" ހިލަރީ ކަޓުވާލީ. އެހެންވީމާ ހިލާރީ ތިކިޔާއެއްޗެއްގާ އުރަތްޕެއް ނެތް. މީސްމީހުން ބޮލުގާ ކަންކަން އެޅުވުމުގެ ބޭނުމެއް ނެތް.