ރައީސް ޑޮނަލްޑް ޓްރަމްޕް: ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަކީ މުސްލިމުންނާ ދެކޮޅު ފިޔަވަޅެއް ނޫން ކަމަށް. --ފޮޓޯ:އޭއެފްޕީ
09 މެއި 2017 - 11:48
ވޮޝިންޓަން (މެއި 9) - ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަކީ މުސްލިމުންނާ ދެކޮޅަށް އެޅި ފިޔަވަޅެއް ނޫން ކަމަށް އެމެރިކާ ސަރުކާރުން ކޯޓުގައި ބުނެފި އެވެ.
މުސްލިމް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ބައެއް ސްޓޭޓްތަކުން ވަނީ ކޯޓު މެދުވެރިކޮށް އެ އަމުރު ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. ވަކި ދީނެއްގެ ބަޔަކު އެމެރިކާ އަށް ވަނުން މަނާ ނުކުރެވޭނެ ކަމަށް ގާނޫނީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ ދީނަށް ބަލައިގެން ތަފާތު ނުކުރެވޭނެ ކަމަށް އެމެރިކާގެ ގާނޫނު އަސާސީގައި ބުނެފައިވާތީ އެވެ. އެ މައްސަލާގައި އެމެރިކާ ސަރުކާރުން ބުނީ މުސްލިމް ބައެއް ގައުމުތަކުގެ މީހުން މަނާކުރީ ގައުމީ ސަލާމަތަށް ޓަކައި ކަމަށެވެ.
"ރައީސް ޓްރަމްޕުގެ ނިންމެވުމުގެ ފަހަތުގައި އެއްވެސް ދީނެއް ތަފާތު ކުރުމެއް ނެތް. ޓްރަމްޕް ވަރަށް ސާފުކޮށް ވިދާޅުވެފައިވޭ އެމަނިކުފާނު ދައްކަވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވާ މުސްލިމުންގެ ވާހަކަ ނޫންކަން،" ރިޗްމޮންޑުގެ ފޯތު ސާކިޓް ކޯޓް އޮފް އެޕީލްސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ވަގުތީ ސޮލިސިޓާ ޖެނެރަލް ވިދާޅުވި އެވެ.
ރައްދުގައި އެމެރިކަން ސިވިލް ލިބިޓީސް ޔޫނިއަންގެ ވަކީލް އުމަރު ޖަދުވަތު ވިދާޅުވީ ޓްރަމްޕް ބޭނުން ވަނީ މުސްލިމުން މަނާކުރުންކަން ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ބާވަތުން ވަނީ ރިޗްމޮންޑް އެޕީލްސް ކޯޓުގެ 15 ފަނޑިޔާރުންގެ ތެރޭން 13 ފަނޑިޔާރުން ބެންޗުގައި ހިމެނިފަ އެވެ. ދެ ފަނޑިޔާރަކު ޕެނަލުން ވަކިވީ އެ މައްސަލައިގައި އެ މީހުންގެ މަސްލަހަތު ފުށުއަރާތީ އެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތަށް ވެސް ވަރުގަދަ ސުވާލުތަކެއް ކޮށްފަ އެވެ.
ޖެނުއަރީ މަހު ޓްރަމްޕް ނެރުއްވި އަމުރުގައި ވަނީ ހަތް ގައުމުގެ މުސްލިމުން ތިން މަސް ދުވަހަށް އެމެރިކާ އަށް ވަނުން މަނާކޮށްފަ އެވެ. ނަމަވެސް ކޯޓުން އެ އަމުރު ހުއްޓުވުމުން މާޗް މަހު ޓްރަމްޕް ނެރުއްވި އަމުރުގައި ވަނީ އެ ލިސްޓުން އިރާގު އުނިކޮށް އީރާން، ލީބިއާ، ސޯމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަން މީހުން އެމެރިކާ އަށް ވަނުން މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހޫރާ
09 May 2017
އެއީތެދެއް މުސްލިމަކަށް ދެރަގޮތެއްވެދާނެތީ ޓްރަމްޕް އެގޮތަށް ނިންމެވީ. ކިހާހެޔޮފުޅުދޯ؟
ގެދާނޯމޮސް
09 May 2017
އެކަމަކު މުސްލިމު ޤައުމު ތަކުގައި އުޅޭދޮން މީހުން އެރުން މަނާކުރީ އުތަ..!